އަބަދުވެސް ތިބެންވާނީ މަރަށް ތައްޔާރުވެގެން ކަމަށް ޤައުމީ ޔުނިވާސިޓީގެ ޝަރީޢާ ފެކަލްޓީގެ ޑީން ޑރ. ޢަބްދުއްސައްތާރު ޢަބްދުއްރަޙްމާނު ވިދާޅުވެއްޖެއެވެ.

ޑރ. އަބުދުއްސައްތާރު މިހެން ވިދާޅުވީ، އިސްލާމިކް މިނިސްޓްރީން ކުރިއަށް ގެންދަވާ މިއަހަރުގެ އިހްޔާ ފޯރަމްގައި އާދީއްތަ ދުވަހުގެ ރޭ ތަޤްރީރު ކުރައްވަމުންނެވެ.

Ad
rt

އާދީއްތަ ދުވަހުގެ ރޭ ބޭއްވި އިހްޔާ ފޯރަމްގެ މައުޟޫއަކީ ” މަރާއި މަރުހިއްޕެވުން ” އެވެ.

މި އިޙްޔާ ފޯރަމްގައި ތަޤްރީރުކުރައްވަމުން ޑރ. ޢަބްދުއްސައްތާރު ވިދާޅުވީ، މަރަކީ ކަނޑައެޅިފައިވާ ކަމެއްކަމަށެވެ. އަދި ކިތަންމެ ވަރަކަށް ރައްކާތެރިވެގެން ތިބިކަމުގައިވިޔަސް މަރާއި ކުރިމަތިވާނެކަމަށް ހަނދާންކޮށްދެއްވިއެވެ.

މި މައުޟޫގައި ޑރ. ކުރެއްވި ތަޤްރީރުގައި ވަނީ އިންސާނުން ދުނިޔެއަށް އަންނަ ގޮތަށާއި، ދިރުމާއި މަރާއި ދެމެދުގައި އިންސާނާއަށް ދިމާވާ ކަންތައްތަކަށް ވަރަށް ތަފްސީލުކޮށް އަލިއަޅުއްވާލައްވާފައެވެ.

މިގޮތުން މަރުވާ ވަގުތު ގޯސްކޮށް އުޅުނު އިންސާނާ، އޭނާ އަލުން ދުނިޔެއަށް ފޮނުއްވުމަށް އެދޭނެކަމަށާއި އެހެންނަމަވެސް ހެޔޮ ޢަމަލުކުރި އިންސާނާ މަރާ ބައްދަލުކުރާނީ ލުއި، ފަސޭހަކަމާއެކުކަމަށް ވިދާޅުވިއެވެ.

މަރުވާ ހިނދު އިންސާނާ ތަޙައްމަލްކުރަންޖެހޭ ތަކުލީފުތަކަށް ބައްލަވަމުން ދަރަންޏަކީ އިންސާނާއަށް ސުވަރުގެ ނުވަދެވޭ ސަބަބެއް ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.

އެހެންކަމުން ދުނިޔޭގައި އުޅޭއިރު މާތްﷲ އަންގަވާފައިވާގޮތަށް ޢަމަލުތައްކުރުމަށް ޑރ ޢަބްދުއްސައްތާރު ވަނީ އިލްތިމާސްކުރައްވާފައެވެ.

ޑރ. އަބުދުއްސައްތާރުގެ މި ތަޤްރީރުގައި ޚާއްސަކޮށް ދޫރައްކާތެރިކުރުމުގެ މުހިންމުކަން ވަނީ ފާހަގަކުރައްވާފައެވެ.