ފުލުހުންގެ ވަޒީފާ ދިނުމުގެ ކުރިން ވަޒީފާއަށް ކުރިމަތިލީ މީހާގެ ބެކްގްރައުންޑް ޗެކްކުރުމަށް ބޭނުންވާ ޕޮލިގްރާފް ހެދުން އިހުތިޔާރީކޮށް ރައްޔިތުން މަޖިލީހުން ފާސްކޮށްފައިވާ ދިވެހި ފުލުހުންގެ ޚިދުމަތުގެ ޤާނޫނަށް އެއްވަނަ އިސްލާޙު ގެނައުމުގެ ބިލު، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް އިއްޔެ ތަސްދީގު ކުރައްވައިފިއެވެ.
މި ބިލަކީ 20 މާރިޗު 2020 ވީ ހޯމަ ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ މި އަހަރުގެ ފުރަތަމަ ދައުރުގެ 19 ވަނަ ޖަލްސާއިން ފާސްކުރައްވައިފައިވާ ބިލެކެވެ.
މި ބިލުން އިސްލާޙްކޮށްފައިވާ އެއް މާއްދާ އަކީ ފުލުހުންގެ ޚިދުމަތުގެ ޤާނޫނުގެ 17 ވަނަ މާއްދާ އެވެ. އެ މާއްދާ އަކީ ރެކްރޫޓްކުރުމުގެ ކުރިން އިތުރު ބެކްގްރައުންޑް ޗެކްކުރުމާ ގުޅޭ މާއްދާއެވެ. މި މާއްދާއަށް ހުށަހަޅައިފައި އިސްލާޙަކީ ފުލުހުންގެ ޚިދުމަތާ އަލަށް ގުޅޭ ފަރާތްތަކަކީ މިފަދަ ވަޒީފާއެއް އަދާކުރަން އެކަށީގެންވާ ފަރާތެއްތޯ ބެލުމަށް ޓަކައި ލާޒިމުކުރާ ބެކްގްރައުންޑް ޗެކް ހެދުމުގެ ގޮތުން ކޮންމެހެން ފުރިހަމަ ކުރަންޖެހޭ ކަންތައްތަކެއްވާއިރު، އެފަދަ ބެކްގްރައުންޑް ޗެކެއް ހަދާ ކޮންމެ ޙާލަތެއްގައި އެ ހުރިހާ ކަމެއް އެކުގައި ފުރިހަމަކުރުމަކީ އެކަށީގެންވާ ކަމެއްކަމަށް ނުވެދާނެތީ، ހުށަހަޅައިފައިވާ އިޞްލާޙެކެވެ.
އެގޮތުން ބެކްގްރައުންޑް ޗެކްކުރުމުގެ ގޮތުން ހަދާ ބެކްގުރައުންޑް އެނަލިސިސްއަކަށްފަހު، ޕޮލިގްރާފް ނުވަތަ އެނޫންވެސް ވަޞީލަތެއް މެދުވެރިކޮށް އިތުރު އެނަލިސިސް އެއް ހެދުމަށް ހުރަހެއް ނެތްކަން މި އިސްލާޙުގައި ބަޔާންކޮށްފައި ވެއެވެ. މީގެ އިތުރުން، ފުލުހުންގެ ޚިދުމަތާ އަލަށް ގުޅޭ ފަރާތްތަކުގެ ބެކްގްރައުންޑް ޗެކްކުރުމުގެ ގޮތުން ޢަމަލުކުރާނެ އުސޫލުތަކާއި، ބޭނުންކުރެވިދާނެ އިތުރު ވަޞީލަތްތައް މި ޤާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކުރަން ވާނެ ކަމުގައި ވެސް މި އިޞްލާޙުގައި ވެއެވެ.
ދެން އިސްލާޙް ގެނެސްފައި ވަނީ ފުލުހުންގެ ޚިދުމަތުގެ ޤާނޫނުގެ 100 ވަނަ މާއްދާގެ (ކ) އަށެވެ. މި މާއްދާ އަށް ހުށަހަޅައިފައިވާ އިޞްލާޙަކީ، ތަހުޤީޤުކުރާ ފުލުހުން ފުރިހަމަ ކުރުމަށް ލާޒިމް ކުރާ ސަނަދު ހާސިލުކުރުމަށް، މިހާރު ޤާނޫނުގައި ބަޔާންކޮށްފައިވާ ދެ އަހަރު ދުވަހުގެ މުއްދަތުގެ ތެރޭގައި ތަޙްޤީޤުކުރާ އެންމެހައި ފުލުހުންނަށް އެ ފެންވަރުގެ ސަނަދެއް ހާސިލުކޮށް ނިންމިދާނެ ކަމަށް ނުފެންނާތީ، މިހާތަނަށް އެފަދަ ސަނަދެއް ޙާޞިލުކޮށްފައި ނުވާ ތަޙްޤީޤުކުރާ ފުލުހުންނަށް އެ ފުރުޞަތު ދިނުމުގެ ބޭނުމުގައި، ޤާނޫނުގައި ބަޔާންކޮށްފައިވާ ދެ އަހަރު ދުވަހުގެ މުއްދަތު، 27 މާރިޗު 2024 ގެ ނިޔަލަށް އިތުރުކުރުމުގެ އިޚްތިޔާރު ކޮމިޝަނަރ އޮފް ޕޮލިހަށް ލިބިދޭގޮތަށް ކަނޑައަޅައިފައިވާ އިޞްލާޙެކެވެ.
ފުލުހުންގެ ޚިދުމަތުގެ ޤާނޫނަށް 1 ވަނަ އިޞްލާޙު ގެނައުމުގެ ބިލު ރައީސުލްޖުމްހޫރިއްޔާ އިއްޔެ ތަސްދީޤުކުރެއްވުމާ ގުޅިގެން އެ ޤާނޫނު އިއްޔެ ވަނީ ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިޢު ކުރައްވައިފައެވެ. އަދި އެ ޤާނޫނުގައި ބަޔާންކޮށްފައިވާ މި ޤާނޫނަށް ޢަމަލުކުރަން ފަށާނީ މި ޤާނޫނު ފާސްވެ ތަޞްދީޤުކޮށް، ދިވެހިސަރުކާރުގެ ގެޒެޓުގައި ޝާއިޢުކުރާ ދުވަހުން ފެށިގެންކަމަށް ބަޔާންކޮށްފައިވާތީ އިއްޔެއިން ފެށިގެން މި ޤާނޫނަށް ވަނީ ޢަމަލުކުރަން ފަށާފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!