ތައިލެންޑުގައި ހިމާޔަތްކޮށްފައިވާ ދޫނިތަކެއް ބޭރުކުރަން އުޅުނު ދިވެއްސަކު އެ ގައުމުގެ މައި އެއާޕޯޓުން ހައްޔަރުކޮށްފި އެވެ.
ތައިލެންޑްގެ ބައެއް ނޫސްތަކުގައި ރިޕޯޓުކޮށްފައިވާ ގޮތުގައި ދިވެހި މީހާ ހައްޔަރުކުރީ އެ ގައުމުގެ މައި އެއާޕޯޓް، ވެރިރަށް ބެންކޮކްގައި އޮންނަ ސުވަރްނަބޫމީ އިންޓަނޭޝަނަލް އެއާޕޯޓުންނެވެ. އެ މީހާ ހައްޔަރުކުރީ އަންގާރަ ދުވަހު އެވެ.
ޓޫރިސްޓް ވިސާގައި އެ ގައުމަށް ދަތުރުކުރި މިމީހާ ހައްޔަރުކުރީ ބެންކޮކް އެއާވޭސްގެ ފްލައިޓް، ޕީޖީ711 އިން މާލެއަށް އަންނަން އެއާޕޯޓުގައި ހުއްޓައި ލަގެޖް ޗެކްކުރުމުގެ ތެރޭގައި އެ ގައުމުން ބޭރުކުރުން މަނާ ދޫނިތަކެއް ފެނިގެންނެވެ. އެއީ 25 ދޫނިކަމަށް ވެސް ތައި މީޑިއާގައި ބުނެފަވެއެވެ.
ތައިލެންޑް މީޑިއާގައި ބުނެފައިވާ ގޮތުގައި އެ ގައުމުގެ ޑިޕާޓްމަންޓް އޮފް ނޭޝަނަލް ޕާކް، ވައިލްޑްލައިފް އެންޑް ޕްލާންޓް ކޮންޒަވޭޝަން (ޑީއެންޕީ) އިން ލަފާކޮށްފައިވާ ގޮތުގައި މި ދޫނިތަކުގެ އަގު ގާތްގަނޑަކަށް 100،000 އަށް އަރާނެއެވެ. އެ ދޫނިތައް ފެނިފައި ވަނީ އެމީހާގެ ލަގެޖަކުން ކަމަށް ޑީއެންޕީގެ ވައިލްޑް ފައުނާ އެންޑް ފްލޯރާ ޕްރޮޓެކްޝަން ޑިވިޝަންގެ ޑިރެކްޓަރު ޕްރަސެޓް ސޯންސަތަޕޯންކުލް ވިދާޅުވެފަވެއެވެ.
ހައްޔަރު ކުރި ދިވެހި މީހާގެ އިތުރުން ތައި ފުލުހުންނާއި އެއާޕޯޓު އިމިގްރޭޝަން ބައެއް އޮފިސަރުން، ފޮޓޯ: ދަ ނޭޝަން ތައިލެންޑް ނޫސް
"ލަގޭޖްގެ ތެރެއިން ފެނުނު ދޫނިތަކުގެ ތެރޭގައި ހިމެނެނީ ބްލެކް ހޯކް، ބަފީ ފިޝް އައުލް އަދި ބެއާޑް އީގަލް-އޯލް،" އޭނާ ވިދާޅުވި އެވެ.
މި ހުރިހާ ބާވަތެއްގެ ދޫންޏަކީ ވެސް ކޮންވެންޝަން އޮން އިންޓަނޭޝަނަލް ޓްރޭޑް އިން އެންޑޭންޖަރޑް ސްޕީސީސް އޮފް ވައިލްޑް ފައުނާ އެންޑް ފްލޯރާ (ސީއައިޓީއީއެސް) ގެ ދަށުން ހިމާޔަތްކޮށްފައިވާ ބާވަތްތަކެއް ކަމަށް ވެސް އޭނާ ވަނީ ވިދާޅުވެފައެވެ.
އޭނާ ވިދާޅުވެފައިވާ ގޮތުގައި، ފަތުރުވެރިޔާއާ މެދު ގާނޫނީ ފިޔަވަޅު އެޅުމަށް ސުވަރުނަބޫމީ އެއާޕޯޓް ޕޮލިހަށް ވަނީ ހެކި ހުށަހަޅާފައެވެ. އަދި މީގެ އިތުރުން އެ ދޫނިތައް ބެލުމަށް ޑީއެންޕީގެ ވައިލްޑްލައިފް ހެލްތު ޑިވިޝަނަށް ވަނީ ފޮނުވާފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!