މިއަހަރު ބާއްވާ ރިޔާސީ އިންތިޚާބުގެ އޮބްޒާވަރުންނަށް ވުމުގެ ފުރުސަތު ބޭރުގެ ފަރާތްތަކަށް، އިލެކްޝަންސް ކޮމިޝަން (އީސީ) އިން ހުޅުވާލައިފިއެވެ.
އެ ކޮމިޝަނުން ބުނީ ރިޔާސީ އިންތިޚާބު އޮބްޒާވްކޮށް، މޮނިޓަރ ކުރުމަށް ޝައުގުވެރިވާ ބައިނަލްއަޤްވާމީ އެސޯސިއޭޝަންތަކާއި ސޮސައިޓީތަކާއި ބޭރުގެ ފަރާތްތަކަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލާފައިވާ ކަމަށެވެ.
މިކަމަށް އެދޭ ފަރާތްތަކުގެ ފޯމު ބަލައިގަތުމަށް ހަމަޖެހިފައިވަނީ މި މާރިޗު މަހުގެ 25 ވަނަ ދުވަހުން ފެށިގެން ޖުލައި މަހުގެ 25 ވަނަ ދުވަހުގެ ނިޔަލަށް ކަމަށް ވެސް އީސީ އިން ބުނެއެވެ.
މި އިންތިޚާބު އޮބްޒާވުކޮށް، މޮނިޓަރ ކުރުމަށް އެދޭ ފަރާތަކީ އުމުރުން 18 އަހަރު ފުރިފައިވާ ފަރާތަކަށް ވާން ވާނެ ކަމަށާއި ބައިނަލްއަގުވާމީ އެސޯސިއޭޝަންތަކާއި ސޮސައިޓީތަކުގެ މަންދޫބުންނަށް ވާންޖެހޭނެ ކަމަށް އީސީ އިން ބުނެއެވެ.
މީގެ އިތުރުން އެ އެސޯސިއޭޝަންތަކަށް ނިސްބަތްވާ އެސޯސިއޭޝަންތަކުން އެކްރެޑިޓްކުރާ އިންތިޚާބީ ޙަރަކާތްތަކާ ގުޅުންހުރި ފަރާތަކަށް ވެގެން ނުވާނެ ކަމަށާއި އަދި އެފަދަ އެއްވެސް ހަރަކާތަކަށް ތާއީދު ހޯދުމަށް އެއްވެސް ކެނޑިޑޭޓަކަށް ނުވަތަ ސިޔާސީ ޕާޓީއަކަށް ކެމްޕެއިން ކުރުމުގައި ބައިވެރިވާ ފަރާތަކަށް ވެސް ވެގެން ނުވާނެ ކަމަށް އީސީ އިން ބުނެއެވެ.
މީގެ އިތުރުން ރިޔާސީ އިންތިޚާބަށް ބައިނަލްއަޤްވާމީ އޮބްޒާވަރުންނާއި މޮނީޓަރުން ޢަމަލުކުރަންވާނީ 11/2008 އިންތިޚާބު (ޢާންމު) ޤާނޫނުގެ 40 ވަނަ މާއްދާއާއި 41 ވަނަ މާއްދާގައިވާ ގޮތުގެ މަތިންނާއި، ރިޔާސީ އިންތިޚާބުގެ ގަވާއިދު 2023 ގައި ބަޔާންކޮށްފައިވާ ސުލޫކީ މިންގަނޑުތަކާ އެއްގޮތްވާ ގޮތުގެ މަތިން ކަމަށް ވެސް ވަނީ ބުނެފައެވެ. އަދި އެކްރެޑިޓް ކޮށްފައިވާ ހުރިހާ އޮބްޒާވަރުންނާއި މޮނީޓަރުންނަށް ލޮޖިސްޓިކް އިންތިޒާމުތައް ހަމަޖެއްސުމަށް އެކަށީގެންވާ ގޮތެއްގައި ގުޅާނެ ކަމަށް ވެސް ބުނެފައި ވެއެވެ.
އީސީ އިން ބުނީ މޮނިޓަރުންނާއި އޮބްޒާވަރުންނަށް ވުމަށް އެދޭ ފަރާތްތަކުން ހުށަހަޅާ ފޯމާއި އެކު ޕާސްޕޯޓުގެ ތަފްސީލު ވެސް ހުށަހަޅަންވާނެ ކަމަށެވެ.
އެކަމަށް އެދޭ ފަރާތްތަކުން info@elections.gov.mv އަށް ހުށަހެޅުމަށާއި އެއްވެސް މައުލޫމާތެއް ފުރިހަމަ ނުވާނަމަ އެ ފޯމެއް ބަލައިނުގަންނާނެ ކަމަށް ވެސް އިލެކްޝަނުން ބުނެއެވެ.
ރިޔާސީ އިންތިޚާބު ބޭއްވުމަށް ނިންމާފައިވަނީ ސެޕްޓެމްބަރ 9 ގައެވެ. އަދި ދެވަނަ ބުރަކަށް ދާން ޖެހިއްޖެނަމަ، ސެޕްޓެމްބަރ 30 ގައި ބޭއްވުމަށް ވަނީ ނިންމާފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!