ކުރީގެ ޢަދަދާއިގުޅޭ،

" އަހަރެން ބޭނުން ސްކޭނަށް ވަންނަން.." ޒައިން އެހެން ބުނުމުން އުޝާގެ ދެލޯ ބޮޑުވެގެން ދިޔައެވެ. ޒައިން އެގޮތް ބޭނުންވެދާނެ ކަމަކަށް ފަހަރެއްގައިވެސް އުޝާ ހިއެއް ނުކުރެއެވެ. ބުނާނެ އެއްޗެއް ނޭނގިފައި އިރުކޮޅަކު އޭނާއަށް އިނދެވުނީ ހައިރާންކަންމަތީގައެވެ.

Ad
rt

" ކިހިނެއްވީ؟ އަހަރެން ވަންނަން ބޭނުން ނުވަނީތަ؟ "

މަޑުމަޑުން ޒައިން އަހާލީ އުޝާއާ ޖެހިގެން އިން ގޮނޑީގައި އިނދެގެންނެވެ. އެހާ ގާތުން ޒައިންގެ މޫނު ފެނުމުން އުޝާއަށް ބަޔާންކުރަން ދަތި އިޙްސާސްތަކެއް ކުރެވެމުންދާކަން އޭނާއަށް އެނގެއެވެ.

" އާނ! ބޭނުމެއްނޫން! އަހަރެން އެކަނި ވަންނާނީ!"

އަވަސް އަވަހަށް އުޝާ ބުނެލިއެވެ. އެފަދަ ޖަވާބެއް އޭނާ ދީފާނެ ކަމަކަށް ޒައިން ހިއެއްވެސް ނުކުރެއެވެ. އުޝާ އެހެން ބުނުމުން ޒައިން އިންތިހާއަށް ދެރަވެސްވިއެވެ. ނަމަވެސް އުޝާގެ ނިންމުމަށް އިޙްތިރާމް ކުރުމުގެ ގޮތުން އޭނާ އެކަމާ ދެބަސް ވާކަށް ބޭނުމެއް ނޫނެވެ. ދެމީހުންގެ ދެމެދަށް ވެރިވެފައިވާ ހަމަހިމޭންކަމަށް ނިމުން ގެނުވީ އުޝާގެ ނަމުން ގޮވާލި ސިސްޓަރގެ އަޑުންނެވެ. އެއާއެކު އުޝާ މަޑުމަޑުން ތެދުވެގެން ގޮސް ސްކޭން ކުރާ ކޮޓަރިއަށް ވަނެވެ.

ޑޮކްޓަރ ސްކޭން ކުރައްވަމުން ގެންދަވާއިރު، ސްކްރީނުން ދަރިފުޅު ފެންނަން އޮތެވެ. އުޝާގެ ދެލޮލުން ކަރުނަ ހިލެން ފެށީ ޑޮކްޓަރ އަމިއްލަފުޅަށް މިއޮތީ ދަރިފުޅޭ ބުނުމުންނެވެ. އެއާއެކު ސްކޭން ރޫމްގެ ދޮރުގައި ޓަކި ޖަހާލި އަޑަށް ސިސްޓަރ ދޮރާއިދިމާލަށް ދުރުވިއެވެ.

" ޑޮކްޓަރ! ޕޭޝަންޓްގެ އެހީތެރިޔާ ބޭނުންވެލައްވާ އެތެރެއަށް ވަންނަން! އެންމެ ރަނގަޅުތޯ؟" ޑޮކްޓަރގެ ބޮލުގެ އިޝާރާތުން އެއްބަސްވެލެއްވިއެވެ.

އުޝާ ފިނިވެގެން ދިޔައީ ޒައިން ފެނުމުންނެވެ. އެތެރެއަށްވަނީ ފިރެހެނެއްކަމުން ޑޮކްޓަރ އުޝާއާ ވާހަކަ ދައްކަވަން ފެއްޓެވިއެވެ.

