ދާއިރާގެ ތަރައްގީގައި ވަކި ޕާޓީއަކަށް ބެލުމެއް ނޯންނާނެ ކަމަށާއި އޭނާއަކީ ހުރިހާ ރައްޔިތުންނަށް އެމްޑީޕީގެ ތަރައްގީ ފޯރުކޮށްދޭން ނިކުންނަ 'އެޖެންޓެއް' ކަމަށް މަޖިލީހުގެ ގުރައިދޫ ދާއިރާގެ ބައި އިލެކްޝަންގައި އެމްޑީޕީގެ ފަރާތުން ވާދަކުރާ ކެންޑިޑޭޓް އިބްރާހީމް ޝާޒު ވިދާޅުވެއްޖެއެވެ.

އޭނާގެ ކެމްޕޭން ފެށުމަށް މާލެއަތޮޅު ގުޅީގައި ރޭ ބޭއްވި ޖަލްސާގައި ވާހަކަ ދައްކަމުން ޝާޒު ވިދާޅުވީ އޭނާ އެ ދާއިރާއަށް ކުރިމަތިލަނީ މަޖިލީހުގެ ގޮނޑި ހޫނުކުރުމަށް ނޫން ކަމަށެވެ.

Ad
rt

މީގެ އިތުރުން ގުރައިދޫ އާއި މާފުއްޓަށް ބޭނުންވާ ކަންކަން ވަރަށް ސާފުކޮށް އެނގޭ ކަމަށާއި އެ އަތޮޅުގެ ރަށްތަކަށް އޮތް އެންމެ ބޮޑު ދަތިކަމަކީ ބިމުގެ ދަތިކަން ކަމަށް އޭނާ ވަނީ ފާހަގަ ކުރައްވާފައެވެ.

''މި ދާއިރާގެ ތަރައްގީގައި އަޅުގަނޑަށް ވަކި ޕާޓީއެއް ނޯވޭ. އަޅުގަނޑު މީ ހުރިހާ ޕާޓީއަކަށް އެމްޑީޕީގެ ތަރައްގީ ފޯރުކޮށްދޭން ނުކުންނަ، ރައްޔިތުންގެ އެޖެންޓު'' ޝާޒް ވިދާޅުވެފަވެއެވެ.

ޝާޒް ވިދާޅުވީ އެއިން ކޮންމެ ރަށެއްގައި 'ޕިކްނިކް އައިލެންޑެއް' އެބައޮތް ކަމަށާއި މިކަމުން ދޭހަވެގެން ދަނީ މި ސަރުކާރުން ތަރައްގީ ގެނައުމުގައި ވަކި ރަށެއް ތަފާތު ނުކުރާކަން ކަމަށެވެ.

އެމްޑީޕީގެ ޓިކެޓުގައި ގުރައިދޫ ދާއިރާގެ ގޮނޑިއަށް ވާދަކުރަނީ، ރައްޔިތުންނަށް އެމްޑީޕީގެ ތަރައްގީ ފޯރުކޮށްދިނުމަށް ކަމަށާއި އެހެންކަމުން އެ ދާއިރާގެ ރައްޔިތުން ތަރައްގީއަށް އެދޭނަމަ ގުރައިދޫ ދާއިރާގެ ހުސްވެފައިވާ ގޮނޑިއަށް އޭނާ އިންތިހާބުކޮށް ދިނުމަށް ރައްޔިތުންގެ ކިބައިން އޭނާ ވަނީ އެދިފައެވެ.