އިހުލާސްތެރި ކަމާއެކު އެ މީހުން ކުރާ ބުރަ މަސައްކަތުގެ ހަދިޔާއަކަށް އާހިރުގައި ވާނީ ނަގާ އެއްލައިލުން ކަމަށް ކުރީގެ ޖެންޑަރ މިނިސްޓަރ އަދި މޯލްޑިވްސް ނެޝަނަލް ޕާޓީގެ ތަރުޖަމާން ޝިދާތާ ޝަރީފް ވިދާޅުވެއްޖެއެވެ.

އޭނާ މިހެން ވިދާޅުވީ އެމްޑީޕީގެ އެތެރޭގައި އުފެދިފައިވާ ބައިބައިވުމާއި ގުޅިގެން ރައީސް ނަޝީދަށް ތާއީދު ކުރައްވާ މެމްބަރުންގެ ތެރެއިން ސަރުކާރުގެ ވަޒީފާގައި ތިބި ބައެއް ފަރާތްތައް ވަޒީފާއިން ވަކިކުރަމުން އަންނަ ދަނޑިވަޅެއްގައި، ކުރެއްވި ޓްވީޓެއްގައެވެ.

Ad
rt

އެ ޓްވީޓުގައި ޝިދާތާ ވަނީ ރައީސް ޞާލިޙް އިތުރު ދައުރަކަށް ގެންނަން އަތުކުރި އޮޅައިގެން ތިބި ބަޔަކު ނަމަ، ވިސްނާ ފިކުރު ކޮށްލުމަށް އެދިވަޑައިގެންފައެވެ. އަދި އިހްލާސްތެރި ބުރަ މަސައްކަތް ކުރުމުގެ ހަދިޔާ އަކަށް ވާނީ ބާރު ލިބުމުން ނަގައި އެއްލައިލުން ކަމަށެވެ.

ޝިދާތާގެ މި ޓްވީޓް ވަނީ ރައީސް ސޯލިހާއި އެމަނިކުފާނު އިސްލީޑަރުކަން ކުރައްވާ އެމްޑީޕީ އަދި ދެވަނަ ދައުރަކަށް ރައީސާއެކު ކޯލިޝަން ހެދުމަށް ނިންމާފައިވާ އަދާލަތު ޕާޓީ އާއި އެެމްޑީއޭގެ ރަސްމީ ޓްވީޓަރ އެކައުންޓަށް ޓެގް ކުރައްވާފައެވެ.

ޝިދާތާ މިފަދައިން ޓްވީޓު ކުރައްވާފައިވާއިރު، އެސްޓީއޯގެ މެނޭޖިންގ ޑިރެކްޓަރުގެ މަގާމުގައި ހުންނެވި ހުސައިން އަމްރާއި ރައީސް އޮފީހުގެ މިނިސްޓަރުގެ މަގާމުގައި ހުންނެވި މުހައްމަދު ޝިފާޒު ވަނީ މަގާމުން ވަކި ކުރައްވާފައެވެ.

އެ ދެބޭފުޅުންނަކީ ވެސް ރައީސް ނަޝީދަށް ތާއީދު ކުރައްވާ ދެ ބޭފުޅުންނެވެ.

ރައީސް ސާލިހް ވެރިކަމަށް ގެނައުމަށް ކުރި ކެމްޕެއިންގައި އެންމެ އިސްކޮށް ހުންނެވި އެއް ބޭފުޅަކަށް ޝިދާތާ ވާއިރު، އޭރު އަދާލަތު ތަމްސީލު ކުރުމުގައި އެންމެ އިސްކޮށް ހުންނެވީ ވެސް އޭނާއެވެ.

އެގޮތުން ރައީސް ސާލިހު ވެރިކަމަށް ވަޑައިގެން ޖެންޑަރ މިނިސްޓަރުކަން ޝިދާތާއަށް ދެއްވިއެވެ. އެހެންނަމަވެސް ތަފާތު ތުހުމަތައް ކުރައްވަން ފައްޓަވާ އެ ތުހުމަތުތައް އެކަމަނާގެ ބޮލުގައި އަޅުއްވާ މަގާމުން ދުރުކުރާނެ ކަމަށް އިންޒާރު ދިނުމުން އަމިއްލަފުޅަށް، ޝިދާތާ ވަނީ އިސްތިއުފާ ދެއްވާފައެވެ. އަދި އަދާލަތު ޕާޓީން ވަކިވެ، މިހާރު މަސައްކަތް ކުރައްވަމުން ގެންދަވަނީ އެމްއެންޕީއާ އެކުގައެވެ.