ދިރިއުޅުމުގައި ދިމާވާ ކޮންމެ ޙާލަތަކަށްވެސް ރުހެންޖެހޭކަމަށް އައްޝައިޚް ނަސްރުﷲ ޢަލީ ވިދާޅުވެއްޖެވެ.
މަސްޖިދުލް ސުލްޠާން މުޙައްމަދު ތަކުރުފާނުލް އަޢުޒަމްގެ އިމާމްގެ ގޮތުގައި ހުންނެވި، ޝައިޚް ނަސްރުﷲ މިހެން ވިދާޅުވީ 1444 ވަނަ އަހަރު އަތޮޅުތަކަށް ޚާއްސަކޮށްގެން ބޭއްވި އެންމެ ފަހު އިޙްޔާ ފޯރަމްގައި، ފުވައްމުލައް ސިޓީގައި ތަޤްރީރުކުރައްވަމުންނެވެ.
ފުވައްމުލައް ސިޓީގައި ބޭއްވި އިޙްޔާ ފޯރަމްގެ މައުޟޫއަކީ ''ﷲގެ ނިޔާއަށް ރުހުން'' އެވެ. މި މައުޟޫޢަށް މި ފޯރަމްގައި ތަޤްރީރުކުރައްވަމުން އައްޝައިޚް ނަސްރުﷲ ވިދާޅުވީ ޙަޔާތުގައި މުސީބާތެއް ދިމާވުމުން، ދުޢާކޮށް އެ މުސީބާތުގެ ސަބަބުން ދަރުމަ ދެއްވައި، އަދި އެއަށްވުރެ ހެޔޮގޮތެއް މެދުވެރިކުރައްވާތޯ ދުޢާކުރުން މަތީ ދެމިތިބެން ޖެހޭކަމަށެވެ.
ދުނިޔެމަތީގައި އަޅުގަނޑުމެންނަށް އެކަމަކީ ރަނގަޅުކަމެއްކަމަށް، ތިމާއަށް ފައިދާ ހުރި ކަމެއްކަމަށް ދެކޭ ކަންކަން އެއީ ތިމާއަށް ހުރި ގެއްލުމަކަަށް ވެސް ވެދާނެކަމަށާއި ހުރިހާ ކަމެއްގެ ހަޤީޤަތް އެންމެ މޮޅަށް ދެނެވޮޑިގެން ވަނީ މާތްﷲ ކަން ސައިޚް ވަނީ ފާހަގަކުރައްވާފައެވެ. އަދި ދުނިޔެމަތީގައި ދިމާވާ ކަންކަމަކީ ދެރަކަންކަން ކަމަށް ނުވިސްނުމަށާއި، ދިރިއުޅުމުގައި ދިމާވާ ކޮންމެ ޙާލަތަކަށްވެސް ރުހެންޖެހޭކަމަށް ވަނީ ވިދާޅުވެފައެވެ.
ސައިޚް ވިދާޅުވީ، ކޮންމެ ކަމެއްވެސް ދިމާވާނީ އެކަމެއްގައި ހެވެއް އޮވެގެންނެވެ. އެހެންކަމުން މާތްﷲގެ މިންވަރާމެދު ރުހެންޖެހޭނެކަމަށް ވިދާޅުވިއެވެ. މާތްﷲ އިންސާނަކަށް ދެރަގޮތެއް މެދުވެރި ނުކުރައްވާނެކަން ފާހަގަކުރައްވައި ދިމާވާ ކޮންމެ ކަމަކީވެސް އިމްތިހާނެއްކަންދެކިގެން ކުރިއަށް ދިޔުމަށް ނަސޭހަތްތެރިވެވަޑައިގެންނެވިއެވެ. އަދި އެފަދަ ކޮންމެ ކަމެއްގެ ފަހަތުގައި ވެސް ފޮރުވިފައިވާ ކަންތައްތަކެއް ވާނެކަން ފާހަގަކުރެއްވިއެވެ.
މާތްﷲގެ މިންވަރަށް، ނިޔާއަށް ރުހިގެން ކުރިއަށް ދިޔުމުގެ މުހިންމުކަމަށް ބައްލަވައި ޝައިޚް ވަނީ ދިމާވާ ކަންތައްތަކަށް ކެތްތެރިވެ ދުލުން ބަދުބަސް ނުބުނުމަށް ވެސް ނަސޭހަތްތެރިވެވަޑައިގެން، ވިސްނަންވީ ދުނިޔޭގައި ބަޔަކު ކިތަންމެ ބޮޑު ދެރައެއް ދޭން އުޅުނަސް މާތްﷲގެ އިރާދަފުޅާލައިގެން މެނުވީ އެފަދަކަމެއް ނުވާނެކަން ގަބޫލުކޮށް ވަކީލް ކުރުމަށްކަމަށް ވިދާޅުވެފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!