ކ. ހުރާގައި މިހާރުކުރިއަށްދާ އެމްއޭ ކަޕް ވޮލީ މުބާރާތުގެ އަންހެން ބައިގެ އެންމެފަހުގެ ޗެމްޕިއަން ޓީމު ހުރާގެ ޓީމް ބިއުޓީސް ކުޅުނު ފުރަތަމަ މެޗު ކާމިޔާބުކޮށް، އުއްމީދު އައު ކޮށްފިއެވެ.
ރޭ ކުޅުނު މި މެޗު އެޓީމުން ކާމިޔާބުކުރީ ޓީމު ހިންމަފުއްޓާއި ބައްދަލުކޮށް ސިދާ ތިން ސެޓުންނެވެ.
ރާއްޖޭގެ އަންހެން ވޮލީ ޓީމުގެ ކެޕްޓަން ޙައްވާ ރާޝިދާ އާއި ޝަހާ ޝާމިން ވެސް ހިމެނޭ މި ޓީމުން ސެޓުތައް ގެންދިޔައީ 15/25 ،22/25 ،13/25 އިންނެވެ.
ރޭގެ މެޗުގައި ރާއްޖޭގެ ގައުމީ ޓީމުގެ ކުރީގެ ސެޓަރ ސުހާނާ އަހުމަދުގެ ކުޅުން ވެސް ފާހަގަ ކޮށްލެވުނުއިރު، ހިންމަފުށީ ޓީމުގައި ހިމެނޭ ގައުމީ ޓީމުގެ ސެޓަރ ޖޫޒާން ޒަރީރު ރޭގެ މެޗުގައި ފެނިފައެއް ނުވެއެވެ.

މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ ޕޮލިސް އަދި ގައުމީ ޓީމުގެވެސް ކެޕްޓަން، ޓީމް ބިއުޓީސްގެ ޖާރޒީ ނަންބަރ 6 ހައްވާ ރާޝިދާ އެވެ.
މި މުބާރާތުގައި މިރޭ ކުޅޭނީ ފިރިހެން ޑިވިޝަންގެ މެޗެކެވެ. މި މެޗުގައި ބައްދަލުކުރާނީ ސްރީލަންކާގެ ގައުމީ ޓީމުގެ ދެކުޅުންތެރިން ކަމުގައިވާ އިސުރު އަދި ދިޕްތީގެ އިތުރުން ސްރީލަންކާގެ ގައުމީޓީމުގެ ތަޖުރިބާކާރު ކޯޗް ހިމެނޭ، ތުލުސްދޫގެ ޓީމް ބުލެކް އީގަލްސް އާއި ލަންކާގެ ގައުމީ ޓީމްގެ މަހޭސް އަދި ކުޅަދާނަ ބީޗް ވޮލީ ކުޅުންތެރިޔާ މުޙައްމަދު ޢަލީ (ޑެންޒޯ) ހިމެނޭ ހުރާގެ ޓީމު މަންފާ އެވެ.
މިރޭ 9:30 ގައި ފެށޭ މިމެޗު ވެސް އެމް.އޭ.ކަޕް ފޭސްބުކް ޕޭޖުން ލައިވް ކުރާނެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!