ތިލަދުންމަތީ އުތުރުބުރީ އަތޮޅު ކައުންސިލްގެ އިދާރާގެ "ތިލައުތުރު އެވޯޑް 2023" އަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ.

ތިލައުތުރު އެވޯޑަކީ އެކިދާއިރާތަކުން ފާހަގަކުރެވޭފަދަ އަގުހުރި ޚިދްމަތްތަކެއް ހއ.އަތޮޅަށް ކޮށްދެއްވާފައިވާ ފަރާތްތަކާއި، އަދި މި ނޫނަސް ތަފާތު ފަންނުތަކުން ފާހަގަކޮށްލެވޭފަދަ އަގުހުރި ޚިދްމަތްތަކެއް އެ އަތޮޅަށް ކޮށްދެއްވާފައިވާ ފަރާތްތަކާއި، އެ އަތޮޅުގެ ސްކޫލް، މަދަރުސާތަކުން ފަޚުރުވެރި ވަނަތައް ހޯދާފައިވާ ދަރިވަރުންނާއި، އެ އަތޮޅަށް އެންމެ ޚިދްމަތްތެރި ރިޒޯޓާއި، އަދި އަތޮޅުގެ އެންމެ ހިންގުންތެރި ރަށު ކައުންސިލްތަކާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީއަކާއި، ކްލަބު ޖަމްޢިއްޔާތަކުގެ މަސައްކަތް ފާހަގަކޮށް އެފަރާތްތަކުގެ އަގު ވަޒަންކުރުމުގެ ގޮތުން އެ އަތޮޅު ކައުންސިލުން ދިނުމަށް ނިންމާފައިވާ އެވޯޑެކެވެ.

Ad
rt

ތިލައުތުރު އެވޯޑް ޖުމްލަ ހަ ދާއިރާއަކުން ވަނީ ދިނުމަށް ނިންމާފައެވެ. އެ ދާއިރާތަކަކީ ތިލައުތުރު ޝަރަފްވެރިކަމުގެ އެވޯޑް، ތިލައުތުރު ހިތްވަރުދިނުމުގެ އެވޯޑް، ތިލައުތުރު ޚާއްޞަ އެވޯޑް، ތިލައުތުރު މަތީދަރަޖަ އެވޯޑް، ތިލައުތުރު ޚާއްޞަ ޚިދްމަތުގެ އެވޯޑްގެ އިތުރުން ތިލައުތުރު ހިންގުންތެރިކަމުގެ އެވޯޑެވެ.

މި އެވޯޑަށް ކުރިމަތިލެއްވުމަށް ޝައުޤުވެރިވެ ވަޑައިގަންނަވާ ފަރާތްތަކުން މި މަހުގެ 27 ވަނަ ދުވަހުގެ 13:00 ގެ ކުރިން އެކަމަށް ހާއްސަ ކުރެވިފައިވާ އެޕްލިކޭޝަން ފޯމް ފުރިހަމަ ކުރެއްވުމަށް ފަހު ހުށަހެޅުއްވުމަށް އެ ކައުންސިލުން އެދިލައްވައެވެ. މި އެވޯޑާއި ގުޅޭ އުސޫލާއި އެންމެހާ ފޯމްތައް އަތޮޅު ކައުންސިލުގެ ވެބްސައިޓުން ލިބިލައްވާނެއެވެ.

މި އެވޯޑް ހަފްލާ ބޭއްވުމަށް ހަމަޖެހިފައި ވަނީ އަންނަ މެއި މަހުގެ 21 ވަނަ ދުވަހުގެ ރޭ 21:00 ގައި ހއ.އަތޮޅު ކައުންސިލް އިދާރާގައެވެ.