ހދ. މަކުނުދޫ ކަނބަލުންނަށް ބޭއްވި މަދަހަ މުބާރާތުގެ ޗެމްޕިއަންކަން ހިޔަލަ ހޯދައިފިއެވެ.
މިއީ އެރަށު އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީ (ޑަބްލިއުޑީސީ) އިން އިންތިޒާމުކޮށްގެން ބޭއްވި މުބާރާތެކެވެ.
މި މުބާރާތާއި ބެހޭގޮތުން ޑަބްލިއުޑީސީގެ ރައީސާ ޝާތިއާ މުހައްމަދު ރަޝީދު 'ތިލަދުން' އަށް ވިދާޅުވީ މިއީ ވަރަށް ކާމިޔާބު މުބާރާތެއް ކަމަށާއި ފުރިހަމަކަމާއެކު މުބާރާތް ނިންމާލުމުގައި އެހީތެރިވެދެއްވި ހުރިހައި ފަރާތްތަކަށް ޝުކުރު ދަންނަވާ ކަމަށެވެ.
ޚާއްސަކޮށް ހިޖްރާ ކާޕެންޓްރީ (ޢަބްދުالله ޒަހީން/ ދުންތަރި/ ކ.ހުރާ) ވެދެއްވި އެހީތެރިކަން ވަނީ ފާހަގަ ކުރައްވާފައެވެ.
މަކުނުދޫގެ ކަނބަލުންނަށް ޚާއްސަކޮށް މަދަހަ ކިޔުމުގެ މުބާރާތެއް ބޭއްވި މިއީ ފުރަތަމަ ފަހަރުކަން ފާހަގަކުރައްވާ ޝާތިއާ ވިދާޅުވީ މިފަދަ މުބާރާތެއް ބޭއްވީ ރަށުގެ ކަނބަލުން މިކަމަށް ވަަރަށްބޮޑަށް އެދެމުންދާތީ ކަމަށެވެ.
18 އަހަރުން މަތީގެ ކޮންމެ ކަނބަލަކަށް ވެސް ބައިވެރިވެވޭގޮތަށް ބޭއްވިި މި މުބާރާތުގައި 9 ޓީމާއި އަމިއްލަގޮތުން 9 ބައިވެރިންގެ ހުނަރު ފެނިގެންދިޔަ ކަަމަށް ވެސް އޭނާ ވިދާޅުވިއެވެ.
ޓީމު ކެޓަގަރީން އެއްވަނަ ހޯދި ހިޔަލަ ޓީމަށް 1500 ރުފިޔާގެ ފައިސާގެ އިނާއި ޓްރޮފީ އަދި ސެޓިފިކެޓް ދީފައިވާއިރު، ދެވަނަ ހޯދި އެމްއެޗްސީ ލޭޑީސް އަށް ވަނީ 1000 ރުފިޔާ އާއި ޓްރޮފީ އަދި ސެޓްފިކެޓް ދީފައެވެ. ތިންވަނައަށް ދިޔަ ޓީމު ބްލެކަަށް 500 ރުފިޔާ އާއި ޓްރޮފީ އަދި ސެޓްފިކެޓު ވަނީ ދީފައެވެ.
އަމިއްލަގޮތުން ބައިވެރިވި ފަރާތްތަކުގެ ތެރެއިން އެއްވަނަ ހޯދީ އާމިނަތު ސަމްރާއެވެ. ދެވަނަ ރަނާ އިބްރާހިމް ހޯދިއިރު، ތިންވަ ހޯދީ ފާތިމަތު ޝިޔާމާއެވެ.
މި ކެޓަގަރީން ވެސް އެއްވަނަ ހޯދި ފަރާތަށް 1500 ރުފިޔާގެ ފައިސާގެ އިނާއި ޓްރޮފީ އަދި ސެޓިފިކެޓް ދީފައިވާއިރު، ދެވަނަ ހޯދި ފަރާތަށް ވަނީ 1000 ރުފިޔާ އާއި ޓްރޮފީ އަދި ސެޓްފިކެޓް ދީފައެވެ. ތިންވަނަ ހޯދި ފަރާތަށް ދީފައިވަނީ 500 ރުފިޔާ އާއި ޓްރޮފީ އަދި ސެޓްފިކެޓެވެ.
ޝާތިއާ ވިދާޅުވީ އަންހެނުންގެ ދުވަހާއި ބަރަކާތްތެރި ރަމަޟާން މަހާވެސް ގުޅުވައިގެން މި މުބާރާތް ބޭއްވުމުގެ މަގުސަދަކީ އެރަށުގައި ވެސް މަދަހަ ކިޔޭނެ ފަރާތްތަކެއް ތިބިކަން ހާމަކޮށްދިނުމާއި އެފަދަ ފަރާތްތަކަށް ފުރުސަތު ހޯދައިދިނުން ކަމަށެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!