މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެެންޕީ)ގެ ވެެރިކަމެއްގައި ދައުލަތުގެ ބޮޑެތި ކުންފުނިތަކުގެ ވިޔަފާރި ބޭރުގައުމުތަކަށް ފުޅާކުރައްވާނެ ކަމުގައި އެ ޕާޓީގެ ރައީސް، ދަނގެތީ ދާއިރާގެ މެންބަރު ކާނަލް ރިޓަޔާޑް މުހައްމަދު ނާޒިމް ވިދާޅުވެއްޖެއެވެ.

ނާޒިމް މިހެން ވިދާޅުވީ، އެމްއެންޕީން ސިލްސިލާކޮށް ކުރިއަށް ގެންދާ "ނާޒިމް ބުނަނީ ކީކޭ؟" ކްލަބް ހައުސް އިވެންޓުތަކުގެ ތެރެއިން ރޭގެ އިވެންޓުގައި ބައިވެރިޔަކު ކުރެއްވި ސުވާލަށް ޖަވާބުދެއްވަމުންނެވެ.

Ad
rt

ބައިވެރިއަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ނާޒިމް ވިދާޅުވީ ދައުލަތުގެ ބޮޑެތި ބައެއް ކުންފުނިތަކުން ކުރަންނުޖެހޭ ކަންކަމުގެ ތެރޭގައި އުޅޭތަން ފެންނަ ކަމަށެވެ. ނަމަވެސް، އެކަންކަން ދޫކޮށް އެ ކުންފުނިތަކުގެ ވިޔަފާރީގެ ދާއިރާގައި ރާއްޖޭން ބޭރުގައި މަސައްކަތްކޮށް ނަފާ ހޯދިދާނެ ކަމަށް ވެސް ވިދާޅުވިއެވެ.

ރާއްޖޭން ބޭރުގެ ޤައުމުތަކުގައި ވިޔަފާރި ކުރެވޭނެ ރާއްޖޭގެ ބޮޑެތި ކުންފުނިތަކުގެ މިސާލު ދައްކަވަމުން ނާޒިމް ފާހަގަކުރެއްވި ކުންފުނިތަކަކީ އެސްޓީއޯ، ބޭންކް އޮފް މޯލްޑިވްސް އަދި އެމްޓީސީސީއެވެ.

ރާއްޖޭން ބޭރުގައި ވިޔަފާރިކުރުމަށް ދިވެހި މިފަދަ ކުންފުނިތަކުގައި އިތުރަށް ފައިސާ އިންވެސްޓުކޮށް ހިއްސާ ގަނެގެން މިކަން ކުރާނެ އަދި ކުރެވޭނެ ރާއްޖޭގެ ފަރާތްތައް އެބަ ތިބި ކަމަށާއި އެކަމާ ބެހޭ ގޮތުން ސްޓަޑީ ކުރައްވަމުން ގެންދަވާ ކަމުގައި ވެސް ނާޒިމް ރޭ ވިދާޅުވިއެވެ.

މީގެ އިތުރުން ނާޒިމް ދެއްކެވި ވާހަކާގައި ވަނީ މިއަދު ދައުލަތުގެ ކުންފުނިތައް ސިޔާސީ ހާލިތަކަކަށް ވެފައިވާ ކަމަށް ވިދާޅުވެފައެވެ. ރައީސުލްޖުމްހޫރިއްޔާ ބޭނުންފުޅުވާއިރަށް ކުންފުނިތަކަށް ބޭނުން ގޮތެއް ހަދާކަމަށް ތުހުމަތުކުރައްވައި އޭނާ ވިދާޅުވީ، މި އަމަލުތަކަކީ ޕްރައިވަޓައިޒޭޝަން އަދި ކޯޕަރަޓައިޒޭޝަން ގާނޫނުގެ މަގްސަދާވެސް ޚިލާފު ކަންކަން ކަމުގައެވެ.

އެމްއެންޕީ ގެ ވެރިކަމެއްގައި މިކަންކަން ބަދަލުކޮށް، ޤާނޫނުގެ ރޫޙާ އެއްގޮތަށް ކުންފުނީގެ ހިންގުން އަލުން އިންތިޒާމުކުރައްވައި، ސިޔާސީ ބޭނުމަށް ކުންފުނިތައް ބޭނުން ކުރުން ހުއްޓާލައްވާނެކަމުގައި ނާޒިމް ވަނީ ވިދާޅުވެފައެވެ.

ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި އެމްއެންޕީން ވާދަކުރަން ނިންމާފައިވާއިރު، އެޕާޓީގެ ރިޔާސީ ކެންޑިޑޭޓަކީ ނާޒިމެވެ.