" ހަޒްބަންޑަށް ބޭބީ ދައްކާލަން ވާނު! މިއޮތީ ބޭބީގެ ދެއަތް! މިހާރު ވަރަށް މޫވް ކުރޭ އެބަ! ބައްޕައަށް ވޭވް ކޮއްލަނީތާދޯ! ދެފައިވެސް ވަރަށް އެބަ ތަޅުވާލާ ދޯ! "

އެމަންޒަރު ފެނި، ޒައިންގެ ދެލޯ ފެންކަޅިވެގެން ދިޔައެވެ. ބޭއިޙްތިޔާރުގައި އުޝާގެ އަތުގައި ހިފާލެވުނެވެ. އަދި އުޝާގެ ބޮލުގައި އޭނާއަށް ފިރުމާވެސް ލެވުނެވެ.

" އެއްވެސް މައްސަލައެއް އުޅޭތޯ ޑޮކްޓަރ؟ ބޭބީ ރަނގަޅުތޯ؟"

ޒައިންއަށް އަވަސް އަވަހަށް އަހާލެވުނެވެ.

" ގައިނީ ޑޮކްޓަރ ކިޔާލަދެއްވާނެ ރިޕޯޓް! "

އޭރުވެސް އުޝާ އޮތީ ޒައިންގެ މޫނަށް ބަލަހައްޓައިގެންނެވެ. އުޝާ އެ އެނދުން ތެދުވީވެސް ޒައިންގެ އެހީތެރިކަމާއެކުއެވެ.

ސްކޭން ރޫމުން ނިކުތުމާއެކު ޒައިން ވާހަކަ ދައްކަން ފެށިއެވެ.

" އަލްޙަމްދުލިﷲ! ދުވަަހަކުވެސް ނުވާހާ އުފާ މިރޭ ވެއްޖެ! އަހަންނަކަށް ކުރިއަކުން ނޭނގެ އެއީ ކިހާ އުފާވެރި ކަމެއްކަމެއް! "

ރިޕޯޓްގެ އިންތިޒާރުގައި އަނެއްކާވެސް އުޝާ ގޮނޑީގައި އިށީނދެލިއެވެ.

" އަހަންނަށް މިރޭ މި ފެނުނީ ހަމަ އަހަރެންގެ ދަރިފުޅުތަ؟ އަހަރެން ބޭނުން އެ ދަރިފުޅު ބައްޕާއޭ ކިޔާ ގޮވާލާ އަޑު އަހާލަން! އަހަރެން ބޭނުން އެ ދަރިފުޅު! "

ޒައިން އެހެން ބުނި އިރުގައިވެސް އުޝާ އިނީ ކަޅިޖަހާނުލާ ޒައިންއަށް ބަލާށެވެ.

" ކެރޭނެތަ؟ ކެރޭނެތަ ބައްޕާއޭ ކިޔާ ގޮވާލާށޭ މިދަރިފުޅު ގާތު ބުނަން؟ ކެރޭނެތަ މިކަމަށް އެއްބަސްވާން؟ "

ސުވާލަކަށް ފަހު ސުވާލެއްކޮށް، އުޝާ ޒައިން ހާސްކޮށްލިއެވެ. އޭނާއަށް އެއްވެސް ޖަވާބެއް ނުދެވުނެވެ. އޭނާގެ މޫނުމަތިން ހާސްކަމާއި ކަންބޮޑުވުމުގެ އަސަރުތައް ފާޅުވާކަށް މާ ގިނައިރެއް ނުނެގިއެވެ. ހަމަ އެވަގުތެވެ. ރިޕޯޓްވެސް ލިބުނެވެ. ރިޕޯޓް ލިބުމާއެކު އުޝާ ތެދުވިއެވެ.

" ކޮންތާކަށް ދާން؟ " ކުޑަކޮށް ބޯ ހިއްލާލުމަށްފަހު ޒައިން އަހާލިއެވެ.

" ޖެހިގެން އެ ހުރި ރޫމަށް ގައިނީއަށް ދައްކާލަން ވަންނަން ޖެހޭނެ! " ފަސޭހަކަމާއެކު އުޝާ ބުނެލިއެވެ.

" އަހަރެން ދިޔަސް އެންމެ ރަނގަޅުތަ؟ " އަސަރާއެކު ޒައިން އަހާލުމުން އުޝާ ބޯ ޖަހާލިއެވެ.

ޑޮކްޓަރ ވަރަށް ރަނގަޅަށް ރިޕޯޓް ބެއްލެވުމަށްފަހު، އުޝާއަށް ބަލާލެއްވިއެވެ.

