އިންޑިއާގެ ޖޭއެމްސީއާ ހަވާލުކޮށްގެން ހުޅުމާލޭގައި އަޅާ ހައުސިން ޔުނިޓުތަކުގެ މަސައްކަތް ދަނީ ރަނގަޅު ސްޕީޑްގައި ކަމަށް ޕްލޭނިން އެންޑް ހައުސިން މިނިސްޓަރު މުހައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.

މިނިސްޓަރު މިހެން ވިދާޅުވީ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވަޒީރުންނާ ސުވާލުކުރުމުގެ ވަގުތުގައި މެމްބަރަކު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.

Ad
rt

އަސްލަމް ވިދާޅުވީ އޭގެ ތެރެއިން ބައެއް ޔުނިޓްތަކުގެ ކޮންކްރީޓް މަސައްކަތް ނިމި، ފިނިޝިން މަސައްކަތްތައް ވެސް ފަށާފައިވާ ކަމަށެވެ.

ހުޅުމާލޭގައި އަޅާ ހައުސިން އިމާރާތްތަކުގައި މިހާރު ކިތައް ޝީޓް އެޅިއްޖެތޯ މާފަންނު ދެކުނު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީ ސުވާލު ކުރެއްވުމުން މިނިސްޓަރު ވިދާޅުވީ މިހާރުއެޅިފައިހުރީ ކިތައް ޝީޓުކަން ޔަގީންކަމާއެކު ދަންނަވަން ދަތި ކަމަށާއި އެހެންނަމަވެސް ހަމަ ރަނގަޅު ސްޕީޑުގައި އެކަން ކުރިއަށްދާކަން ދަންނަވަން ކެރިދާނެ ކަމަށެވެ.

މީގެ އިތުރުން ކޮންކްރީޓް މަސައްކަތް ނިމި، ބައެއް އިމާރާތްތަކުގެ ފިނިޝިން މަސައްކަތް ކުރިއަށްދާ ކަމަށް ވެސް އަސްލަމް ވިދާޅުވިއެވެ.

މިނިސްޓަރު އަސްލަމް ވިދާޅުވީ މޮކަޕްގައި ފަރުނީޗަރު ލާފައި ހުރީ އެތަންތަނަށް ފަރުނީޗަރު ވެއްދީމާ ހުންނާނެ ގޮތް ދައްކައިލަން ކަމަށާއި ނަމަވެސް އެތަންތަން ދޫކުރާނީ ފަރުނީޗަރު ލާފައި ނޫން ކަމަށެވެ.