އައްޑޫ ސިޓީގައި އިސްލާމީ މަރުކަޒެއް ތަރައްޤީކުރުމުގެ މަޝްރޫޢުގެ އެއްބަސްވުމުގައި މިއަދު ސޮއިކޮށްފިއެވެ.

މިއަދު މެންދުރުފަހު އައްޑޫސިޓީ ކައުންސިލް އިދާރާގައި ބޭއްވި މި ރަސްމިއްޔާތުގައި އައްޑޫސިޓީގެ އިސްލާމީ މަރުކަޒު ތަރައްޤީކުރުމުގެ ކޮންޓްރެކްޓް ހަވާލުކޮށްފައި ވަނީ ފެޑޯ ޕްރައިވެޓް ލިމިޓެޑާއެވެ.

Ad
rt

މި އެއްބަސްވުމުގައި އިސްލާމިކް މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރު ޑރ. އަޙްމަދު ޒާހިރު ޢަލީ އެވެ. މަސައްކަތުގެ ކޮންޓްރެކްޓަރ ފެޑޯ ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ އަޙްމަދު ފަޔާޒްއެވެ.

މިކަމަށް ބޭއްވި ރަސްމިއްޔާތުގައި ނައިބު ރައީސް ފައިޞަލް ނަސީމް ވަނީ ބައިވެރިވެވަޑައިގަންނަވާފައެވެ.

އިސްލާމިކް މިނިސްޓަރީން ވިދާޅުވެފައިވާ ގޮތުގައި މިއީ ދެ ފަންގިފިލާ ހިމެނޭ ހެން އިމާރާތް ކުރާ ތަނެކެވެ. މި އިމާރާތުގައި 1500 މީހުންގެ ޖާގައިގެ ނަމާދުކުރާ ބަޔަކާއި 450 މީހުންގެ ޖާގައިގެ މަލްޓި ޕަރޕަސް ހޯލަކާއި 4 ކްލާސްރޫމާއި 2 ސެމިނަރ ރޫމް ހުންނާނެއެވެ.

މީގެ އިތުރުން އިދާރީ އޮފީހާއި އިސްލާމިކް ލައިބްރަރީ އަދި ޕޭންޓްރީ ހުންނާނެ ކަމަށް ވެސް އެ މިނިސްޓްރީން ވަނީ ވިދާޅުވެފައެވެ.

މި މަޝްރޫޢުގެ މަސައްކަތް ފީޑޯ ޕްރައިވެޓް ލިމިޓެޑާ ހަވާލުކޮށްފައި ވަނީ 450 ދުވަހުގެ ތެރޭގައި މަސައްކަތް ނިންމާގޮތަށެވެ.