" މީ ފިރިމީހާތޯ؟ "

ބުނާނެ އެއްޗެއް އުޝާގެ ހިތަކަށް ނައެވެ. އޭނާއަށް ބަލާލެވުނީ ޒައިންއަށެވެ.

" ކިހިނެއްތޯވީ؟ އަހަރެމެންގެ ދަރިފުޅު ރަނގަޅުތޯ؟"

ޑޮކްޓަރގެ މޫނުމަތީގައިވާ އުދާސްވެރިކަމުން ޒައިން ހާސްވިއެވެ.

" ސްކޭން ރަނގަޅު! ދެން މިއަދު ދޭނަން ބްލަޑް ޓެސްޓެއް ހަދާލަން!ސްކޭން ރަނގަޅިއްޔާ ޓެސްޓްތައްވެސް ހަމަ ނޯމަލް ވާނެކަމަށް ލަފާކުރެވެނީ! ނަތީޖާ ލިބުނީމަ ކަނޑައެޅިގެން ބުނަން އެނގޭނީ! އެހާ ބޮޑަށް ކަންބޮޑު ނުވޭ! މަންމަ އަބަދުވެސް ވާނީ އުފަލުގައި ހުންނަން! ރަނގަޅު އެއްޗެހި ކައިގެން އުފާވެރިކަމުގައި ދެމިހުރެވޭތޯ ބަލަންވާނެ! ޓެސްޓް ނަތީޖާ ލިބޭނީ ތިންދުވަސްވަރު ފަހުން! "

" ސްކޭންގައި މައްސަލައެއް އުޅެނީތޯ؟"

މިފަހަރު ސުވާލުކުރީ އުޝާއެވެ. އޭރުވެސް ޑޮކްޓަރ އިންނެވީ ރިޕޯޓް ބައްލަވާށެވެ.

" މާ އަވަހަށޭ މަންމަ ތި ވިސްނަނީ! އެއްވެސް ވަރަކަށް ވިސްނާނެ ކަމެއްނެތް! ދަރިފުޅު ހަމަ ރަނގަޅު!"

އެކޮޓަރިން ނިކުތް އިރުގައިވެސް އުޝާއާ ޒައިން މުޅިއަކުން ހިތްހަމައެއް ނުޖެހުނެވެ.

" ވެދާނެ އެއްނު ދެރަވެދާނެތީ ނުބުނީ ކަމަށްވެސް! "

އުޝާ ޒައިންއަށް ބަލާލަމުން ބުނެލިއެވެ. އެއާއެކު ޒައިން ދެފަރާތަށް ބޯހޫރާލަމުން ވާހަކަ ދައްކަން ފެށިއެވެ.

" ޑޮކްޓަރުން ސިއްރެއް ނުކުރާނެ! ތެދަށް ކިޔާދޭނެ! މިހާރުވެސް އުޝާ ތި ވިސްނަނީ! ބުންޏެއްނު ނުވިސްނާށޭ! އެއްވެސް ވަރަކަށް ނުވާނެ ވިސްނައިގެންނެއް! އަބަދުވެސް އުފަލުގައި ހުންނަންވާނީ! "

ޒަައިން އެހެން ބުނުމުން އުޝާގެ ހިތަށް ހަމަޖެހުން ލިބުނު ނަމަވެސް އޭނާ ހުރީ ވަރަށް ދެރަވެފައެވެ. ނަމަވެސް އިތުރަށް އެއްވެސް އެއްޗެއް ބުނާނެ ހިތްވަރެއް އޭނާއަކަށް ނުލިބުނެވެ.

***

ގެއަށް އައިސް ވަތްއިރު އުޝާ ހުރީ ވަރަށް ބޮޑަށް ވަރުބަލިވެފައެވެ. އެހެންކަމުން އޭނާ ފުރަތަމަވެސް ސޯފާގައި އިށީނދެލިއެވެ.

" ފެންތައްޓެއް ގެނެސްދެންތަ؟ "

ޒައިން އަހާލުމާއެކު އުޝާ ނޫނެކޭ ބުނުމުގެ ގޮތުން ބޯ ހޫރާލިއެވެ.

