ދިވެހިންގެ ހަށިހެޔޮކަމާއި ދުޅަހެޔޮކަމަށް މިހާރު ކުރިމަތިވެފައިވާ އެންމެ ބޮޑު ނުރައްކަލަކީ، ގައިން ގަޔަށް ނާރާ ނުރައްކާތެރި ބަލިތައް ދިވެހިންގެ މެދުގައި ފެތުރެމުން ދިޔުން ކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.
ރައީސް ޞާލިޙް މިފަދައިން ވިދާޅުވީ، 2023 ވަނަ އަހަރުގެ ދުނިޔޭގެ ޞިއްޙަތު ދުވަހުގެ މުނާސަބަތުގައި ރާއްޖޭގެ ރައްޔިތުންނަށް މިއަދު ފޮނުއްވި ތަހުނިޔާގެ ޚިޠާބުގައެވެ.
މި ޚިޠާބުގައި ރައީސް ވިދާޅުވެފައިވާ ގޮތުގައި އެއްވެސް ތަފާތުކުރުމެއް ނެތި އެންމެންނަށް ޞިއްޙީ ޚިދުމަތް ފޯރުކޮށް ދިނުމުގައި ކުރަންޖެހޭ މަސައްކަތް، އެއް ޤައުމުން އަނެއް ޤައުމާވެސް ތަފާތެވެ. އަދި ރާއްޖޭގެ މިހާރުގެ ޙާލަތާއި ދިވެހިންގެ ދިރިއުޅުމުގެ ވައްޓަފާޅިއަށް އައިސްފައިވާ ބަދަލުތަކާއި، ދުނިޔޭގެ ޞިއްޙީ ޚިދުމަތުގެ ދާއިރާއަށް އައިސްފައިވާ ކުރިއެރުންތަކަށް ބަލާއިރު، ޢާންމު ޞިއްޙަތުގެ ދާއިރާއަށް ވަރަށް ބޮޑު ސަމާލުކަމެއް ދޭންޖެހޭ ކަމަށް ފާހަގަކުރެވޭ ކަމަށް ވިދާޅުވިއެވެ.
އޭގެ ތެރެއިންވެސް އެންމެ ބޮޑު ސަމާލުކަމެއް ދޭންޖެހޭ އެއްކަމަކީ، ޞިއްޙަތަށް ފައިދާ ހުރި ކާނާގެ ރައްކާތެރިކަން ކަށަވަރު ކުރުމާއި، ސާފު ބޯފެނުގެ ރައްކާތެރިކަން ކަށަވަރު ކުރުންކަން ފާހަގަކުރައްވައި، ވަށައިގެންވާ މާޙައުލީ ނިޒާމުގެ ރައްކާތެރިކަން ކަށަވަރު ކުރުމަކީ ވެސް އެކަމުގައި އެކުލެވޭ ކަމެއްކަމުގައި ރައީސް ވަނީ ވިދާޅުވެފައެވެ.
''ރާއްޖޭގެ ޞިއްޙީ ޚިދުމަތުގެ ނިޒާމުން ފެންނަ މަންޒަރުތަކަށް ބަލާއިރު، ދިވެހިންގެ ހަށިހެޔޮކަމާއި ދުޅަހެޔޮކަމަށް މިހާރު ކުރިމަތިވެފައިވާ އެންމެ ބޮޑު ނުރައްކަލަކީ، ގައިން ގަޔަށް ނާރާ ނުރައްކާތެރި ބަލިތައް ދިވެހިންގެ މެދުގައި ފެތުރެމުން ދިއުން، ވަކިން ޚާއްޞަ ގޮތެއްގައި ކެންސަރު ބައްޔާއި ހިތުގެ ބަލިތަކާއި ނޭވާލާ ނިޒާމާ ގުޅުން ހުރި ބަލިތަކުގައި ފަރުވާ ހޯދަންޖެހޭ މީހުންގެ ޢަދަދު މަތިވަމުން ދިއުމަކީ، ޞިއްޙީ ޚިދުމަތުގެ ނިޒާމަށް ކުރިމަތިވާ ވަރަށް ބޮޑު ގޮންޖެހުމެއް'' ރައީސް ވިދާޅުވެފަވެއެވެ.
ރައީސް ވިދާޅުވީ، އެފަދަ ބަލިތައް ދިވެހިންގެ މެދުގައި ފެތުރުމަށް މެދުވެރިވާ ސަބަބުތައް ދެނެގަތުމަށް، ފުޅާ ދާއިރާއެއްގައި ޢިލްމީ ދިރާސާތަކެއް ކުރުމަކީ ވެސް ވަރަށް މުހިންމު ކަމެއް ކަމަށެވެ.
ރައީސްގެ ޚިޠާބުގައި ވަނީ ޢާންމު ޞިއްޙަތު ރައްކާތެރިކުރުމުގެ ގޮތުން، ޚާއްޞަ ސަމާލުކަމެއް ދޭންޖެހޭ ކަންތައްތަކެއް ހުރިކަން ފާހަގަ ކުރައްވާފައެވެ. އޭގެ ތެރެއިން އެއް ކަމަކީ، ކެމިކަލްތަކާއި ޞިއްޙަތަށް ނުރައްކާތެރި ވިހަ މާއްދާތައް ބޭނުންކުރުމުގެ ބަދަލުގައި، ރައްކާތެރި ގޮތުގައި ދަނޑުވެރިކަމުގެ އުފެއްދުންތައް ތައްޔާރުކުރުމަށް މަސައްކަތް ކުރުން ކަމަށް ރައީސް ވިދާޅުވިއެވެ. އަދި އަނެއް ކަމަކީ، ރާއްޖޭގެ ޤުދުރަތީ ވެށި އޭގެ ޠަބީޢީ ގޮތުގައި ދެމެހެއްޓުމަށް، ގަދައަޅައި މަސައްކަތް ކުރުން ކަމަށް ވެސް ވިދާޅުވިއެވެ.
''ވަކިން ޚާއްޞަކޮށް ރާއްޖޭގެ ކަނޑުފަޅުގެ ދިރުންތަކަށް އެއްވެސް ނުރައްކަލެއް ކުރިމަތިވިޔަނުދީ ރައްކާތެރި ގޮތުގައި ދެމެހެއްޓުމަށް މަސައްކަތް ކުރުން، މިއީވެސް ދިވެހިންގެ ކާނާގެ ރައްކާތެރިކަން ކަށަވަރު ކުރުމަށްޓަކައި ކޮންމެހެން ކުރަންޖެހިފައިވާ ކަމެއް'' ރައީސްގެ ޚިޠާބުގައި ވިދާޅުވެފަވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!