ފަރެސްމާތޮޑާގައި ލަސްނުކޮށް ގެސްޓްހައުސް ވިޔަފާރި ފެށުމަށް ރައީސް އިބްރާހިމް މުހައްމަދު ސާލިހު އެދިވަޑައިގެންފިއެވެ.
އެމަނިކުފާނު މިފަދައިން އެދިވަޑައިގެންނެވީ ސަރުކާރުން އެރަށުގައި ތަރައްގީކުރި "ފަރެސްމާތޮޑާ އެއަރޕޯޓު" ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ރައީސް ވިދާޅުވީ މިއީ ހުވަދުއަތޮޅުގައި ގެސްޓްހައުސްގެ ވިޔަފާރީގެ އުންމީދުގައި ތިބި ފަރާތްތަކަށް ރަނގަޅު ފުރުސަތެއް ކަމަށާއި އެފަދަ ފަރާތްތަކަށް މިހާރު މިއޮތީ ވަރަށް ރަނގަޅު ފުރުސަތެއް ކަމަށެވެ.
އެހެންވެ، ލަސްނުކުރައްވާ އަވަހަށް ގެސްޓްހައުސް ވިޔަފާރި ފެއްޓެވުމަށް އެފަދަ ފަރާތްތަކަށް ވަނީ ގޮވައިލައްވާފައެވެ.
މީގެ އިތުރުން މި އެއަރޕޯޓުގައި މިހާރުވެސް ޒުވާނުން އަދާކުރާ ވަޒީފާތަކާއި އެކު އިގްތިސާދީ އެތައް މަންފާއެއް ކުރަމުން ދާކަން ފާހަގަކުރައްވާ ވިދާޅުވީ މީގެ ކުރިން ނެތް ވަޒީފާތަކެއް އުފެދިއްޖެ ކަމަށެވެ.
"އެއާޕޯޓާއި އެކު ފަރެސްމާތޮޑާ ސަރަހައްދުގައި ލޯންޗް ދަތުރުތައް އެތައް ގުނައަކަށް އިތުރުވެގެންދާނެ. ޓެކްސީގެ ހިދުމަތް ފުޅާވާނެ.އަދި ހޮޓާ ރެސްޓޯރެންޓާ އެހެނިހެން ވިިޔަފާރިވެސް އެ ސަރަހައްދުގައި އިތުރުވާނެ." ރައީސް ވިދާޅުވިއެވެ.
ހަމަމިއާއެކު އެއަރޕޯޓާއި އެކު އެރަށަށް ބަދަލުތައް އަތުވެއްޖެކަމަށާއި އެގޮތުން އެއަރޕޯޓް މަޝްރޫއާއެކު އެރަށުގެ ކަރަންޓް ވިއުގައިގެ ފެންވަރު ރަނގަޅުކުރެވިއްޖެ ކަމަށް ވެސް ވިދާޅުވިއެވެ. އަދި ބާ ކޭބަލްތަކުގެ ބަދަލުގައި އާ ކޭބަލް އެޅިއްޖެ ކަމަށާއި ނަރުދަމާގެ މަޝްރޫއުވެސް ނިންމުމަށް ދެން މާ ގިނަ ދުވަހެއް ނުނަގާނެ ކަމަށް ވިދާޅުވިއެވެ.
އެއާޕޯޓުގެ ލުއި ފަސޭހަކަން ފުރިހަމައަށް ލިބޭނީ އެއަރޕޯޓާއި ގުޅުވައިދޭ ކޯޒްވޭ އާއި އެކުގައި ކަމަށާއި މިހާރު ފަރެސްމާތޮޑާ އާއި ކައިރީގައިވާ ރަށްތަކުން ކުރިން އެއަރޕޯޓަށް ކުރަމުން އައި ދިގު ދަތުރު 15 ނުވަތަ 20 މިނިޓަށް ގާތް ކޮށްދެވިއްޖެ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!