" އަހަރެން އިރުކޮޅަކުން މިދަނީ ފެންބޯން! މާބޮޑަށް ވަރުބަލިވެގެން މި އިށީނދެލީ! "

" ދެން ކީއްކުރަން ތެދުވެގެން ދާންވީ؟ އަހަރެން ގެނެސްދީފާނަމޭ! ކީއްވެގެންތަ އިންކާރުތިކުރަނީ؟ "

އަތުގައި އޮތް ފައިލް ސޯފާގައި ބޭއްވުމަށްފަހު ޒައިން ހިނގައިގަތެވެ.ޒައިންގެ އެ އޯގާތެރި ޢަމަލްތައް ޤަބޫލުކުރަން ދަތިވެފައި އުޝާއަށް އިނދެވުނީއެވެ.

" ހުސްކޮށްލާތި! "

އުޝާއަށް ފެންތަށި ދިއްކޮށްލުމަށްފަހު ޒައިން ސޯފާގައި އިށީނދެލިއެވެ.

" އުޝާ އެއްވެސް ވަރަކަށް ހިތާމަ ނުކުރައްޗޭ! އަހަރެން މިހުރީނު.. ތި ދެމައިންނަށް ދެރަގޮތެއް ވިޔަކަ ނުދޭނަން! އެއްވެސް ވަރަކަށް ހިތާމަ ނުކުރައްޗޭ! ހިތްހަމަ ޖެހިގެން ހުންނަން ވާނީ! "

ޒައިން އެހެން ބުނުމާއެކު އުޝާގެ ލޮލުގައި ކަރުނަތައް ދުވަން ފެށިއެވެ. އެހެންކަމުން އޭނާ އަވަސް އަވަހަށް އިސްޖަހާލީ ރޮވިދާނެތީއެވެ.

" ތިން ދުވަސް ފަހުން ޓެސްޓްގެ ނަތީޖާ ލިބުނީމަ ހިތްހަމަ ޖެހޭނީ!"

އުޝާ އެހެން ބުނުމަށްފަހު ތެދުވީ ކޮޓަރިއަށް ދާށެވެ. ނަމަވެސް ކުރިއަށް ހިނގާލާނެ ހިތްވަރު ނެތުމުން އޭނާ ހިނގައިގަތީ ވަރަށް މަޑުމަޑުންނެވެ. އެމަންޒަރު ބަލަން ހުރި ޒައިން އުޝާގެ ގައިގައި ހިފަހައްޓާލުމާއެކު އުޝާ ހުއްޓުނެވެ.

" އަހަރެން އެކަނި ހިނގައިދާނަމޭ ޒައިން! "

" ނޫނެކޭ އުޝާ! ހިނގާ އަހަންނާއެކު! އަހަރެން ބުނެފީމެއްނު އުޝާ އެކަނި ޙާލަށް އަހަންނަށް ދޫކޮށެއް ނުލެވޭނެޔޭ! ދެކޮޅު ނަހަދަބަލަ! މަގޭ ދަރިޔެކޭ ބަނޑުގައި ތިއޮތީ!"

މަޑުމަޑުން ޒައިން އެހެން ބުނެލީ އުޝާގެ މޫނާއި ގާތްވެލަމުންނެވެ. އިތުރަށް އިންކާރު ނުކޮށް އުޝާ ޒައިންގެ އެހީތެރިކަމާއެކު ސިޑިން އަރަން ފެށިއެވެ.

***

އޮޕަރޭޝަނަށްފަހު ސާމިޔާ ގެއަށް ދޫކޮށްލައިފިއެވެ.

" މިހާރު ގެންގުޅޭ މެއިޑް ވަރަށް ރަނގަޅުދޯ މަންމާ! "

ސާމިޔާގެ ބޯ މޮޑެން އިން ނަދާ އަހާލިއެވެ. އެއާއެކު ސާމިޔާއަށް ހެވުނެވެ. އަދި ނަދާގެ އަތުގައި އަތް ޖައްސާލަމުން ހިނިތުންވެލަމުން އޭނާ ބުންޏެވެ.

" ދަރިފުޅު ޒައިންގާތަށް ދާން ބޭނުންވީދޯ! ކޮންމެހެން ތިހެން ނުބުންޏަސް ދަރިފުޅަށް މާލެ ދެވޭނެ! ބައްޕަވެސް ހުންނާނެ އެއްނު!"

