ރަސޫލާ އަށްފަހު ދެން އަބަދުވެސް އެންމެ އިސްވާނީ މަންމަ ކަމަށާއި މި ތަރުތީބު ދަރިންނަށް ދަސްކޮށްދޭންޖެހޭކަމަށް އައްޝައިޚް ޢަލީ ޒައިދު ވިދާޅުވެއްޖެއެވެ.
ގދ. ތިނަދޫގައި ބޭއްވި އަތޮޅު އިޙްޔާ ފޯރަމްގައި ތަޤްރީރުކުރައްވަމުން އޭނާ ވިދާޅުވީ މައިންބަފައިންނަށް ހެޔޮކޮށް ހިތުމަކީ އަޅުން ކުރާ ހެޔޮ ދުޢާތައް ﷲތަޢާލާ ޤަބޫލުކުރައްވާނެކަމެއް ކަމަށެވެ.
އަޅުގަނޑުމެން އެއްވެސް މީހަކު ދުނިޔެއަށް އަންނަނީ އަމިއްލައަކަށް ނޫން ކަމަށާއި މާތްﷲ އިންސާނާ ދުނިޔެއަށް ފޮނުއްވާފައިވަނީ މައިންބަފައިން މެދުވެރިކުރައްވައިކަމުގައިވާއިރު، އެ އިންސާނާ ދުނިޔެއަށް ފޮނުއްވުމުގެ އަސްލުކަމުގައިވާ މަންމައާމެދު ހެޔޮކޮށް ހިތަންވާނެކަމަށް ވެސް ވިދާޅުވިއެވެ.
އެހެންކަމުން މައިންބަފައިންނަށް ހެޔޮކޮށް ހިތުމަކީ އަޅުން ކުރާ ހެޔޮ ދުޢާތައް ﷲތަޢާލާ ޤަބޫލުކުރައްވާނެކަމެއް ކަމަށް ވެސް ވިދާޅުވިއެވެ.
“ހިތްހެޔޮކަމުގެ އިންތިހާ” މި މައުޟޫޢަށް ތަގުރީރު ކުރައްވަމުން ޝައިޚް ވިދާޅުވި އިސްލާމީ ޝަރީޢަތުގައި މަންމަގެ މަޤާމަކީ ބައްޕައަކަށް އަދާކުރެވޭނެ މަޤާމެއް ނޫން ކަމަށާއި ބައްޕަގެ މައްޗަށް މަންމަ ތިން ފަހަރަށް އިސްކުރެވިފައިވާކަން ވަނީ ފާހަގަ ކުރައްވާފައެވެ.
މި ފޯރަމްގައި ތަޤްރީރުކުރައްވަމުން އައްޝައިޚް ނިމާލް މުޙައްމަދު ވިދާޅުވީ މާތްﷲ ކާއިނާތުގައި ލައްވާފައިވާ ކޮންމެކަމަކީ ވެސް އޭގެ ފަހަތުގައި އެތަކެއް ޙިކުމަތްތަކެއް ލައްވާފައިވާ ކަންކަންކަމަށެވެ.
އޭގެތެރެއިން މާތްﷲ އިންސާނާ ޚަލްޤުކުރައްވާފައިވާ ގޮތަށް ފިކުރުކޮށްފިނަމަ މިކަމުގެ ފަހަތުގައި ވެސް ވަރަށްގިނަ ޢިބްރަތްތައް، ވަރަށް ގިނަ ޙިކުމަތްތައް ކީރިތި ޤުރުއާނުގައި ބަޔާންކުރައްވާފައިވާކަމަށް ޝައިޚް ނިމާލު ވިދާޅުވިއެވެ.
އިންސާނާ ހައްދަވައި ޚަލްޤުކުރައްވާފައިވާ މަރުޙަލާތައް ކީރިތި ޤުރުއާނުގައި ވަރަށް ގިނައިން ބަޔާންކުރައްވާފައިވާކަން ފާހަގަކުރައްވާ ޝައިޚް ނިމާލް ވަނީ އިންސާނާ އުފެއްދެވުމާއިމެދު ވަރަށް ތަފްސީލުކޮށް ބައްލަވާލައްވައި އިންސާނާއަށް ބަލާލުމުން، މާތްﷲ އިންސާނާއަށް ދެއްވާފައިވާ ރަޙްމަތް ފެނިގެންދާކަމަށް ވިދާޅުވެފައެވެ.
މައިންބަފައިންގެ މުހިންމުކަމަށް ބައްލަވަމުން އިސްލާމީ އުސޫލުތަކަށް ބަލާއިރުވެސް ދޭހަވަނީ މައިންބަފައިންގެ މުހިންމުކަންކަމަށް ވިދާޅުވިއެވެ. އަދި އެމީހުން އުފުލާ ބުރައާއި ވޭނަށް ބައްލަވައި، އެމީހުންނަށް އިޙްސާންތެރިވުމުގެ މުހިންމުކަން ފާހަގަކުރެއްވިއެވެ.
ޝައިޚް ނިމާލު ވަނީ މައިންބަފައިންނަށް އަޅާލުމުގެ މުހިންމުކަމަށް ބައްލަވައި ރަސޫލާގެ ޙަޔާތްޕުޅުގައި ދިމާވި ހާދިސާތައް މި ފޯރަމްގައި ޝައިޚް ވަނީ ކިޔައިދެއްވާފައެވެ. އަދި ތިމާ ދުނިޔޭގައި ހުއްޓާ މައިންބަފައިން މުސްކުޅި އުމުރާ ބައްދަލުކޮށްފިނަމަ އެއީ ސުވަރުގެއަށް ދިޔުމަށް ތިމާއަށް ލިބޭ ރަނުގެ ފުރުސަތެއްގެ ގޮތުގައި ދެކުމަށް ނަސޭހަތްތެރިވެ ވަޑައިގެންނެވިއެވެ.
މި ފޯރަމްގައި އިސްލާމްދީނުގައި މައިންބަފައިންގެ މަޤާމާއި އިސްލާމްދީނުގައި މައިންބަފައިންނަށް އިޙްސާންތެރިވުމާއި އެދެމީހުންނަށް ކިޔަމަންތެރިވުމަށް ބާރުއަޅާފައިވާ މިންވަރު، ދެ ބޭފުޅުންވެސް ވަނީ ތަފްސީލުކޮށްދެއްވާފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!