ބައިނަލްއަޤްވާމީ 'އަޔަން ލޭޑީ އެވޯޑް' ޑރ. އަނާރާ ނައީމަށް ލިބިއްޖެއެވެ.
މިއީ އިންޑިއާގެ އެޑިއުފާމް އިންޓަނޭޝަނަލް އެކަޑަމީ އާއި ސިންގަޕޫރުގެ އޭސިއީ އިންޓަނޭޝަނަލް ޕްރައިވެޓް ލިމިޑެޓްގެ ފަރާތުން ދޭ އެވޯޑެކެވެ.
ބައިނަލްއަގްވާމީ މައިދާނުގައި ފާހަގަކޮށްލެވޭ އަންހެން ކަނބަލުންނަށް ދޭ މި އެވޯޑް ޑރ. އަނާރާއަށް ލިބިވަޑައިގެންނެވީ މުޖުތަމައުގައި މީހުން ބާރުވެރިކުރުވައި، މީހުންނަށް ކާމިޔާބު ހޯދުމަށް ހިތްވަރު ދެއްވުމަށް ކުރައްވާފައިވާ އަދި ކުރައްވަމުން ގެންދަވާ މަސައްކަތުގެ ސަބަބުންނެވެ. އަދި މުޖުތަމައުގެ ލާބައާއި ފައިދާއަށް އެކި ގޮތް ގޮތުން ފާހަގަކޮށްލެވޭ އަގުހުރި މަސައްކަތްތަކެއް ކޮށްދެއްވާފައިވާތީއެވެ.
ޑރ. އަނާރާއަށް މި އެވޯޑް ހަވާލުކުރައްވާފައިވަނީ ބައިނަލްއަގްވާމީ އަންހެނުންގެ ދުވަސް ފާހަގަ ކުރުމަށް ރޭ ވިލާ ކޮލެޖްގައި ބޭއްވި ރަސްމިއްޔާތެއްގައެވެ.
މި އެވޯޑް ހަފްލާގެ ޝަރަފުވެރި މެހެމާނަކީވެސް ޑރ. އަނާރާއެވެ. މި ރަސްމިއްޔާތުގައި "އަޔަން ލޭޑީ އެވޯޑު' ޑރ. އަނާރާއަށް ލިބިވަޑައިގެންނެވި އިރު، އޭނާ އަކީ އިސްލާމް ދީނުގެ މައުލޫމާތު ފެތުރުއްވުމާއި އާންމުން ހޭލުންތެރި ކުރެއްވުން އަދި ރާއްޖޭގެ ޔުނިވަރސިޓީތަކުގައި ދީނީ މައުލޫމާތު އެކުލެވޭ މޮޑިއުލްތަށް ކިޔަވައިދެއްވާ ލެކްޗަރަރ އެކެވެ.
މަޖިލީހުގެ ހދ. މަކުނޫ ދާއިރާގެ މެންބަރުކަންވެސް ކުރައްވާފައިވާ އަނާރާ އަކީ ޓީވީ އާއި ރޭޑިއޯގެ ޒަރިއްޔާއިން ދީނީ ދަރުސްދެއްވުމާއި މައުލޫމާތު ބަދަލުކުރުމުގެ ސެޝަންތައްވެސް ނަންގަވާދެއްވާ ކަނބަލެކެވެ.
މީގެ އިތުރުން ފޮތް ލިއުއްވާ ޝާއިއު ކުރުމާއި މަދަނީ ޖަމިއްޔާތަކާއި ކަނބަލުން އިންތޒިާމު ކުރާ ހަރަކާތްތަކުގައި އާންމުންގެ އިޖްތިމާއީ ނަފްސާނީ ދުޅަހެޔޮކަން އިތުރު ކުރުމާއި ގުޅޭ ދަރުސްތައް ދެއްވުމުގައިވެސް އަނާރާ އަކީ ފާހަގަ ކޮށްލެވޭ ކަނބަލެކެވެ.
ޑރ. އަނާރާގެ އިތުރުން އަޔަން ލޭޑީ އެވޯޑް ލިބިފައިވަނީ ޔޫއޭއީ، އިންޑިއާ، ބަނގްލަދޭޝް ގެ ފާހަގަކޮށްލެވޭ އަންހެން ކަނބަލުންނަށެވެ. 'އަޔަން ލޭޑި އެވޯޑް' މިއަހަރު 17 ފަރާތަކަށް ދީފައިވެއެވެ.