ފަހުވަގުތު ފޮރެސްޓް އަތުން މޮޅުވެ ނިއުކާސަލުން އުންމީދު ދަމަހައްޓައިފި

13595CFF-D507-43BC-8482-097195B00376

އިނގިރޭސި ޕްރިމިއާ ލީގުގައި ނޮޓިންހަމް ފޮރެސްޓާއި ނިއުކާސަލް ބައްދަލުކުރި މެޗު ނިއުކާސަލުން ކާމިޔާބު ކޮށްފިއެވެ. ރޭ ފޮރެސްޓްގެ ދަނޑުގައި ކުޅުނު މި މެޗު ނިއުކާސަލުން ކާމިޔާބު ކޮށްފައި ވަނީ 2-1 ގެ ނަތީޖާއިންނެވެ.

މެޗު ފަށައިގެން ނިއުކާސަލުން ގޭމް ޑޮމިނޭޓް ކުރި ނަމަވެސް ފުރަތަމަ ލަނޑު ޖަހައި ކުރި ހޯދާފައި ވަނީ ފޮރެސްޓުންނެވެ. މި ލަނޑު 26 ވަނަ މިނެޓުގައި ކާމިޔާބު ކޮށްދީފައި ވަނީ އެމެނުއެލް ޑެނިސްއެވެ. އޭނާ މި ލަނޑު ޖަހާފައި ވަނީ ނިއުކާސަލްގެ ޑިފެންސުން ހެދުނު ގޯހަކުން ލިބުނު ބޯޅަ ގޯލުގެ ދުރުކަނަށް ފޮނުވާލައިގެންނެވެ.

ނިއުލާސަލުން މެޗުގެ 35 ވަނަ މިނެޓުގައި ލަނޑެއް ޖެހުމާއި ގާތަށް ދިޔައެވެ. ނިއުކާސަލްގެ ސީން ލޯންގްސަޓަފް ފޮރެސްޓްގެ އޭރިއާ ބޭރުން ފޮނުވާލި ބާރު ހަމަލާ އަމާޒުވީ ގޯލުގެ ހުރަސް ދަނޑިއަށެވެ.

ފުރަތަމަ ހާފު ފޮރެސްޓް ކުރީގައި އޮވެގެން ނިމުނު ނަމަވެސް ދެވަނަ ހާފު ފެށިތާ ދެ މިނެޓްގެ ތެރޭ ނިއުކާސަލުން ވަނީ ލަނޑުޖަހައި ނަތީޖާ ހަމަހަމަ ކޮށްފައެވެ. މި ލަނޑު ފޮރެސްޓްގެ ގޯލު ކުރިމައްޗަށް ވިލޮކް ހުރަސްކޮށްދިން ބޯޅަ އެއްފަހަރުން ޖަހައި ގޯލުގެ ތެރެއަށް ފޮނުވާލައިގެން ކާމިޔާބު ކޮށްދީފައި ވަނީ އެލެކްސެންޑާ އިސަކް އެވެ.

މެޗުން ނިއުކާސަލް މޮޅުވެފައި ވަނީ ފުރިހަމަ ވަގުތު ހަމަވެ ދެއްކި އިތުރު ވަގުތުގެ ތެރޭ ލިބުނު ޕެނަލްޓީއަކުން އިސަކް ކާމިޔާބު ކޮށްދިން ލަނޑުންނެވެ. މި ޕެނަލްޓީ ނިއުކާސަލަށް ލިބިފައި ވަނީ ފޮރެސްޓްގެ އޭރިއާ ތެރެއިން އެ ޓީމްގެ މޫސާގެ އަތުގައި ބޯޅަ ޖެހުމުންނެވެ.

ގަދަ ހަތަރަކަށް ވަނުމަށް މަސައްކަތް ކުރަމުން އަންނަ ނިއުކާސަލަށް މިއީ މުހިންމު މޮޅެކެވެ. ނިއުކާސަލް މިވަގުތު އޮތީ 26 މެޗުން ލިބުނު 47 ޕޮއިންޓާއިއެކު ތާވަލުގެ ފަސް ވަނާގައެވެ. ހަތަރު ވަނާގައި އޮތް ޓޮޓެންހަމަށް ނިއުކާސަލަށް ވުރެ އެއް މެޗު އިތުރަށް ކުޅެގެން ހޯދިފައި ވަނީ 48 ޕޮއިންޓެވެ. އެއް މެޗު މަދުން ކުޅެފައިވާ ނިއުކާސަލަށް ކުރިއަށް ހުރި މެޗުތައް ކާމިޔާބު ކޮށްގެން ގަދަ ހަތަރަކަށް ވަނުމުގެ ފުރިހަމަ ބާރު އެބައޮތެވެ. މި މެޗުން ބަލިވި ފޮރެސްޓް މިވަގުތު އޮތީ ތާވަލުގެ 14 ވަނާގައެވެ. އެ ޓީމަށް 27 މެޗުން ލިބިފައި ވަނީ 26 ޕޮއިންޓެވެ.

ލިޔުން ވިދާޅުވުމަށްފަހު ހިއްސާ ކުރައްވާ

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *