ސްޕެނިޝް ލީގުގައި ރޭ ރެއާލް މެޑްރިޑާއި ރެއާލް ވަލަޑޮލިޑް ބައްދަލުކުރި މެޗު ފަސޭހަ ކަމާއިއެކު ރެއާލުން ކާމިޔާބު ކޮށްފިއެވެ. ރެއާލްގެ އަމިއްލަ ދަނޑުގައި ކުޅުނު މި މެޗުން އެ ޓީމް މޮޅުވެފައި ވަނީ 6-0 ގެ ތަފާތު ބޮޑު ނަތީޖާއިންނެވެ.

ރޭގެ މެޗުގައި ރެއާލްގެ ތަޖުރިބާކާރު ފޯވާޑް ކަރިމް ބެންޒެމާ ވަނީ އަށް މިނެޓްތަރޭ ހެޓްރިކް ހަދާފައެވެ. މިއީ 1992 ވަނަ އަހަރު އެސްޕަނިޔޯލް އަތުން 7-0 އިން ރެއާލް މޮޅުވި މެޗުގައި އެ ޓީމްގެ ފެނާންޑޯ ހިއެރޯ ހަ މިނެޓްތެރޭ ހެޓްރިކް ހެދިފަހުން ރެއާލްގެ ކުޅުންތެރިޔަކު ހެދު އެންމެ އަވަސް ހެޓްރިކެވެ.

Ad
rt

މެޗުގެ ފުރަތަމަ ލަނޑު 20 ވަނަ މިނެޓުގައި ރޮޑްރިގޯ ކާމިޔާބު ކޮށްދިންއިރު، ދެން ފުރަތަމަ ހާފުގައި ރެއާލުން ކާމިޔާބުކުރި ތިން ލަނޑު ވެސް ޖެހީ ބެންޒެމާއެވެ. އޭނާ ފުރަތަމަ ލަނޑު 29 ވަނަ މިނެޓުގައި ޖެހިއިރު ދެވަނަ ލަނޑު ޖެހީ 32 ވަނަ މިނެޓުގައެވެ. މި ދެ ލަނޑު ވެސް އޭނާ ޖަހާފައި ވަނީ ވިނީސިއަސްގެ އެހީތެރިކަމާއި އެކުގައެވެ. ބެންޒެމާ ތިންވަނަ ލަނޑު ޖަހައި ހެޓްރިކް ފުރިހަމަ ކޮށްފައި ވަނީ 36 ވަނަ މިނެޓުގައެވެ. ރެއާލްގެ އަނެއް ދެ ލަނޑު ޖަހާފައި ވަނީ އެސެންސިއޯއާއި ލޫކަސް ވަޒްކޭޒް އެވެ.

ފުރަތަމަ ހާފުގައި ހަތަރު ލަނޑުގެ ލީޑެއް ލިބުމާއިއެކު ރެއާލުން ވަނީ ދެވަނަ ހާފުގައި އެ ޓީމްގެ މުހިންމު ބައެއް ކުޅުންތެރިން ބަދަލުކޮށްފައެވެ. މިގޮތުން ބެންޒެމާއާއި ވިނީސިއަސްގެ އިތުރުން އަލަބާއަށް ވެސް ރެސްޓް ދިނުމުގެ ގޮތުން ވަނީ ބަދަލު ކޮށްފައެވެ.

މި މެޗުން މޮޅުވި ނަމަވެސް ރެއާލަށް ލީގު ކާމިޔާބު ކުރުމުގެ އުންމީދު ގާތްގަނޑަކަށް މިހާރު ވަނީ ގެއްލިފައެވެ. ސަބަބަކީ މިވަގުތު އެއްވަނާގައި އޮތް ބާސާއާއި ދެވަނާގައި އޮތް ރެއާލްއާއި ދެމެދު 12 ޕޮއިންޓްގެ ފަރަގެއް އޮތުމެވެ. މިވަގުތު ބާސާ އެއްވަނާގައި އޮތީ ކުޅުނު 27 މެޗުން ލިބުނު 71 ޕޮއިންޓާއި އެކުގައެވެ. ދެވަނާގައި އޮތް ރެއާލަށް 27 މެޗުން ލިބިފައި ވަނީ 59 ޕޮއިންޓެވެ.