ދިވެހި އަސްކަރިއްޔާގެ ވަޒީފާއަށް ވަނުމުގެ ފުރުޞަތު މިނިސްޓްރީ އޮފް ޑިފެންސް އިން އިއްޔެ ހުޅުވާލައިފިއެވެ.

ސިފައިންގެ ވަޒީފާއަށް ފުރުސަތު ހުޅުވާލައި، މިނިސްޓްރީ އޮފް ޑިފެންސް އިން ކޮށްފައިވާ ޢިއުލާންގައި، ސިފައިންގެ ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުގެ ކިބައިގައި ހުންނަންޖެހޭ ޝަރުތުތަކުގެ ތެރޭގައި، ދިވެހި ރައްޔިތެއް ކަމުގައިވުމާއި، ދަށްވެގެން ޖީސީއީ އޯ ލެވެލް ފެންވަރު ހުރުން ނުވަތަ އެ ފެންވަރުގެ ވޮކޭޝަނަލް ސެޓްފިކެޓެއް އޮތުން ހިމެނެއެވެ.

Ad
rt

މީގެ އިތުރުން އުމުރުން 18 އަހަރު ފުރި 25 އަހަރު ނުފުރޭ މީހަކު ކަމުގައިވުމާއި، ސިފައިންގެ ވަޒީފާ އަދާކުރެވޭފަދަ ޞިއްޙަތެއްގައި ހުރި މީހަކު ކަމުގައި ވުން ވެސް ހިމެނެއެވެ.

އިތުރު ޝަރުތުތައް

  • ވޭތުވެދިޔަ 5 އަހަރު ދުވަހުގެ ތެރޭގައި ކުށުގެ ރެކޯޑެއް އޮތް މީހަކު ކަމުގައި ނުވުން،
  • އިސްކޮޅު (ފިރިހެން: 5 ފޫޓް 5 އިންޗި، އަންހެން: 5 ފޫޓް 3 އިންޗި) ފުރިހަމަވުން،
  • އެއްވެސް ސިޔާސީ ޕާޓީއެއްގެ މެންބަރެއްކަމުގައި ނުވުން،

މީގެ އިތުރުން، ކުރެވޭ އިންޓަވިއު ތަކަށާއި، އަދި ފުރަތަމަ އިންޓަވިއުއިން ފާސްވާ މީހުންނަށް ދެވޭ ފިޒިކަލް (ޕުޝް އަޕްސް، ސިޓް އަޕްސް، ޕުލް އަޕްސް، ދުވުން، ސްވިމިންގ އަދި އެޕްޓިޓިއުޑް) ޓެސްޓުން އެމީހަކު ހޯދާ ނަތީޖާއަށް ބެލޭނެ ކަމަށް އެ ޢިއުލާންގައި ވެއެވެ.

ސިފައިންގެ ވަޒީފާއަށް އެދޭ ފޯމު ޑިފެންސް މިނިސްޓްރީގެ ވެބްސައިޓް www.defence.gov.mv އިން އަދި އެމްއެންޑީއެފްގެ ވެބްސައިޓްwww.mndf.gov.mv އިން ޑައުންލޯޑް ކުރެވޭގޮތައް ހަމަޖައްސާފައިވާއިރު، ވަޒީފާއަށް އެދޭ ފޯމާއެކު ޕޮލިސް ރިޕޯޓް ހުށަހަޅަންޖެހެއެވެ.

ސިފައިންގެ ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުގެ ފޯމު ޑިފެންސް މިނިސްޓްރީއިން ބަލައިގަތުމަށް ކަނޑައަޅާފައިވާ ސުންގަޑިއަކީ 16 އޭޕްރީލް 2023 ވަނަ ދުވަހުގެ 14:00 ގެ ކުރިންނެވެ.

އީ-މެއިލް މެދުވެރިކޮށް ފޯމް ހުށަހަޅުއްވާނަމަ، ހުށަހަޅަން ޖެހެނީ careers@defence.gov.mv އަށެވެ. އީ-މެއިލް މެދުވެރިކޮށް ފޯމް ހުށަހެޅުއްވާފަރާތްތަކުން ވަަޒީފާއަށް އެދޭ ފޯމު ޑިފެންސް ނިސްޓްރީއަށް ލިބުނުތޯ ކަށަވަރު ކުރުމަށް 7522601 މެސެޖް ކުރަންޖެހެއެވެ.

މީގެއިތުރުން ވަޒީފާއަށްއެދޭ ފޯމް ޑިފެންސް ނިސްޓްރީއަށް އޮންލައިންކޮށް ހުށަހަޅުއްވަން ބޭނުންފުޅުވާނަމަ، “GOV.MV” މެސެޖް ޕްލެޓްފޯމް މެދުވެރިކޮށްވެސް ހުށަހެޅެއެވެ. މި ޕްލެޓްފޯމްގެ ލިންކަކީ:https://message.gov.mv/en/messages އެވެ.