ހދ. ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓް ބޮޑުކުރުމުގެ މަޝްރޫޢުގެ ތެރެއިން އެ ސަރަހައްދުން ނަގާފައިވާ ބޮޑެތި ގަސްތައް ހަނިމާދޫ ކައުންސިލުގެ ހުއްދަ ނުހޯދައި ބޭރުކުރާތީ އެ ރަށު ކައުންސިލުން ކަންބޮޑުވުން ފާޅުކޮށްފިއެވެ.
ހަނިމާދޫ އެއާޕޯޓް ބޮޑުކުރުމުގެ ޕްރޮޖެކްޓްގެ ތެރެއިން އެ ސަރަހައްދުން ނެގި ބައެއް ބޮޑެތިގަސްތައް ކައުންސިލުގެ ހުއްދަ ނުހޯދައި އެ ރަށުން ބޭރުކުރާ މައްސަލައެއް މިދިޔަ މާޗު މަހުގެ ފަހުކޮޅު ވެސް ވަނީ ފެންމަތިވެފައެވެ. މި މައްސަލަ އެ ކައުންސިލުން ވަނީ އީޕީއޭގެ ސަމާލުކަމަށް ވެސް ގެނެސްފައެވެ.
މިކަމާއި ގުޅޭގޮތުން "ތިލަދުން" ނޫހަށް މަޢުލޫމާތު ހިއްސާކުރައްވަމުން ހަނިމާދޫ ކައުންސިލުގެ ނައިބް ރައީސް ފިރާޤް މުޙައްމަދު ވިދާޅުވެފައި ވަނީ ހަނިމާދޫ އެއާޕޯޓް ބޮޑުކުރުމުގެ ޕްރޮޖެކްޓްގެ ދަށުން އެތަނުން ނަގާފައިވާ ބޮޑެތި ގަސްތައް އެ ކައުންސިލުގެ ހުއްދަ ނުހޯދައި އެ ރަށުން ބޭރުކުރާ މައްސަލަ އީޕީއޭގެ ސަމާލުކަމަށް ކުރިންވެސް ގެނެސްފައިވާ ކަމަށެވެ.
Hanimaadhoo Airport hadhaa sarahadhun @HanimaadhooC hudha nethi ruh gass beyrukuraathy huttuvaafa vanikoh anehkaaves ruh gass beyrukohfi, mikan vaany @EPAMaldives ge samaalu kamah genessa, namaves huttumeh nethi ekan dhany kuriya, pic.twitter.com/lIc00Ef4I9
— Firaaq Mohamed (@FiraaqMohamed_) April 29, 2023
އެތަނުންނަގާ ހުރިހާގަހެއް ހަނިމާދޫގައި އިންދުމަކީ ވާނޭކަމެއް ނޫން ކަމަށާއި ވުމާއިއެކު އެތަނުން ނަގާ ބޮޑެތި ގަސްތައް ހަނިމާދޫ ކައުންސިލިން ދައްކާ ތަންތާގައި އިންދުމަށް ފަހު ބާކީވާ ގަސްތައް ކައުންސިލުން ހުއްދަ ހޯދުމަށް ފަހު އެ ރަށުން ބޭރުކުރުމަށް އީޕީއޭއިން ހުއްދަދީފައިވާ ކަމަށެވެ. ނަމަވެސް ގަސްތައް ބޭރުކުރަމުން ދަނީ އެއްވެސް ވަރަކަށް ކައުންސިލުން ހުއްދަނަގައިގެން ނޫން ކަން ފިރާޤު ވަނީ ފާހަގަ ކުރައްވާފައެވެ.
ފިރާޤު އިތުރަށް ވިދާޅުވެފައި ވަނީ އެއާޕޯޓް މަސައްކަތް ކުރަމުން އަންނަ ޖޭއެމްސީން އެ ގަސްތަކާއި ގުޅޭގޮތުން ކައުންސިލާއި އެއްވެސް މަޝްވަރާއެއް ވެސް ކޮށްފައިނުވާ ކަމަށެވެ.
ހަނިމާދޫ އެއާޕޯޓް ބޮޑުކުރުމުގެ ޕްރޮޖެކްޓްގެ ދަށުން އެތަނުން ނަގާ ގަސްތައް ހަނިމާދޫ ކައުންސިލުން ދައްކާ ތަނެއްގައި އިންދުމަކީ ޕްރޮޖެކްޓް ހިންގާ ފަރާތުގެ ޒިންމާއެކެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!