މިއަހަރު އެޗްއައިވީގެ އަދަދު އިތުރުވެފައިވާ ކަމަށް ފާހަގަކުރެވޭ ކަމަށާއި ނަމަވެސް އިތުރުވާ އަދަދަށް ވުރެ ކަންބޮޑުވާން ޖެހެނީ އެބަލި ޖެހޭ ގޮތާއި މެދު ކަމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)ގެ ޕަބްލިކް ހެލްތު އޮފިސަރ ޢަބްދުލް ހަމީދު ވިދާޅުވެއްޖެއެވެ.
ރާއްޖެޓިވީގެ ފަލަ ސުރުޚީ ޕްރޮގްރާމުގައި ވާހަކަފުޅު ދައްކަވަމުން ހަމީދު ވިދާޅުވީ ކުރީގަ އެޗްއައިވީ އަކީ އާއްމުކޮށް ރާއްޖެއިން ބޭރުން މީހުން ހިފައިން އަންނަ ބައްޔެއް ކަމުން އެދުވަސްވަރު ސަމާލުކަމެއް ދިނީ ބޭރުން އަންނަ މީހުންނާއި އޭރު ބޭރުގައި އުޅެފައި އަންނަ މީހުން ޓެސްޓު ކުރުމަށް ކަމަށެވެ. ނަމަވެސް އޭގެއިން ކުރާ މާބޮޑު ފައިދާއެއް ނުފެންނާތީ އެކަހަލަ އުޞޫލުތަކަށް މިހާރު ބަދަލު ގެނެވިފައިވާ ކަމަށެވެ.
މިހާރު ދިވެހި މުޖުތަމައުގައި ވެސް އެއިޑްސް ބަލި ފެތުރެމުން ދާ ކަމަށާއި އެގޮތުން ވޭތުވެ ދިޔަ ހައެއްކަ އަހަރު އެޗްއައިވީ ޖެހިފައިވާ ގޮތަށް ބަލާލާއިރު ދިވެއްސަކާއި އެހެން ދިވެއްސަކާއި ގުޅުން ހުރި ގޮތުން އެޗްއައިވީ އެކަކު ގައިން އަނެކަކު ގަޔަށް އަރާފައިވާކަން ފާހަގަކުރެވޭކަމަށް ވެސް ހަމީދު ވަނީ ވިދާޅުވެފައެވެ.
އިތުރަށް ހަމީދު ވިދާޅުވީ މި ބަލި އާންމުކޮށް ފެތުރެން ދިމާވަނީ ސެކްޝުއަލް ނެޓްވަރކްސް އަދި އިންޖެކްޓިންގް ނެޓްވަރކްގެ ސަބަބުންކަމަށެވެ.
ރާއްޖޭގައި ފުރަތަމަ އެޗްއައިވީ ބަލި ޖެހިފައިވާ މީހަކު ރިކޯޑުކުރެވިފައިވަނީ 1991 ގައެވެ. ހަމީދު ވިދާޅުވީ އޭގެ ފަހުން، އެ ދުވަސްވަރު އެޗްއައިވީ ބަލި ހުރި ފަރާތްތައް ދެނެގަނެވޭ އަދަދު އިތުރުވި ކަމަށެވެ. ނަމަވެސް މިހާރު އެބަލި ޖެހިފައި ހުރި ފަރާތެއް ފެންނަނީ އާއްމުގޮތެއްގައި އަހަރަކު ދެމީހުން ވަރު ކަމަށެވެ.
އެގޮތުން ފާއިތުވި ދެ ތިން އަހަރަށް ބަލާލާއިރު އެ އަދަދު ގިނަވެފައިވާ ކަމަށް ވިދާޅުވިއެވެ. ހަމީދު ވިދާޅުވީ މިއަހަރުގެ އަދަދުތައް އަދި ހާމަނުކުރި ނަމަވެސް ޑިސެމްބަރު މަސް ނިމުމުން އެޗްޕީއޭއިން ތަފުޞީލު ހާމަކުރާނެ ކަމަށެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!