ރ. ފުއްގިރި މައްސަލާގައި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ކުރާ ދައުވާގައި ކްރިމިނަލް ކޯޓުގައި ޝަރީއަތް މަޑުޖައްސާލުމުގެ އަމުރެއް ނެރެދޭން އެ މަނިކުފާނުގެ ފަރާތްޕުޅުން މިއަދު ހައި ކޯޓުގައި އެދިވަޑައިގެންފި އެވެ.
ވ. އާރަށް ކުއްޔަށް ދިނުމުގެ މުއާމަލާތާ ގުޅިގެން 11 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާ ޔާމީންގެ މައްޗަށް ފުއްގިރި ކުއްޔަށް ދިނުމުގެ މުއާމަލާތާ ގުޅިގެން ރިޝްވަތާއި މަނީ ލޯންޑްރިންގެ ދައުވާކޮށް, އެ މައްސަލާގެ ޝަރީއަތް ކްރިމިނަލް ކޯޓުގައި ދަނީ ކުރިއަށެވެ.
ފުއްގިރި މައްސަލާގަިއި ޝަރީއަތުގެ ކުރީގެ ހުށަހެޅުންތަކާ މެދު ނިންމި ނިންމުންތައް ޔާމީންގެ ފަރާތްޕުޅުން ވަނީ އިސްތިއުނފްކޮށްފަ އެވެ.
ހައި ކޯޓުގައި މިއަދު ބޭއްވި އަޑުއެހުމުގައި ޔާމީން ވަކީލުން ވިދާޅުވީ، އެ މައްސަލަ ހައި ކޯޓުގައި ތާވަލް ކޮށްފައި ވަނިކޮށް، ފުއްގިރި މައްސަލާގެ އަޑުއެހުމެއް ކްރިމިނަލް ކޯޓުން އަންނަ ހަފުތާގައި ބާއްވަން ހަމަޖައްސާފައިވާ ކަމަށެވެ. އެހެންކަމުން އެ ޝަރީއަތް މަޑުޖައްސާލުމުގެ އަމުރެއް ނެރެދޭން ވަކީލުން އެދިވަޑައިގަތެވެ.
ދައުލަތުން ބުނީ ހައި ކޯޓުން ގޮތެއް ނިންމުމުގެ ކުރިން ފުއްގިރި މައްސަލަ ކުރިއަށް ގެންދާ ނަމަ ޝަރީއަތް މަޑުޖައްސާލުމުގެ އަމުރެއް ނެރެން ދައުލަތުން ދެކޮޅު ނަހަދާނެ ކަމަށެވެ.
ދެން އޮންނަ އަޑުއެހުމެއްގައި އޮންނާނީ އެ މައްސަލާގައި ދައުލަތުން ޖަވާބުދާރީވުމެވެ.
ހައި ކޯޓުން މައްސަލަ ބައްލަވަނީ ފަނޑިޔާރު ހަސަން ޝަފީއު އާއި ފަނޑިޔާރު މުހައްމަދު ފައިސަލްގެ އިތުރުން ފަނޑިޔާރު ދީބާނާޒް ފަހުމީ އެވެ. ބެންޗުގެ ރިޔާސަތަކީ ފަނޑިޔާރު ޝަފީއު އެވެ.
އާރަށް މައްސަލާގައި ޔާމީން ޖަލަށްލާން ކުރި ހުކުމް ވެސް އެ މަނިކުފާނުގެ ފަރާތްޕުޅުން އޮތީ އިސްތިއުނާފަށް ހުށަހަޅައިފަ އެވެ.
އެކަމަކު އެ މައްސަލަ މިހާތަނަކަށް ބަލައެއް ނުގަނެ އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!