ސާމިޔާ އެހެން ބުނުމާއެކު ނަދާއަށް މަންމަގެ ބޮލުގައި ބޮސްދެވުނެވެ.

" ޒައިން ވަރަށް ނުގުޅާ މިހާރު! ބުނަނީ މަސައްކަތުގައި ބިޒީ ވާހަކަ! އެކަމަކު ގުޅާލާ ކޮންމެ ފަހަރަކު ހުންނަނީ ގޭގަ!"

ހުރިހާ ކަމެއްވެސް ނަދާ ހިއްސާކުރަނީ މަންމައާއެވެ. މަންމަގެ ނަޞޭޙަތަކީ އޭނާއަށް ބައެއް ފަހަރު ވަރަށް މުޙިއްމު އެއްޗަކަށްވެސް ވެއެވެ.

" އެހެންވީމަ ދަރިފުޅު އަވަހަށް ދާންވީ ހަމަ! "

ސާމިޔާ އަނެއްކާވެސް ބުނެލިއެވެ.

***

މެންދުރުގެ ވަގުތެވެ. ޒައިންއާ މާނިޙް އައިސް މޭޒުކައިރީ އިށީނީ ، އަމީރާ ކާން ގޮވުމުންނެވެ. ކާން އިށީނުމަށްފަހު ޒައިން ފަރާތް ފަރާތް ބަލާލީ، އުޝާ ފެނޭތޯއެވެ.

" އުޝާ ކާން ނާންނަނީތަ؟ "

" ބޮލުގައި ރިއްސާތީވެ ފަހުން ކާނަމޯ ބުނި! "

ބަތްތަށި މޭޒުމަތީގައި ބަހައްޓަމުން އަމީރާ ބުނެލިއެވެ. އެއާއެކު ޒައިންގެ ހިތް ތެޅިގަތެވެ. ގޮނޑި ދުރަށް ޖައްސާލަމުން ޒައިން ތެދުވިއެވެ. މާނިޙްއަށްވެސް ބަލާލެވުނީ ޒައިންއަށެވެ.

" މަންމާ! މިހާރު އުޝާ ނުވާނެ ނުކައި ހުންނާކަށް! ކެއުން ލަސްކުރާކަށްވެސް ނުވާނެ! ގެނޭ އުޝާގެ ތަށި! އަހަރެން ގޮސްދާނަން ހިފައިގެން..."

ޒައިން އެހެން ބުނުމަށްފަހު އަމީރާގެ އަތުގައި ހުރި ތަށި އަތުލާ، ބަތާ ގަރުދިޔަ އަޅައިގެން މޮޑެލިއެވެ. އެމަންޒަރު ބަލަން އާޝޯޙްވެފައި މާނިޙްއަށް އިނދެވުނެވެ.

" ދަރިފުޅު ހާދަ ރަނގަޅޭ! މަންމަ ވަރަށް އުފާވެއްޖެ އުޝާއާމެދު ތިހާ ވަރަށް ފިކުރު ކުރާތީވެ! މިހާރު މަންމައަށް އެނގިއްޖެ މަންމަ ނެތް ދުނިޔެއެއްގައިވެސް ދަރިފުޅުމެން ދެކުދިން ހަމަ ދެބެންގެ ގޮތުގައި އުޅޭނެކަން.."

އަމީރާގެ ވާހަކައިން ޒައިންގެ ހިތް އިތުރަށް ހާސްވިއެވެ. މަންމަގެ ވިސްނުން އެހުރީ ދިމާއިދިކޮޅަށްކަން އޭނާއަށް އެނގެއެވެ. އިތުރަށް މަޑުނުކޮށް ބަތްތައްޓަށް ސަމްސަލެއް ލައިގެން ޒައިން ސިޑިއާ ދިމާލަށް ހިނގައިގަތެވެ.

" ތެދެއްތަ ބޮލުގައި ރިއްސަނީތަ؟ "

ޓަކިވެސް ޖަހާލުމެއްނެތި އުޝާގެ ކޮޓަރިއަށް ޒައިން ވަނެވެ. އޭރުވެސް އުޝާއޮތީ ބޮލުގައި އަތް އަޅާލައިގެންނެވެ.

" ނޫން ދެން ނުކެވޭނެ!"

