ހައުސިންގ ޑިވަލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ގެ ތިޖޫރީއަކުން މުވައްޒަފަކު ވައްކަން ކޮށްފައިވާ ކަމަށް ބައެއް މީޑިއާތަކުން ޚަބަރުތައް ފެތުރުމާއި ގުޅިގެން އެކޯޕަރޭޝަނުން އެކަން ކުށްވެރިކޮށްފިއެވެ.
އެޗްޑީސީން މިކަމާއި ގުޅިގެން މިއަދު ނެރުނު ބަޔާނެއްގައި ބުނީ އާއްމު ފަރާތަކުން ކުލީގެ ގޮތުގައި ދެއްކި ފައިސާއަށް މުވައްޒަފަކު ރިސިޕްޓް ދިނުމަށްފަހު އެ ފައިސާ ރިކޮންސައިލް ނުކޮށް އަމިއްލަ ބޭނުމަށް ނެގިކަން ފާހަގަކުރެވުނު ހިސާބުން އެ މައްސަލަ ބަލާފައިވާ ކަމަށެވެ.
އެ މުވައްޒަފުގެ އިއުތިރާފުވުމާއެކު މިހާރު އޭނާ ވަޒީފާއިން ވަކިކޮށްފައިވާ ކަމަށާއި މި އަމަލު ހިންގިކަން ފާހަގަކުރެވުނީ އެ ކުންފުނީގެ އިންޓާނަލް ކޮންޓްރޯލްތަކުގެ ތެރެއިން ރިކޮންސައިލް ކުރަން ޖެހޭ ފައިސާގައި މައްސަލަތަކެއް ހުރިކަން ފާހަގަކުރަވުމުން ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.
ކައުންޓަރުގައި ހަރުކުރެވިފައިވާ ސީސީޓީވީ ކެމެރާއަށްވެސް އެ މުވައްޒަފުގެ އަމަލު ރެކޯޑުކުރެވިފައިވާ ކަމަށާއި މި މައްސަލާގައި އެ ކުންފުނީގެ ތިޖޫރިން ފައިސާ ވަގަށް ނަގާފައެއް ނުވާކަމަށް އެޗްޑީސީން ބުންޏެވެ.
އެޗްޑީސީން އިތުރަށް ބުނީ އެފަދަ ކަމެއް ކުރުމުގެ ފުރުސަތު އެ ކުންފުނީގެ މުވައްޒަފަކަށް ލިބިފައިނުވާ ކަމަށާއި އެ ކުންފުނީގައި ގާއިމްކޮށްފައިވާ އިންޓާނަލް ކޮންޓްރޯލް އަދި އިންޓާނަލް އޮޑިޓް އުސޫލުތަކުގެ ތެރެއިން އެފަދަ އަމަލުތަކަށް ޖާގަ ނުލިބޭނެ ކަމަށެވެ.
މި މައްސަލަ ވެސް ސަމާލުކަމަށް އައިސްފައިވަނީ އެ ކޮންޓްރޯލްތައް ޤާއިމްކުރެވިފައިވާތީކަން އެޗްޑީސީން ފާހަގަކުރިއެވެ.
މި އަމަލަކީ އެންމެ ހަރުކަށި އިބާރާތުން އެ ކޯޕަރޭޝަނުން ކުށްވެރި ކުރާ އަމަލެއްކަން ފާހަގަކޮށް، އެޗްޑީސީން ވަނީ، މިފަދަ އަމަލުތައް ހިންގާ މުވައްޒަފުންނާ މެދުގައި ވަގުތުން ހަރުކަށި ފިޔަވަޅު އަޅާނެ ކަމަށް ވެސް ބުނެފައެވެ.