ތިލަދުންމަތީ އުތުރުބުރީ އިހަވަންދޫ ކައުންސިލުން ކޮންމެ އަހަރެއްގެ ރޯދަމަހާއި ގުޅިގެން ކުރިއަށް ގެންދާ ދީނީ މަޢުލޫމާތު ހިމެނޭ ފޮތް ބެހުމުގެ ޕްރޮގްރާމްގެ ދަށުން މި އަހަރު އެ ރަށު ކޮންމެ ގެޔަކަށް މުސްހަފެއް ހަދިޔާ ކޮށްފިއެވެ.
އެހަވަންދޫ ކައުންސިލުގެ މުވައްޒަފުންނާއި ކައުންސިލުގެ މެމްބަރުން ނުކުމެ އިއްޔެ ވަނީ އެ ރަށުގެ 450 ގެ އަށް މުސްހަފް ހަދިޔާ ކޮށްފައެވެ.
މި ޕްރޮގްރާމާއި ގުޅޭގޮތުން "ތިލަދުން" އަށް މަޢުލޫމާތު ހިއްސާ ކުރައްވަމުން އިހަވަންދޫ ކައުންސިލްގެ ރައީސް އަޙްމަދު ސޮބާހް ވިދާޅުވެފައި ވަނީ އިހަވަންދޫ ގެތަކަށް ދީނީ މަޢުލޫމާތު ހިމެނޭ ފޮތް ހަދިޔާ ކުރުމުގެ ޕްރޮގްރާމަކީ އެ ކައުންސިލުން އިސްނަގައިގެން ކޮންމެ އަހަރަކު ވެސް ރޯދަމަހާއި ގުޅުވައިގެން ކުރިއަށް ގެންދާ ޕްރޮގްރާމެއް ކަމަށެވެ.
މި އަހަރު މި ޕްރޮގްރާމްގެ ދަށުން ފުރަތަމަ ކޮންމެ ގެޔަކަށް މުސްހަފެއް ހަދިޔާކުރި ނަމަވެސް އަދި މި ރަމަޟާން މަސްތެރޭ ދީނީ މަޢުލޫމާތު ހިމެނޭ ފޮތް ބެހުމަށް ހަމަޖެހިފައިވާ ކަމަށެވެ.
ސޮބާ އިތުރަށް ވިދާޅުވެފައި ވަނީ މިއީ އާންމުންގެ ފަރާތުން ވަރަށް ބޮޑު ތަރުހީބެއް ލިބެމުން އަންނަ ޕްރޮގްރާމެއް ކަމަށާއި، މި އަހަރު މުސްހަފްތައް ހޯދައިދިނުމުގައި އިސްލާމިކް މިނިސްޓްރީން ދެއްވި އެއްބާރުލުމާއި އެހީތެރިކަން ފާހަގަކޮށް ސޮބާ ވަނީ ކައުންސިލް ނަމުގައި ޝުކުރު އަދާކޮށްފައެވެ.
އިހަވަންދޫއަކީ ތިލަދުންމަތީ އުތުރުބުރީގައި އެންމެ އާބާދީ ބޮޑު އެއް ރަށެވެ. އެ ރަށުގައި 450 ހާ ގޭބިސީގައި މީހުން ދިރިއުޅެމުން އަންނައިރު، އެ ރަށުގެ އާބާދީގައި 3618 މީހުން އެބަތިއްބެވެ. ކައިރި ބައެއް ރަށްތަކުން އެ ރަށަށް ދިރިއުޅުން ބަދަލުކޮށްފައިވާ މީހުންނާއި އަދި އެ ނޫން ގޮތްގޮތުން ވެސް އެ ރަށަށް ހިޖުރަކޮށްފައިވާ މީހުންނާއިއެކު ހަތަރުހާހެއްހާ މީހުން މިހާރު ވެސް އެ ރަށުގައި ދިރިއުޅެމުން އާދެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!