ރައްޔިތުންގެ މަޖިލީހުގެ ކ. ގުރައިދޫ ދާއިރާގެ ބައި-އިލެކްޝަންގައި ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)އިން ވާދަކުރާ ކެންޑިޑޭޓު ހޮވުމަށް އެ ޕާޓީން ކެމްޕެއިން ފަށައިފިއެވެ.

މި ބައި-އިލެކްޝަންގައި އެމްޑީޕީގެ ޓިކެޓް ދޭނެ މެންބަރަކު ކަނޑައެޅުމަށް މާރިޗް 11 ގައި ބޭއްވި އެ ޕާޓީގެ ޕްރައިމަރީ ކާމިޔާބުކޮށްފައި، އެ ޕާޓީގެ ކެންޑިޑޭޓެއްގެ ގޮތުގައި ހޮވިފައި ވަނީ ކ. ގުރައިދޫ ފައިވްރޯސް، އިބްރާހީމް ޝާޒް އެވެ.

Ad
rt

މިއަދު ޝާޒްގެ ކެމްޕެއިން ފެށި އިރު އޭނާ އާއިއެކުގައި ސަރުކާރުގެ ވަޒީރުންގެ އިތުރަށް ރައްޔިތުންގެ މަޖިލިހުގެ ބައެއް މެންބަރުންނާއި އެހެނިހެން ސަރުކާރުގެ އިސްވެރިން ހިމެނޭ އެމްޑީޕީގެ ވަފްދެއް އެ ދާއިރާއަށް ގޮސްފައިވެއެވެ.

މިދަތުރުގައި މިދާއިރާގެ 3 ރަށުގެ ކެމްޕޭނު ޓީމުތަކާއި ރައްޔިތުންނާ ބައްދަލު ކޮށް ދޮރުން ދޮރަށް ހިނގާ ކެމްޕޭނު ކުރިއަށް ގެންދާނެކަމަށް އެމްޑީޕީން ބުނެއެވެ.

ގުރައިދޫ ދާއިރާގެ ގޮނޑި ހުސްވީ އެ ދާއިރާގެ މެންބަރުކަމުގައި ފާއިތުވި ތިން ދައުރުގައި ހުންނެވި ރިޟާ އަވަހާރަވުމުންނެވެ. ރިޟާ އަވަހާރަވީ ކެންސަރު ބައްޔަށް ފަރުވާ ހޯއްދަވަނިކޮށް މި ފެބްރުއަރީ މަހުގެ 23 ވަނަ ދުވަހުގެ ރޭގަ އެވެ.

މި ބައި އިލެކްޝަންގައި ވާދަކުރުމަށް އެމްޑީޕީން ކެމްޕެއިން ފެށިއިރު އެ ދާއިރާއަށް ކެންޑިޑޭޓުން ނެރޭ އަނެއް ދެ ޕާޓީން ވެސް މިހާރު ވަނީ ކެމްޕެއިން ފަށާފައެވެ. މި ބައި-އިލެކްޝަންގައި ޕީޕީއެމްގެ ކެންޑީޑޭޓެއް ގޮތުގައި ކަނޑައަޅާފައި ވަނީ އަވަހާރަވި ރިޟާގެ ކޮއްކޮ އެއް ކަމަށް ހުސައިން ރިޒާ އެވެ. އަދި އެމްއެންޕީގެ ޓިކެޓް ދީފައި ވަނީ ގުރައިދޫ ފިޔާތޮށިގެ، އަލީ އާރިފް އެވެ.

އިލެކްޝަންސް ކޮމިޝަނުން ހާމަކޮށްފައިވާގޮތުގައި ގުރައިދޫ ދާއިރާގެ ބައި އިލެކްޝަން އޮންނާނީ އަންނަ އޭޕްރީލް މަހުގެ 15 ވަނަ ދުވަހުގައެވެ.