ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ ޓިކެޓްގައި ވާދަކުރައްވާ ރައީސް އިބްރާޙީމް މުޙައްމަދު ޞާލިޙަށް ފަތުރުވެރިކަމާބެހޭ ވަޒީރު، ޑރ. ޢަބުދުﷲ މައުސޫމްގެ ތާއީދު އޮތްކަން އޭނާ ހާމަކުރައްވައިފިއެވެ.

ޖުމްހޫރީ ޕާޓީގެ ސްލޮޓެއްގައި ފަތުރުވެރިކަމާބެހޭ ވުޒާރާގެ ވަޒީރަކަށް ހުންނެވި މައުސޫމްގެ ތާއީދު ރައީސް ޞާލިޙަށް ދެއްވިކަން ހާމަކުރެއްވީ އޭނާ މީސްމީޑިއާއަށް ދޫކޮށްލެއްވި މެސެޖެއްގައެވެ.

Ad
rt

މައުސޫމް ނިސްބަތްވެވަޑައިގަންނަވާ ޖުމްހޫރީ ޕާޓީން ވެސް ވަނީ ރިޔާސީ އިންތިޚާބުގައި ވާދަކުރަން ނިންމާފައެވެ. އަދި އެ ޕާޓީގެ ޕްރައިމަރީއަށް ހުޅުވާލުމުން ޕާޓީގެ ލީޑަރު ޤާސިމް އިބްރާޙީމް ވަނީ ރިޔާސީ ޓިކެޓަށް ކުރިމަތިލައްވާފައެވެ.

މިހާރުގެ ވެރިކަން ހިންގާ އިއްތިހާދުގެ މުހިއްމު ބައިވެރިއެއްގެ ގޮތުގައި އޮތް ޖޭޕީން ވަކިން ރިޔާސީ ރޭހަށް ނުކުތުމަށް ނިންމުމުން އެ ޕާޓީގެ ސްލޮޓްތަކުގައި ސަރުކާރުގައި ތިއްބެވި ބައެއް ބޭފުޅުން ރައީސް ޞާލިޙްގެ ފަހަތްޕުޅަށް އަރުއްވަމުންދާ ދަނޑިވަޅެއްގައި މައުސޫމް ދޫކޮށްލެއްވި މެސެޖުގައި ވިދާޅުވެފައިވާ ގޮތުގައި ރައީސް ޞާލިޙަށް ދެވަނަ ދައުރެއް ލިބުމަކީ ދިވެހި ރައްޔިތުންނާއި ދައުލަތަށް އެންމެ ފައިދާ ހުރި ގޮތްކަމަށް ދެކިވަޑައިގަންނަވާ ކަމަށެވެ.

މައުސޫމް ވިދާޅުވީ އޭނާ ރައީސް ޞާލިޙަށް ތާއީދުކޮށް ބައިއަތުހިފާފައި ވަނީ އެއް ވެސް ޝަރުތަކާ ނުލާ ކަމަށެވެ.

ރައީސް ޞާލިޙާއެކު ބައިއަތު ހިފިނަމަވެސް މައުސޫމް ޖޭޕީ ދޫކޮށްލެއްވިކަމަށް މިހާތަނަށް ވިދާޅުވެފައެެއް ނުވެއެވެ. ނަމަވެސް އެ ޕާޓީގެ ކަންކަމުން އޭނާ ނުފެންނަތާ ގިނަ ދުވަސްތަކެއް ވަނީ ވެފައެވެ.

ޖޭޕީ ރިޔާސީ ރޭހަށް ނުކުންނަން ނިންމުމާއެކު ފުރަތަމަ ޕާޓީ ދޫކޮށްލެއްވީ ރައީސް އޮފީހުގެ މިނިސްޓަރު އަހްމަދު ސަމީރެވެ. އެއަށްފަހު އެންމެފަހުން އޮތް ޖޭޕީގެ ޤައުމީ ކޮންފަރެންސްގައި ނައިބު ލީޑަރަކަށް ވާދަކުރައްވައި ނާކާމިޔާބީއާއި ކުރިމަތިވިތާ ކުޑަ ދުވަސްކޮޅެއްތެރޭ އިމިގްރޭޝަންގެ ކޮންޓްރޯލާ މުހައްމަދު އަޙްމަދު ޙުސައިން (ހަނަފީ) ވެސް ވަނީ ޖޭޕީ ދޫކޮށްލައްވާފައެވެ.

އޭގެފަހުން ޖޭޕީ ދޫކޮށްލެއްވީ ހެރިޓޭޖް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ވަލީދާ ވަލީދެވެ. ވަލީދާ ވެސް ޕާޓީ ދޫކޮށްލެއްވީ ޕާޓީގެ އެތެރޭގެ ދެ އިންތިޚާބެއްގައި ނާކާމިޔާބީއާއި ކުރިމަތިވެފައި ވެސް ވަނިކޮށެވެ. އޭގެފަހުން ހަޔާ އެޑިޔުކޭޝަން މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު އައިމިނަތު މުހައްމަދު ސަލީމް (ސޯނީ) އާއި، އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމާއި، އެމްޑަބްލިއުއެސްސީގެ މެނޭޖިން ޑިރެކްޓަރ ހަސަން ޝާޙް ވެސް ވަނީ ޖޭޕީ ދޫކޮށްލައްވާފައެވެ. އަދި ޖޭޕީގެ ސްލޮޓެއްގައި ޗައިނާގައި ހުންނަ ރާއްޖޭގެ އެމްބަސީގެ މަގާމެއްގައި ހުންނަވާ ސޮބާޙް ރަޝީދު ވެސް އިއްޔެ ވަނީ ޖޭޕީ ދޫކޮށްލާފައެވެ.