އުފާވެރި ފިޠުރު ޢީދާ ކުރިމަތިލާއިރު، އެއްވެސް ސަބަބަކާ ހުރެ، މީހަކާ މެދު ހިތުގައި ރުޅިވެރިކަމެއް ނުވަތަ ދެކޮޅުވެރިކަމެއް އަދި ހިތްހަމަނުޖެހުމެއް އޮތް ނަމަ، އެމީހަކަށް ހިތް ހެޔޮކޮށް މަޢާފްކުރުމާއެކު، އަލުން ގުޅުން އުފެއްދުމަށް އިސް ނެގުމަށް ހާއްސަ ސަމާލުކަމެއް ދޭންޖެހޭ ކަމަށް ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެެއްޖެއެވެ.
އެމަނިކުފާނެ މިހެން ވިދާޅުވީ ބަރަކާތްތެރި ފިޠުރު ޢީދުގެ މުނާސަބަތުގައި ދިވެހި އެންމެހާ ރައްޔިތުންނަށް ރޭ ފޮނުއްވި ތަހުނިޔާގެ ޚިޠާބުގައެވެ.
ފިތުރުގެ މުނާސަބަތުގައި، ރައީސް ފޮނުއްވި ޚިޠާބުގައި ވިދާޅުވެފައި ވަނީ، މިއަދު މި ފާހަގަކުރާ އުފާވެރި ޢީދަކީ، ރޯދައިގެ އަޅުކަމުން ލިބިދިން ފިލާވަޅުތަކާއި އިޙްސާސްތަކާއި ތަޖުރިބާތަކުގެ ބޭނުން ހިފުމަށް، ވަރަށް އެކަށީގެންވާ ދުވަހެއް ކަމަށެވެ. އެކަމުގައި ވެސް އިސްކުރަންވީ މައިންބަފައިންނާއި ދަރިންނާއި ގާތްތިމާގެ މީހުން ކަމަށް ރައީސް ވިދާޅުވިއެވެ.
އެއަށް ފަހުގައި އެކުވެރިންނާއި ރަޙްމަތްތެރިންކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ، ޢީދުގެ ޙަޤީޤީ އުފަލެއްކަމުގައި ކޮންމެ މީހަކު ވެސް ހަދަންވީ، އެމީހެއްގެ މައިންބަފައިންނާއި އަނބިދަރިންނާއި ގާތްތިމާގެ މީހުންނާ އެކުގައި އުފާވެރި ވަގުތުކޮޅެއް ހޭދަކޮށް، އެކަކު އަނެކަކާ ސަލާންގަލާންކޮށް، ހިތުގެ ޚާލިޞްކަމާއި ހިތްހެޔޮކަން ފާޅުކުރުން ކަމަށެވެ. އަދި އެކުވެރިންނާއި ރަޙްމަތްތެރިންނާ ބައްދަލުކޮށް، ޢީދުގެ ތަހުނިޔާ ބަދަލުކުރުންކަމަށެވެ.
''ވަކިން ޚާއްޞަ ސަމާލުކަމެއް ދޭންވީ، އެއްވެސް ސަބަބަކާ ހުރެ، މީހަކާ މެދު ހިތުގައި ރުޅިވެރިކަމެއް ނުވަތަ ދެކޮޅުވެރިކަމެއް އަދި ހިތްހަމަނުޖެހުމެއް އޮތް ނަމަ، އެމީހަކަށް ހިތް ހެޔޮކޮށް މަޢާފްކުރުމާއެކު، އަލުން ގުޅުން އުފެއްދުމަށް އިސް ނެގުމަށެވެ.'' ރައީސް ވިދާޅުވެފަވެއެވެ.
ބަރަކާތްތެރި ރަމަޟާން މަހާއި އެ މައްސަރާ ވިދިގެން އަންނަ ފިޠުރު ޢީދަކީ، މާތް ﷲ އަޅުގަނޑުމެންނަށް ދެއްވި، ގުނައި ޢަދަދު ނުކުރެވޭހާ ގިނަގުނަ ނިޢުމަތްތަކަށް ޝުކުރުވެރިވުމުގެ މޫސުމެއް ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.
''އަޅުގަނޑުމެންގެ ދިވެހި މުޖްތަމަޢަށް ބަލާއިރު، އެކަލާނގެ އަޅުގަނޑުމެންނަށް ދެއްވި އެންމެ މަތިވެރި އެއް ނިޢުމަތަކީ، ދިވެހިންގެ މެދުގައި މިއޮތް އެކުވެރިކަމާއި އެއްބައިވަންތަކަމާއި ޞުލްޙަ މަސަލަސްކަމެވެ. އެހެންކަމުން، މި އުފާވެރި ފިޠުރު ޢީދުގެ އުފާ ފާހަގަކުރުމާ ކުރިމަތިލާއިރުވެސް އަޅުގަނޑުމެން އެންމެ ބޮޑު އިސްކަމެއް ދޭންވީ، އެ މަތިވެރި ނިޢުމަތަށް ޝުކުރުވެރިވުމަށެވެ.'' ރައީސް ވިދާޅުވެފަވެއެވެ.
އެކަމަށް ޝުކުރުވެރިވުމަކީ، އެ މަތިވެރި ނިޢުމަތް ދެއްވިކަމުގެ މައްޗަށް ހިތުގެ އަޑިން ރުހި، އެ ނިޢުމަތް އެ ގޮތުގައި ދެމެހެއްޓުމަށް އަޅުގަނޑުމެން ކޮންމެ މީހަކުމެ ގަދައަޅައި މަސައްކަތް ކުރުން ކަމަށް ވެސް ރައީސް ޞާލިޙްގެ ޚިޠާބުގައި ވިދާޅުވެފަވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!