ށ. ޅައިމަގު ކައުންސިލަށް ހުށަހަޅާފައިވަނީ ޕެޓިޝަނެއް ކަމަށް ބަލައި ނުގަންނަ ކަމަށާއި، އެރަށު ކައުންސިލާއި ރައްޔިތުން ބަދުނާމުވާ ގޮތައް ވާހަކަ ނުފެތުރުމަށް އެދޭ ކަމަށް އެރަށު ކައުންސިލުން ވިދާޅުވެއްޖެއެވެ.
އެ ކައުންސިލުން މިހެން ވިދާޅުވީ، އެ ކައުންސިލްގެ ރައީސް އާއި ނައިބު ރައީސްގެ އިތުރުން ތިން މެންބަރުންގެ ސޮއިކުރައްވާ އާންމު ކުރެއްވި ނޫސް ބަޔާނެއް ގައެވެ.
އެ ބަޔާނުގައި ވިދާޅުވެފައި ވަނީ ކައުންސިލާއި ގުޅުންހުރި އެކި މަރުހަލާތަކުގައި ހުރި މަޝްރޫއުތަކުގެ އެންމެފަހުގެ މައުލޫމާތު ފޯރުކޮށްދިނުމަށް މިދިޔަ 2022 ވަނަ އަހަރު ފަސް ބައްދަލުވުން އަދި މިއަހަރު 1 ބައްދަލުވުން ބާއްވާފައިވާ ކަމަށެވެ.
2022 ވަނަ އަހަރުގެ ފެބްރުއަރީ މަހު ބޭއްވި އާންމު ބައްދަލުވުމުގައި ފާއިތުވި އަހަރުގެ އަހަރީ ރިޕޯޓާއި މާލީ ރިޕޯޓު އަދި ތަރައްގީ ޕްލޭނަށް އަމަކީ ސިފަ އަންނަމުންދާ މިންވަރު ރައްޔިތުންނަށް ހުށަހަޅައި، ޚިޔާލާއި މަޝްވަރާ ހޯދާފައިވާ ކަމަށް ވެސް އެ ބަޔާނުގައި ވެއެވެ. އަދި މި ބައްދަލުވުން ބޭއްވުމުގެ 9 މަސް ކުރިން އަހަރީ ރިޕޯޓާއި މާލީ ރިޕޯޓުތައް އާންމުކޮށްފައިވާނެ ކަމަށް ވެސް ބުނެއެވެ.
މީގެ އިތުރުން މިދިޔަ އަހަރުގެ އޭޕްރީލް މަހު ބޭއްވި އާންމު ބައްދަލުވުމުގައި ސަރުކާރުން އެ ރަށުގައި ހިންގާ އަދި ބަޖެޓު ކުރެވިފައިވާ ތަރައްގީގެ މަޝްރޫއުތަކާއި ކައުންސިލުގެ ބަޖެޓުގައި ހިމަނައިގެން ހިންގާ ޕްރޮގްރާމްތަކާއި ރަށާއި ގުޅުންހުރި އެކި މަރުހަލާތަކުގައި ހުރި މަޝްރޫއުތަކުގެ ފަހުގެ މައުލޫމާތު ދެވިފައިވާ ކަމަށް ވެސް ބަޔާނުގައި ވެއެވެ.
2022 ޖުލައި ގައި ބޭއްވި ބޭއްވި އާންމު ބައްދަލުވުމުގައި ކައުންސިލުގެ ކުރިއަށް އޮތް އަހަރުގެ މަސައްކަތުގެ ތާވަލާއި ބަޖެޓު ރައްޔިތުންނަށް ހުށަހަޅައި، ޚިޔާލު ހޯދާފައިވާ ކަމަށް ވެސް އެ ކައުންސިލުގެ ބަޔާނުގައި ވެއެވެ.
އެ ބަޔާނުގައި އިތުރަށް ވިދާޅުވީ، އެރަށުގައި ހިނގަމުންދާ ތަރައްގީގެ މަޝްރޫއުތަކާއި ރަށާއި ގުޅުންހުރި މައުލޫމާތު ރައްޔިތުންނަށް ދިނުމަށް ގޮވައިލާ 70 އަށްވުރެ ގިނ،ަ ޅައިމަގު ރައްޔިތުން ސޮއި ކޮށްފައިވާ ޕެޓިޝަނެއް އަމިއްލަ ފަރާތަކުން އެ ކައުންސިލަށް ހުށަހަޅާފައިވާއިރު، އެ ޕެޓިޝަނުގައި ޅައިމަގު ރައްޔިތުން ނޫން މީހުން ވެސް ސޮއި ކޮށްފައިވާ ކަމަށެވެ.
މީގެ އިތުރުން ބައެއް ފަރާތްތަކުގެ އައިޑީ ކާޑު ނަމްބަރާއި އެޑްރެސް ހިމަނާފައި ނުވާތީ އެއީ ކާކުކަން ދެނެގަނެވިފައި ނުވާ ކަމަށް ވެސް ބަޔާނުގައި ވެއެވެ.
އެ ކައުންސިލުން ވިދާޅުވީ، ރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫން އެ ކައުންސިލަށް ލާޒިމުކުރާ އެންމެހައި ކަންކަމުގެ ގާނޫނީ ޒިންމާ އަދާކުރަމުންދާތީ ޕެޓިޝަންގެ ގޮތުގައި ހުށަހަޅާފައިވާ ޑޮކިއުމެންޓަކީ ސައްހަ އެއްޗެއް ކަމަށް ގަބޫލު ނުކުރާ ކަމަށެވެ.
އެހެންވެ، ރައްޔިތުންނާއި ކައުންސިލު ބަދުނާމުވާގޮތަށް ސޯޝަލް މީޑިއާ އާއި ރަށުތެރޭގައި މިފަދަ ހަގީގަތާއި ޚިލާފު ވާހަކަތައް ނުފެތުރުމަށް އިލްތިމާސް ކުރާ ކަމަށް ވެސް އެ ބަޔާނުގައި ވެއެވެ.