ޔޫރޯ 2024، ކޮލިފައިން ގްރޫޕް ބީގެ ފުރަތަމަ މެޗުތައް ރޭ ކުޅެފައިވާއިރު، މި ގްރޫޕުގައި ނެދަލެންޑްސްއާއި ފްރާންސް ބައްދަލުކުރި މެޗު ފަސޭހަކަމާއިއެކު ފްރާންސުން ކާމިޔާބު ކޮށްފިއެވެ.
ރޭ މެޗަށް ނެދަލެންޑްސް ނުކުމެފައި ވަނީ ކާނާ ވިހަވުމުގެ ސަބަބުން އެ ޓީމްގެ މުހިންމު ބައެއް ކުޅުންތެރިން ނުލައެވެ. ކާނާވިހަވެ މެޗުގެ ކުރިން ޓީމްގެ ކޭމްޕް ދޫކޮށް ދިޔަ ކުޅުންތެރިންގެ ތެރޭގައި ކޯޑީ ގަކްޕޯ، މަތައިސް ޑި ލިޓް، ޖޯއީ ވާމެން، ބާޓް ވާބްރުގެން ހިމެނެއެވެ.
ރޭ ފްރާންސްގައި ކުޅުނު މި މެޗުގައި އެ ޓީމުން ވަނީ 4-0 ގެ ނަތީޖާއިން ނެދަލެންޑްސް ގެ މައްޗަށް ކުރި ހޯދާފައެވެ.
މި މެޗުގެ ފުރަތަމަ ހާފުގައި ފްރާންސުން ވަނީ ތިން ލަނޑު ޖަހާފައެވެ. ފުރަތަމަ ލަނޑު މެޗުގެ 2 ވަނަ މިނެޓުގައި ކާމިޔާބު ކޮށްދީފައި ވަނީ ގްރިޒްމަންއެވެ. އޭނާ މި ލަނޑު ޖަހާފައި ވަނީ އެމްބާޕޭ ތަނަވަސް ކޮށްދިން ފުރުޞަތެއްގައެވެ.
ފްރާންސަށް ދެވަނަ ލަނޑު މެޗުގެ 8 ވަނަ މިނެޓުގައި ކާމިޔާބު ކޮށްދީފައި ވަނީ ޑިފެންޑަރ އުޕަމެކާނޯއެވެ. މި ލަނޑު އޭނާ ޖަހާފައި ވަނީ ނެދަލެންޑްސްގެ އޭރިއާ ބޭރުން ލިބުނު ހިލޭ ޖެހުމަކުން ގްރީޒްމަން ހުރަސްކުރި ބޯޅަ ދިފާއުކުރުމަށް މަސައްކަތްކުރި ނެދަލެންޑްސްގެ ކީޕަރަށް ހެދުނު ގޯހެއްގެ ފައިދާ ނަގައިގެންނެވެ.
މެޗުގައި ފްރާންސުން ކާމިޔާބުކުރި ތިންވަނަ ލަނޑު 21 ވަނަ މިނެޓުގައި ޗުއަމެނީ ތަނަވަސް ކޮށްދިން ފުރުޞަތެއްގައި އެމްބާޕޭ ކާމިޔާބު ކޮށްދިންއިރު، ހަތަރުވަނަ ލަނޑު 88 ވަނަ މިނެޓުގައި ކާމިޔާބު ކޮށްދީފައި ވަނީ ވެސް އެމްބާޕޭ އެވެ. މިއީ އޭނާ ގައުމީ ޓީމަށް ޖަހައިދިން 37 ވަނަ ލަނޑެވެ.
މެޗުގައި ލަނޑެއް ޖަހަން ނެދަލެންޑްސްއަށް އެންމެ ރަނގަޅު ފުރުޞަތެއް ލިބިފައި ވަނީ އެ ޓީމްގެ މެންފިސް ޑިޕޭއަށެވެ. މެޗުގެ އިތުރު ވަގުތު ލިބުނު ޕެނަލްޓީ އޭނާ ފޮނުވާލިއިރު، އެ ޕެނަލްޓީ ފްރާންސްގެ ކީޕަރު ވަނީ މަތަކޮށްފައެވެ.
މި ގްރޫޕްގައި ރޭ ކުޅުނު އަނެއް މެޗުގައި ގިބްރާލްޓާ އަތުން ގްރީސް ވަނީ 3-0 އިން މޮޅުވެފަ އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!