ރާއްޖޭގެ އިޖުތިމާޢީ އިޤުތިޞާދީ ކުރިއެރުމަށް ޗައިނާއިން ވަރަށް ބޮޑަށް އެހީތެރިވެދެއްވާފައިވާކަން ފާހަގަ ކުރައްވާ ކަމަށް ނައިބު ރައީސް ފައިސަލް ނަސީމް ވިދާޅުވެއްޖެއެވެ.

ނައިބު ރައީސް މިހެން ވިދާޅުވީ، ޗައިނާ އިންޓަރނޭޝަނަލް ޑިވެލޮޕްމެންޓް ކޯޕަރޭޝަން އޭޖެންސީ (ސީ.އައި.ޑީ.ސީ.އޭ)ގެ ވައިސް ޗެއަރމަން، ޑެންގ ބޮކިންގ މިއަދު ނައިބު ރައީސްގެ އަރިއަހަށް ކުރެއްވި ޒިޔާރަތުގެތެރެއިން، އޭނާ އާއި ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ.

Ad
rt

ރައީސް އޮފީހުން ހާމަކުރައްވާ ގޮތުގައި އެ ދެބޭފުޅުންގެ މިބައްދަލުކުރެއްވުމުގައި ދިވެހިރާއްޖެއާ ޗައިނާގެ 50 އަހަރުވީ ބަދަހި ގާތްގުޅުމުގެ މައްޗަށް ވަނީ އަލިއަޅުއްވާލައްވައި ވާހަކަފުޅުދައްކަވާފައެވެ. އަދި ފާއިތުވެ ދިޔަތަނުގައި، ދެޤައުމުގެ ގުޅުންބަދަހިވެ، ވެވިފައިވާ އެއްބަސްވުންތަކާ ގުޅޭ ގޮތުންވެސް ދެބޭފުޅުން ވާހަކަފުޅު ދެއްކެވިއެވެ.

މި ބައްދަލުކޮށްލެއްވުމުގައި ނައިބު ރައީސް ފައިސަލް ދެއްކެވި ވާހަކަފުޅުގައި، ރާއްޖޭގެ އިޖުތިމާޢީ އިޤުތިޞާދީ ކުރިއެރުމަށް ޗައިނާއިން ވަރަށް ބޮޑަށް އެހީތެރިވެދެއްވާފައިވާކަން ފާހަގަކުރައްވައި، ފާއިތުވެ ދިޔަ އަހަރުތަކުންފެށިގެން ދެޤައުމުގެ ދެމެދުގައި އޮތް ބަދަހި ރަޙުމަތްތެރިކަމުގެ ގުޅުން ކުރިޔަށް އޮތްތަނުގައިވެސް އެގޮތުގައި ދަމަހައްޓާނެ ކަމުގައި ވަނީ ވިދާޅުވެފައެވެ.

މީގެ އިތުރުން، ފަތުރުވެރިކަމާއި ޞިއްޙީ ޚިދުމަތްތަކާއި ޢުމުރާނީ ތަރައްޤީގެ އިތުރުން، މޫސުމީ ބަދަލުތަކާގުޅިގެން ފިޔަވަޅުތައް އެޅުމާއި، މޫސުމީބަދަލުތަކަށް ހޭނުމާއި، އެނޫންވެސް މުހިއްމު ދާއިރާތަކުން ކުރެވިދާނެ މަސައްކަތްތަކާއި ގުޅޭ ގޮތުން، މިބައްދަލުކުރެއްވުމުގައި ދެބޭފުޅުން މަޝްވަރާ ކުރައްވާފައެވެ. އަދި މޫސުމީ ބަދަލުތަކުގެ ސަބަބުން ރާއްޖެއަށް ކުރިމަތިވަމުން އަންނަ ނުރައްކާތަކުން އަރައިގަތުމަށް ރާއްޖެއިން ކުރަމުންދާ މަސައްކަތްތަކުގައި، ހުރިހާ ފަރާތްތަކެއްގެ އެއްބާރުލުންވެސް ބޭނުންވާކަން ނައިބު ރައީސް ވަނީ ފާހަގަކުރައްވާފައެވެ.

ވިލުންވެެރި މުޖުތަމަޢެއް ބިނާކުރުމަށް ރާއްޖެއިން ކުރަމުން އަންނަ މަސައްކަތުގައި ޚާއްޞަގޮތެއްގައި ބޭނުންވެފައި ވަނީ، މާލީ އެހީކަންކަން މިބައްދަލުކޮށްލެއްވުމުގައި ނައިބު ރައީސް ވަނީ ފާހަގަކުރައްވާފައެވެ.