ތިލަދުންމަތީ އުތުރުބުރީ އުތީމް ކައުންސިލާއި އެރަށުގެ ޖަމިއްޔާއެއްކަމަށްވާ ވިންގާރސް ގުޅިގެން މި ރަމަޟާން މަހު ކުރިއަށް ގެންދިޔަ އުތީމް އެންމެ އަލިގަދަތަރި 1444، ޤުރުއާން މުބާރާތުގެ ފަޚުރުވެރި އެއްވަނަ މުޙައްމަދު ވިއާމް ހޯދައިފިއެވެ.
މި މުބާރާތް ކުރިއަށް ގެންގޮސްފައި ވަނީ ތިން ބުރަކަށް ބަހާލައިގެންނެވެ. ފުރަތަމަ ބުރުން އެންމެ މަތިން މާކްސް ހޯދާ ދިހަ ބައިވެރިންނަށް ދެވަނަ ބުރުން ޖާގަ ލިބޭއިރު، ދެވަނަ ބުރުން އެންމެ ރަނގަޅު ނަތީޖާ ހޯދާ ފަސް ބައިވެރިންނަށް ފައިނަލުން ޖާގަ ލިބޭ ގޮތަށެވެ.
މުބާރާތުގެ އެންމެ މޮޅު ފަސް ބައިވެރިންނާއިއެކު ބޭއްވި ފައިނަލް ޝޯ ބާއްވާފައި ވަނީ މި މަހުގެ 8 ވަނަ ދުވަހުގެ ރޭ ބޮޑުތަކުރުފާނުގެ ހަނދާނީ މަރުކަޒުގައެވެ.
ފައިނަލް ޝޯގައި އެންމެ މަތިން މާކްސް ހޯދައި އުތީމްގެ އެންމެ އަލިގަދަ ތަރިއަކަށް ހޮވިފައި ވަނީ މުޙައްމަދު ވިއާމްއެވެ. ދެވަނަ އައިލަމް ޢަބުދުالله ހޯދިއިރު، ތިންވަނަ ހޯދާފައި ވަނީ ލަތީފާ މުޙައްމަދެވެ. ހަތަރުވަނަ ހޯދީ އާމިނަތު އައިޝާން ޢަބުދުالله އެވެ. ފަސްވަނަ ހޯދީ ޢާއިޝަތު ޔަނާލް ނާސިޙް އެވެ. މުބާރާތުގެ ނިންމުމުގެ ރަސްމިއްޔާތު ބާއްވާފައި ވަނީ މި މަހުގެ 12 ވަނަ ދުވަހުގެ ރެއެވެ.
އުތީމް އެންމެ އަލިގަދަތަރި ޤުރުއާން މުބާރާތާއި ގުޅޭގޮތުން މި ނޫހަށް މަޢުލޫމާތު ހިއްސާ ކުރައްވަމުން އުތީމް ކައުންސިލުގެ ރައީސް އަބްދުﷲ ރަޝީދު ވިދާޅުވެފައި ވަނީ މި މުބާރާތް އެ ކައުންސިލުން ކުރިއަށް ގެންގޮސްފައި ވަނީ ރަށުގެ ޖަމިއްޔާއެއް ކަމަށްވާ ވިންގާރސްއާއި ގުޅިގެން ކަމަށާއި، ކުރިއަށް އޮތްތަނުގައި ވެސް މިފަދަ ހަރަކާތްތައް ހިންގަން ބޭނުންވަނީ ކްލަބް ޖަމިއްޔާތަކުގެ ބައިވެރިވުމާއި ރަށުގެ ގިނަ ރައްޔިތުންގެ އެހީތެރިކަމާއި އެކުގައި ކަމަށެވެ.
ރަށުގައި ކުދިކުދި ޤުރުއާން މުބާރާތްތައް ބޭއްވުމުގެ ބަދަލުގައި އެންމެން ގުޅިގެން ގިނަބަޔަކށް ބައިވެރިވެވޭގޮތަށް ފެންވަރު ރަނގަޅު ބޮޑު މުބާރާތެއް ބޭއްވުން އުތީމް ކަހަލަ ކުޑަކުޑަ އާބާދީއަކަށް ފައިދާ ބޮޑުވާނެ ކަމަށާއި، އެކަން މި އަހަރު ވެސް ފެނިގެންދިޔަކަން ރަޝީދު ވަނީ ފާހަގަ ކުރައްވާފައެވެ. އުތީމްގެ ރަޖިސްޓަރީގައި ހާހެއްހާ މީހުން ތިބި ނަމަވެސް އެ ރަށުގައި ދިރިއުޅެމުން އަންނަނީ 650 ހާ މީހުންނެވެ.
ރަޝީދު އިތުރަށް ވިދާޅުވެފައި ވަނީ އަންނަ އަހަރުވެސް މި މުބާރާތް އޮންނާނެ ކަމަށާއި، އުންމީދަކީ އަންނަ އަހަރު މުބާރާތުން އެއްވަނަ ހޯދާ ފަރާތަކަށް އުމްރާ ދަތުރެއްފަދަ އަގުބޮޑު އިނާމެއް ދިނުން ކަމަށެވެ. މި އަހަރުގެ މުބާރާތުގައި އުންމީދުކުރި ވަރަށްވުރެ ބައިވެރިން މަދުކަން ރަޝީދު ވަނީ ފާހަގަ ކުރައްވާފައެވެ.
މި އަހަރުގެ މުބާރާތުގެ ފަނޑިޔާރުން ވަނީ، މުބާރާތް ނިންމާޅުމަށް ފަހު މުބާރާތުގެ ބައިވެރިންގެ ބެލެނިވެރިންނާއި ބައްދަލުކުރައްވާފައެވެ. އެ ބައްދަލުވުމުގައި ދަރިވަރުން ޤުރުއާނަށް އަހުލުވެރި ކުރާނެ ގޮތާއި، މުބާރާތްތަކުގައި ވާދަކުރުމަށް ތައްޔާރުކުރާނެ ގޮތާއި ގުޅޭ ގޮތުން މަޢުލޫމާތު ހިއްސާ ކޮށްފައިވެއެވެ. މީގެ އިތުރުން ވެސް ޤުރުއާން ކިޔެވުމާއި ގުޅުންހުރި ގިނަ މަޢުލޫމާތު ވަނީ ހިއްސާކޮށްފައެވެ.
މިއީ އުތީމް އަލިގަދަ ތަރި ހޮވުމަށް ބޭއްވީ ފުރަތަމަ މުބާރާތެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!