ހއ. އަތޮޅުގެ ސުކޫލުތަކުގެ ޕްރިންސިޕަލުންނަށް އަމާޒުކޮށްގެން އެ އަތޮޅު ކައުންސިލުން ބާއްވާ ފޯރަމް މިއަދު ފަށައިފިއެވެ.

ހއ. އަތޮޅު ކައުންސިލުން ވިދާޅުވެފައިވާ ގޮތުގައި މި ފޯރަމްގައި ހއ. އަތޮޅުގެ 14 ސްކޫލުން 12 ޕްރިންސިޕަލުންނާއި 1 އެޑްމިނިސްޓްރޭޓަރ އަދި އެ އަތޮޅުގެ ރަށު ކައުންސިލްތަކުގެ 08 ރައީސުން އަންނަނީ ބައިވެރިވަމުންނެވެ.

Ad
rt

މި ފޯރަމްގެ މަޤްސަދަކީ ހއ. އަތޮޅުގެ ސުކޫލުތަކުގެ ގުޅުން ރަނގަޅުކޮށް ބެސްޓް ޕްރެކްޓިސް ޙިއްޞާ ކުރެވޭނެ މަގުފަހިކޮށްދިނުމަށާއި، އަތޮޅުގެ ތަޢުލީމީ ތަޞައްވުރެއް ކަނޑައަޅައި އެމަގަށް މަސައްކަތްކުރުމަށާއި، ތަޢުލީމީ ޤާނޫނު ތަންފީޛުކުރުމަށް މިނިސްޓްރީ އޮފް އެޑިއުކޭޝަނަށް އެހީތެރިވެދިނުމަށާއި އަތޮޅު ފެންވަރުގައި އަތޮޅު ކައުންސިލްގެ އެހީތެރިކަމާއެކު، ވަކިވަކި ސްކޫލްތައް ކުރިއަރުވާނެ 3 އަހަރު ދުވަހުގެ ސްޓްރެޓެޖީކް ޕްލޭނެއް އެކުލަވައިލުން ކަމަށް ހއ. އަތޮޅު ކައުންސިލުން ވަނީ ވިދާޅުވެފައެވެ.

މި ފޯރަމްގެ ބައިވެރިންނަށް މަޢުލޫމާތު ދެއްވާނީ ވިލާ ކޮލެޖުގެ ސެންޓަރ ފޮރ ޕޯސްޓް ގްރެޖުއޭޓް ސްޓަޑީޒްގެ ޑީން، ޑރ. އިބްރާހިމް ލަޠީފާއި ވިލާ ކޮލެޖުގެ ޗީފް އޮފް އެގްޒަމިނަރ އަޙްމަދު ނަޞީރު ޔޫޞުފެވެ.

މި ފޯރަމް ކުރިއަށް ގެންދަން ނިންމާފައި ވަނީ 19 މާރިޗް އިން 20 މާރިޗް 2023 ގެ ނިޔަލަށެވެ.