ރައްޔިތުންގެ މަޖިލީހުގެ ކ. ގުރައިދޫ ދާއިރާގެ ގޮނޑިއަށް އަލަށް އިންތިޚާބުވި އިބްރާހިމް ޝާޒު، މަގާމުގެ ހުވާ ކުރައްވާނީ މި އޭޕްރިލް 24 ވާ ހޯމަ ދުވަހު ކަމަށް މަޖިލީހުގެ އިދާރާ އިން ވިދާޅުވެއްޖެއެވެ.

އެ އިދާރާއިން މީޑިއާ އަށް މައުލޫމާތު ހިއްސާކުރުމަށް ހަދާފައިވާ ވަޓްސްއެޕް ގުރޫޕުގައި ވަނީ ޝާޒު، މަގާމަުގެ ހުވާ ކުރައްވާނީ އެ ދުވަހުގެ ހެނދުނު 10:00 ގައި ކަމަށެވެ.

Ad
rt

މީގެ އިތުރުން އެ ދުވަހު އޮންނަ މަޖިލީހުގެ ޖަލްސާގައި ޝާޒު ބައިވެރިވެވަޑައިގަންނަވާނެ ކަން ވެސް ވަނީ ވިދާޅުވެފައެވެ.

މި އޭޕްރިލް މަހުގެ 15 ވީ ހޮނިހިރު ދުވަހު ބޭއްވި އެ ދާއިރާގެ ބައި-އިލެކްޝަންގެ ދާއިމީ ނަތީޖާ ދައްކާގޮތުން އެމްޑީޕީ އިން ވާދަކުރެއްވި ޝާޒަށް 1,346 ވޯޓު ވަނީ ލިބިވަޑައިގެންފައެވެ. އެއީ ވޯޓުލީ މީހުންގެ ނިސްބަތުން 49.96 އިންސައްތައެވެ.

އެ ބައި-އިލެކްޝަންގައި ދެން ވާދަކުރެއްވި ޕީޕީއެމްގެ ހުސެން ރިޟާ އަށް 1226 ވޯޓު ލިބިވަޑައިގެންނެވިއިރު، އެއީ ވޯޓުލީ މީހުންގެ ނިސްބަތުން 45.51 އިންސައްތައެވެ. އެމްއެންޕީގެ ކެނޑިޑޭޓު އަލީ އަރީފަށް ވަނީ 122 ވޯޓު ލިބިވަޑައިގެންފައެވެ. އެއީ ވޯޓްލީ މީހުންގެ 4.53 އިންސައްތައެވެ.

މި އިންތިޚާބުގައި ޖުމްލަ 2755 މީހުން ވަނީ ވޯޓުލާފައެވެ. އެއީ 1431 ފިރިހެންނުންނާއި 1324 އަންހެނުންނެވެ. ބާތިލު ވޯޓުގެ އަދަދަކީ 61 އެވެ.

މަޖިލީހުގެ ގުރައިދޫ ދާއިރާގެ ބައި އިލެކްޝަން އިލެކްޝަންސް ކޮމިޝަނުން ބޭއްވީ އެ ދާއިރާގެ މެމްބަރުގެ ގޮތުގައި ހުންނެވި، އިބްރާހިމް ރިޟާ ކެންސަރު ބައްޔަށް ފަރުވާހޯއްދަވަމުން ގެންދަވާތާ ދެ އަހަރެއްހާ ދުވަސްވެފައި ވަނިކޮށް، އަވަހާރަވުމުންނެވެ. އޭނާ އަވަހާރަވީ ފަރުވާ ހޯއްދެވުމަށް މެލޭޝިއާގައި ހުންނަވަނިކޮށެވެ.