މިއަހަރު ބާއްވާ ރިޔާސީ އިންތިޚާބުގައި ޖުމްހޫރީ ޕާޓީ (ޖޭޕީ) ގެ ފަރާތުން ވާދަކުރެއްވުމަށް އެ ޕާޓީގެ ލީޑަރު، މާމިނގިލީ ދާއިރާގެ މެންބަރު ޤާސިމް އިބްރާޙީމް ނިންމަވައިފިއެވެ.

ޖޭޕީގެ ރިޔާސީ ޓިކެޓްގައި އިންތިޚާބުގައި ވާދަކުރުމަށް ނިންމަވައި، އެ ޕާޓީގެ ސެކްރެޓަރީ ޖެނެރަލަށް ޤާސިމް ފޮނުއްވި ސިޓީ އެ ޕާޓީގެ ރަސްމީ ޓްވީޓާގައި މިހާރު ވަނީ އާންމުކޮށްފައެވެ.

Ad
rt

އެ ސިޓީގައި ޤާސިމް ވިދާޅުވެފައި ވަނީ، އެ ޕާޓީގެ ރިޔާސީ ޓިކެޓްގައި ވާދަކުރުމުގެ ޝަރުތު ހަމަވާ އެ ޤާބިލުކަން ހުރި އެތައް ބޭފުޅުންނެއް ޕާޓީގައި ތިބިނަމަވެސް ރިޔާސީ ކެންޑިޑޭޓަކަށް ކުރިމަތިލުމަށް ކޮށްފައިވާ ޢިއުލާންގެ މުއްދަތު ހަމަވާން ކުޑަތަންވީއިރުވެސް އެއްވެސް ބޭފުޅަކު އެކަމަށްއެދި ކުރިލާފައިނުވާ ކަމަށެވެ.

އެހެންކަމުން ޕާޓީގެ ލީޑަރުގެ ގޮތުގައި ހުންނެވީ އޭނާކަމަށް ވީހިނދު، ޕާޓީން އެދޭގޮތް ހާސިލްކޮށް ދިނުމަށްޓަކައި އަންނަ ރިޔާސީ އިންތިޚާބުގައި ވާދަކުރުމަށް ނިންމަވައި، އެކަމަށް ޕާޓީން ކޮށްފައިވާ ޢިއުލާނުގައިވާ ފަދައިން އެ ޢިއުލާންގައި ބުނާ ލިޔެކިޔުންތައް ޕާޓީއަށް ހުށަހަޅުއްވާކަމަށް އެ ސިޓީގައި ވިދާޅުވެފަވެއެވެ.

ރިޔާސީ އިންތިހާބުގައި ވާދަކުރުމަށް ޖޭޕީން ނިންމީ އެ ޕާޓީގެ ކައުންސިލްގެ 151 ވަނަ ބައްދަލުވުމުގަ އެވެ.

ޖޭޕީގެ މީގެ ކުރީން ދެ ފަހަރަކު ވަނީ ރިޔާސީ އިންތިޚާބުގައި ވާދަކޮށްފައެވެ. އެ ދެފަހަރު ވެސް ވާދަކުރީ އެ ޕާޓީގެ ލީޑަރު، މާމިނގިލީ ދާއިރާގެ މެންބަރު ޤާސިމް އިބްރާޙީމް އެވެ.

މިއަހަރުގެ ރިޔާސީ ރޭހުގައި އެމްޑީޕީގެ ފަރާތުން ނުކުންނަވަނީ މިހާރުގެ ރައީސް އިބްރާޙީމް މުޙައްމަދު ޞާލިޙެވެ. ޕީޕީއެމްގެ ރިޔާސީ ޓިކެޓް ދީފައި ވަނީ އެ ޕާޓީގެ ރައީސް، ކުރީގެ ރައީސް ޔާމީން އަބުދުލްޤައްޔޫމަށެވެ. އެމްއެންޕީގެ ޓިކެޓް ދަނގެތީ ދާއިރާގެ މެންބަރު މުހައްމަދު ނާޒިމަށް ދީފައިވާއިރު، އަމިއްލަ ކެންޑިޑޭޓުންގެ ގޮތުގައި ކުރީގެ ބަންޑާރަ ނައިބު ޑރ. މުހައްމަދު މުނައްވަރާއި ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ވެސް ވަނީ ރިޔާސީ ރޭހުގައި ވާދަކުރައްވާނެކަން ޢިއުލާން ކުރައްވާފައެވެ.