ޒައިންގެ އަތުގައި ހުރި ބަތްތަށި ފެނުމާއެކު އުޝާ ބުނެލިއެވެ. އެނދު ކައިރީގައި ހުރި ސައިޑް ކަބަޑްމަތީގައި ބަތްތަށި ބަހައްޓަމުން ޒައިން އުޝާގެ އަތުގައި ހިފާލިއެވެ.

" ޕްލީޒް... ނުވިސްނަބަލަ! އަހަންނަށް އެނގޭ އުޝާ ބޮލުގައި ތި ރިއްސަނީ ހަމަ ވިސްނާތީ! ތެދުވެގެން ބަތްކާން އުޅޭ! މިހާރު މަގޭ ދަރިފުޅު އޮންނާނީ ވަަރަށް ބަނޑުހައިވެފަ! "

ޒައިން އެހެން ބުނުމުން ބޭއިޙްތިޔާރުގައި އުޝާއަށް ހިނިތުންވެލެވުނެވެ. އޭނާ މަޑުމަޑުން ތެދުވެ އެނދުގައި އިށީނުމާއެކު ޒައިން އޭނާގެ އަތަށް ބަތްތަށި ނަގާ ދިއްކޮށްލިއެވެ.

" ތޭންކްސް ޒައިން! އަހަންނަށް ތިހާ ކެއަރ ތިކުރަނީ ކީއްވެ؟"

ކާންފެށުމުގެ ކުރިން އުޝާއަށް އަހާލެވުނެވެ. ކުއްލިއަކަށް ޒައިންގެ އަޅާލުމާ އޯގާތެރިކަން ލިބެން ފެށުމުން އުޝާއަށް ލިބެމުންދާ އުފާވެރިކަން އޭނާއަށް ބުނެދޭންވެސް ދައްޗެވެ.

" މި ބަނޑުގައިމިވާ ދަރިފުޅު ފެނުނު ފަހުން އަހަންނަށް ހުންނަނީ ފާޑެއްގެ ގޮތެއްވެފަ! ހުވަފެނުންވެސް ފެންނަނީ ސްކޭނުގައި ބޭބީ ފެނުން ގޮތް ހަމަ.. ތެޅިލަ ތެޅިލަ އޮތް މަންޒަރު ފެންނަނީ ނިދަން އޮންނަ އިރުގައިވެސް..! އުޝާ އަހަރެން މިދަރިފުޅު ވަރަށް ބޭނުން.. މިދަރިފުޅުދެކެ އަހަރެން ވަރަށް ލޯބިވޭ! "

އުޝާގެ ބަނޑުގައި އަތް ޖައްސާލަމުން ޒައިން އެހެން ބުނެލުމާއެކު އުޝާއަށް ރޮވިއްޖެއެވެ.

" އަހަރެންދެކެ ލޯބި ވޭތަ؟ "

ކުއްލިއަކަށް އުޝާ އެހެން ބުނެލުމާއެކު ޒައިން ސިހުނެވެ. އޭރު ދެމީހުން ހަތަރުކަޅި ހަމަވެއްޖެއެވެ. ކަރުނައިން ފުރިފައިވާ އުޝާގެ ދެލޮލުން ޒައިންއަށްޓަކައިވާ ތެދުވެރި ލޯބި ޒައިންއަށް ފެނުނު ކަހަލައެވެ.

" ހީވޭ!!! ހީވޭ ލޯބިވާހެން.. ޔަޤީނާ ގާތަށް ހީވޭ! ވަރަށް ލޯބިވާހެން ހީވޭ! "

ޒައިންއަށް ބޭއިޙްތިޔާރުގައި އުޝާއާ ގާތަށް ޖެހިލެވުނެވެ.

" އެކަމަކު.. ތީ މީހެއްގެ ފިރިއެއްކަން އަހަންނަށް ޔަޤީންވޭ! އަހަންނަށް ދުވަހަކުވެސް ނުލިބޭނެކަން ޔަޤީންވޭ! ތީ މަގޭ ޙައްޤެއް ނޫންކަން ޔަޤީންވޭ!"

އިސްޖަހާލަމުން، އުޝާއަށް ބަތްތަށީގައި ސަމްސާ ހާކާލެވުނީ ވީ ދެރައިންނެވެ.

