1444 ވަނަ އަހަރުގެ އިޙްޔާ ފޯރަމްތަކުގެ ފައިނަލް ގުރުއަތުން ވަނަތަކަށް ހޮވުނު ފަރާތްތައް އިޢުލާންކޮށްފިއެވެ.

ބުދަ ދުވަހުގެރޭ އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމުގައި ބޭއްވި އިޙްޔާ ފޯރަމްގެ އެންމެ ފަހު ޖަލްސާގައި، މާލޭގައި ބޭއްވި ފޯރަމްތަކުގެ ފައިނަލް ގުރުއަތުން ހޮވުނު ފަރާތްތަކުގެތެރެއިން އެއްވަނައަށް ދިޔަ ފަރާތްތަކަށް އިނާމުދެއްވީ ނައިބު ރައީސް ފައިޞަލް ނަސީމެވެ.

Ad
rt

މިގުރުއަތުން އެއްވަނައަށް ހޮވިފައިވަނީ IFP 4258 އަށް ލިބުނު އިނާމަކީ ސްޓެލްކޯއިން ސްޕޮންސަރކޮށްފައިވާ ޢުމްރާ ދަތުރެކެވެ. ދެވަނައަށް ހޮވިފައިވަނީ IFP 1961 އަށް ލިބިފައިވަނީ އުރީދޫއިން ސްޕޮންސަރ ކޮށްފައިވާ S21ގެ ސްމާޓްފޯނެކެވެ. އަދި ތިންވަނައަށް ހޮވިފައިވަނީ IFP 496 އަށް ލިބުނު އިނާމަކީ ރެއިންބޯއިން ސްޕޮންސަރކޮށްފައިވާ ސޯފާ ސެޓެކެވެ.

މި އަހަރު ޖުމްލަ 20 އިޙްޔާ ފޯރަމް ބާއްވާފައިވާއިރު، އޭގެ ތެރޭގައި މާލެސިޓީއާއި އަތޮޅުތެރޭގައި ބޭއްވި އިޙްޔާ ފޯރަމްތައް ހިމެނެއެވެ.

އަތޮޅުތަކުގެ އިޙްޔާ ފޯރަމްތަކުގެ ފައިނަލް ގުރުއަތުނެގުން ބާއްވާފައިވަނީ 14 އެޕްރިލް ގައި ފުވައްމުލައް ސިޓީގައި ބޭއްވި ފޯރަމްގައެވެ.

މި އަހަރުގެ ރަމަޟާން މަހު ކުރިއަށްގެންދިޔަ އިޙްޔާ ފޯރަމްތަކުގެ ތެރޭގައި ދަރިވަރުންނަށް ޚާއްސަކޮށްގެން ވެސް އިޙްޔާ ފޯރަމްތަކެއް މުޅިން އަލަށް ވަނީ ބާއްވާފައެވެ.

އެގޮތުން ޖުމްލަ 4 ސްކޫލެއްގެ 4 ފޯރަމެއް ކުރިއަށްގެންދެވުނުއިރު، މި ފޯރަމްތަކުގައި ބައިވެރިވެފައިވަނީ އަލް މަދްރަސަތުލް ޢަރަބިއްޔަތުލް އިސްލާމިއްޔާ، ވިލާ އިންޓަރނޭޝަނަލް ހައި ސްކޫލް، އަޙްމަދިއްޔާ އިންޓަރނޭޝަނަލް ސްކޫލް އަދި ސެންޓަރ ފޮރ ހަޔަރ ސެކަންޑަރީ އެޑިޔުކޭޝަން (ސީ.އެޗް.އެސް.އީ) އެވެ.

ބުދަ ދުވަހުގެ ރޭގެ ޖަލްސާގައި ދަރިވަރުންގެ އިޙްޔާ ފޯރަމްތަކުގެ ތެރެއިން އެންމެ ރަނގަޅު ހުށަހެޅުމެއް ހުށަހެޅި ސްކޫލަކަށް ހޮވިފައިވަނީ ސެންޓަރ ފޮރ ހަޔަރ ސެކަންޑަރީ އެޑިޔުކޭޝަން (ސީ.އެޗް.އެސް.އީ) އެވެ.

މި ޖަލްސާގައި ވާހަކަ ދައްކަވަމުން އިސްލާމިކް މިނިސްޓަރ ޑރ އަޙްމަދު ޒާހިރު ޢަލީ ވިދާޅުވީ މިހާތަނަށް، އެހެން އެއްވެސް ސަރުކާރަކުން ރަމަޟާން މަހެއްގައި ނުބާއްވާހާ ގިނަ ޕްރޮގްރާމްތައް މި އަހަރު ބޭއްވިފައިވާ ކަމަށެވެ.

މި ޕްރޮގްރާމްތައް ކުރިއަށް ގެންދެވުމުގައި ގިނަ ބައެއްގެ އެހީތެރިކަން ލިބިފައިވާތީ އެފަރާތްތަކަށް މިނިސްޓަރ ވަނީ ޝުކުރު އަދާކުރައްވާފައެވެ.