ރައްޔިތުންނަށް ލިބޭނެ އެންމެބޮޑު ހިތްހަމަޖެހުމަކީ ރައްކާތެރި އަމާން މާހައުލެއް ޤާއިމުވެފައި އޮތުންކަމަށް ނައިބު ރައީސް ފައިޞަލް ނަސީމު ވިދާޅުވެއްޖެއެވެ.
ނައިބު ރައީސް މިހެން ވިދާޅުވީ ޕޮލިސް ރިސާޗް އެންޑް އިނޮވޭޝަން ކޮންފަރެންސް 2023 ނިންމުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ރޭ ދެއްކެވި ވާހަކަފުޅުގައެވެ.
ނައިބު ރައީސް ވިދާޅުވީ، ޤައުމެއްގެ ރައްޔިތުންނަށް ލިބޭނެ އެންމެބޮޑު ހިތްހަމަޖެހުމަކީ ރައްކާތެރި އަމާން މާހައުލެއް ޤާއިމުވެފައި އޮތުންކަން ކަމަށެވެ. އަދި މިކަންކަން ކަށަވަރުކުރުމުގައި ރެޔާއި ދުވާލު ބުރަމަސައްކަތްކުރާ ފަރާތްތަކެއް އެބަތިބިކަން ފާހަގަކުރެއްވިއެވެ.
ނައިބު ރައީސް ވިދާޅުވިގޮތުގައި، އެފަރާތްތަކުން އެ ކުރާ މަސައްކަތްތައް ތަރައްޤީކޮށް ރަނގަޅު ކުރެވޭނީ ވެސް ހޯދުންތައް ހޯދައި ޒަމާނަށް އަންނަ ބަދަލުތަކާއި ދުނިޔޭގެ އެހެން ޤައުމުތަކުގައި ގެންގުޅޭ ވައްޓަފާޅިތަކާއި އަރާ ހަމަކޮށްގެންނެވެ.
މީގެ އިތުރުން އަބަދުވެސް ނުރަނގަޅު ކަމެއް ޢާންމުވުމުގެ ކުރިން ދުރާލައި އެކަމަކަށް ފިޔަވަޅުއަޅައި ކަންކަން ބައްޓަންކުރުމުގެ މުހިންމުކަންވެސް އެމަނިކުފާނުގެ ވާހަކަފުޅުގައި ވަނީ ފާހަގަކުރައްވާފައެވެ.
ރޭ ނިމުން ފާހަގަކުރި ޕޮލިސް ރިސާޗް އެންޑް އިނޮވޭޝަން ކޮންފަރެންސަކީ ފުލުހުންގެ މުސްތަޤްބަލު ބިނާކުރުމުގެ ގޮތުން ޕޮލިސް ބޯޑާއި މިނިސްޓްރީ އޮފް ހޯމް އެފެއާޒާއި އަދި މޯލްޑިވްސް ޕޮލިސް ސާވިސް ގުޅިގެން ބާއްވާ މިފަދަ ފުރަތަމަ ރިސާޗް ކޮންފަރެންސެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!