" ކެނޑިނޭޅި އުޝާ ތި ލޯބިވަނީ މީހެއްގެ ފިރިއެއްދެކެ އެއްނު! އެކަމަކު އުޝާ އަހަރެންދެކެ ވާ ލޯތްބަކަށް، ކުރާ އިޙްތިރާމަކަށް އެއްވެސް ބަދަލެއް ނާދެއެއްނު! މީހެއްގެ ފިރިއަކަށް ވުމަކުން، ހިތެއްގައެއް ނުހިފެހެއްޓޭނެ! އެހިތަށް ޤަދަރުކުރާ، އިޙްތިރާމްކުރާ، ދިމާލަކަށް އެހިތް ދަތުރުކުރާލެއް ބާރުވާނެ! "

އެހެން ބުނުމަށްފަހު ޒައިން ތެދުވިއެވެ.

" މިރޭ އަހަރެން ދާނަން ޓެސްޓް ނަތީޖާ ދައްކާލަން! ނުވިސްނާދެން!"

އެހެން ބުނެލުމަށްފަހު ޒައިން އަވަސް އަވަހަށް އެކޮޓަރިން ނިކުތެވެ.

" ކަލޭ ބުނާ އެއްޗެއްސަކާ ޢަމަލަކާ ދިމަލެއް ނުވެއެއްނު! "

ޒައިންއަށް ނިކުމެވުނީ ސިޑިން އަރައިގެން އައި މާނިޙްގެ ކުރިމައްޗަށެވެ. މާނިޙް އެހެން ބުނުމުން ޒައިންގާތަށް ހިނިވެސް އައެވެ.

" މަ ދާން ވާއިރަށް ކައި ނިންމާލީތަ؟ "

" އާނ! ނިންމާލާނެއެއްނު ކަލޭ ދިޔަގޮތަކަށް އަންނާކަށް ނޭނގުނު ވިއްޔަ! ކާން ދާށޯ މަންމަވެސް އެބަ ގޮވާ! ކައިގެން އުޅޭ ވޯރކްޝޮޕް ބަލާލަން ދާން! "

މާނިޙް އެހެން ބުނުމުން ޒައިން ހިނގައިގަތީ ކާން ދާށެވެ.

" އާނ ކަލޭ ދެން ފައިބާ! މަ މިދަނީ ކާން! މަށެއް ދެން މައްޗަކަށް ނާރާނަން އިނގޭ! "

ޒައިން އަވަސް އަވަހަށް ސިޑިން ފޭބިއެވެ. އޭރު މާނިޙް ގޮސް ކޮޓަރިއަށް ވަދެއްޖެއެވެ.

***

ޒައިންގެ އިންތިޒާރުގައި ސިޓިންގ ރޫމްގައި އިން އުޝާ ސިހުނީ ޒައިން އައިސް ވަނުމުންނެވެ.

" ކީކޯ ބުނީ؟" ސޯފާއިން ތެދުވެގެން އައިސް އުޝާ ހުއްޓުނީ ޒައިންގެ ކުރިމަތީގައެވެ.

" އަލްޙަމްދުލިﷲ ރަނގަޅު! ދެން ސްކޭން އޮތީ ފަސްމަހުގައި! ހުރިހާ ކަމެއްވެސް ރަނގަޅު! އުޝާ ކުރަންވީ ކަމަކީ ރަނގަޅު އެއްޗެހި ކާންވީ! ހިނގާ އަހަންނާއެކު މޭވާކާން! ދެން ތިހެން ނުހުރެވޭނެ އިނގޭ! ހޮޑުލުންވެސް މަދުވެއްޖެއެއްނު! ދެން ޖެހޭނީ ކާން! އަބަދުވެސް އުފަލުގައި ހުންނާށޯ!"

އަތުގައި ހުރި ކޮތަޅު ކާގެ މޭޒުމަތީގައި ބަހައްޓަމުން ޒައިން ބުނެލިއެވެ. ރިޕޯޓްތައް ނޯމަލްކަން އެނގުމުން އުޝާވެސް ހުރީ ވަރަށް ހިތްހަމަ ޖެހިފައެވެ.

" މަންމައާ ބައްޕަވީ ފިހާރައަށްގޮސް! "

މޭޒުކައިރީ އިށީންނަމުން އުޝާ ބުނެލިއެވެ. އޭރު ޒައިން ހުރީ މޭވާ ކޮށާށެވެ. ޒައިންގެ އަވަސް ޚަރަކާތްތަކަށް ބަލަން އުޝާއަށް އިނދެވުނީ ހެވިފަައެވެ. މޭވާތަށި ހިފައިގެން ޒައިން އިށީނީ އުޝާއާ ޖެހިގެން ހުރި ގޮނޑީގައެވެ. ނުހަނު ގާތުގައެވެ. ދެމީހުންގެ މޫނު ސީދާވާގޮތަށެވެ.އެވަގުތެވެ. ޒައިންގެ ފޯން ރިންގްވާންފެށިއެވެ. ގުޅަނީ ފަހުމީއެވެ.

" އާނ ދަރިފުޅާ ކޮޓަރީގަތަ؟ "

" ނޫނޭ ބައްޕާ ސިޓިންގރޫމްގައި އެއްޗެއް ކާލަނީ! ކިހިނެއްވީ ؟"

ހަމަޖެހިލާފައި ޒައިން އަހާލިއެވެ.

" އާނ ކޮޓަރިއަށް ނުވަދެ މަޑުކުރައްޗޭ! ބައްޕައަށް އައި ޕޯސްޓެއް ހިފައިގެން މީހަކު ދާނެ! "

ފަހުމީ އެހެން ބުނުމުން ޒައިން އޯކޭއޭ ބުނެ ފޯން ކަނޑާލިއެވެ. އެއަށްފަހު އޭނާ މޭވާތަށި އުޝާގެ މޫނާއި ގާތްކޮށްލީ ވަސްދައްކާލުމުގެ ބޭނުމުގައެވެ.

" ދެން.. އަހަންނަށް ވަރަށް ނުބައި އެއްޗެކޭ މީ! "

ތަފާތު އެކި ކުލަކުލައިގެ މޭވާއިން ފުރިފައިވާ އެތައްޓަށް ބަލާލަމުން އުޝާ ބުނެލިއެވެ.

" މީރު އެއްޗެއްސެއް ނޫނޭ ކާންޖެހޭނީ! ފައިދާ ލިބޭ އެއްޗެހި! ވަރަށް ފޮނި މި ފޭރު! ޕްލީޒް ކާލަބަލަ! "

ގަބުޅިފޭރެއްގެ ފޮއްޗެއް ނަގަމުން ޒައިން ބުނެލިއެވެ. އުޝާގެ އަނގަޔާ ދިމާލަށް ފޭރުފޮތި ދިއްކޮށްލުމުން ބޭއިޙްތިޔާރުގައި އުޝާއަށް އަނގަ ހުޅުވާލެވުނެވެ. އެއާއެކު ކުއްލިއަކަށް ސިޓިންގރޫމް ދޮރު ހުޅުވިގެން ދިޔައެވެ.

" ސަޕްރައީޒް!...."

ހެވިފައި އެތެރެއަށް ވަތް ނަދާފެނި ޒައިންއަށް ތެޅިގަނެވުނެވެ. އުޝާއަށްވެސް ކުއްލިއަކަށް ދުރަށް ޖެހިލެވުނެވެ. ނަދާގެ ފަހަތުން ހެވިފައި އަމީރާއާ ފަހުމީވެސްވަނީ ހެމުންނެވެ.

ޒައިންއާ އުޝާ އެހާ ގާތުން ފެނުމުން ނަދާއަށް ލިބުނީ ކުއްލި ސިހުމެކެވެ. ހެވިފައިވާ އޭނާގެ މޫނުމަތި ބަދަލްވެގެން ދިޔަގޮތް އުޝާއަށް ރަނގަޅަށް ފެނުނެވެ.

( ނުނިމޭ )

ސިލްސިލާ ވާހަކަ: މިހިތަށް ލިބޭ ވޭން! ކަލާއަށް އެނގޭހޭ؟ (18)

ސިލްސިލާ ވާހަކަ: މިހިތަށް ލިބޭ ވޭން! ކަލާއަށް އެނގޭހޭ؟ (18)

*ކޮންމެ އާދީއްތަ އަދި ބުރާސްފަތި ދުވަހެއްގައި*

(ނިމުނީ)