ރައީސް އިބްރާޙީމް މުޙައްމަދު ޞާލިޙް ޤަޠަރާއި ޖަރުމަނަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު މިއަދު ހެނދުނު މާލެ ވަޑައިގެންފިއެވެ.
މި ދަތުރުފުޅުގައި ފުރަތަމަ ރައީސް ވަޑައިގަތީ ޤަޠަރަށެވެ. އެ ޤައުމަށް ވަަޑައިގެން އެ ޤައުމުގެ ދޯހާގައި ކުރިޔަށްދިޔަ އެކުވެރި ދައުލަތްތައް (އ.ދ)ގެ އެންމެ ކުޑަކޮށް ތަރައްޤީވެފައިވާ ޤައުމުތަކުގެ ފަސްވަނަ ކޮންފަރެންސްގެ ޖެނެރަލް ޑިބޭޓްގައި އެމަނިކުފާނު ވަނީ ވާހަކަފުޅު ދައްކަވާފައެވެ. އަދި މި ކޮންފަރެންސްގެ ހަވާސާގައި އެމަނިކުފާނު ވަނީ އ.ދގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓާރޭޒްއާ ބައްދަލުކުރައްވާފައެވެ.
މީގެ އިތުރުން އެންމެ ކުޑަކޮށް ތަރައްޤީވެފައިވާ ޤައުމުތަކުގެ ފަސްވަނަ ކޮންފަރެންސްގެ ހަވާސާގައި އެމަނިކުފާނު ވަނީ، ސޭޝެލްސްގެ ރައީސް އާއި، ފަލަސްޠީނުގެ ރައީސް އާއި، ޑިމޮކްރެޓިކް ރިޕަބްލިކް އޮފް ޓިމޯރ-ލެސްޓޭގެ ރައީސްއާއި، އ.ދ.ގެ އެންމެ ކުޑަކޮށް ތަރައްޤީވެފައިވާ ޤައުމުތަކުގެ ގުރޫޕުގެ ޗެއަރ އަދި މަލާވީގެ ރައީސްގެ އިތުރުން ރިޕަބްލިކް އޮފް ސާބިއާގެ ރައީސްއާ ބައްދަލުކުރައްވާފައެވެ.
ރައީސްގެ މި ދަތުރުފުޅުގެ ދެވަނަ މަންޒިލެއްގެ ގޮތުން ވަޑައިގެންނެވީ ޖަރުމަންވިލާތަށެވެ. އެމަނިކުފާނު ޖަރުމަންވިލާތަށް ކުރެއްވި ދަތުރުފުޅުގައި އަނބިކަނބަލުން ފަޒުނާ އަޙްމަދު ވެސް ވަނީ ބައިވެރިވެވަޑައިގެންފައެވެ.
ޖަރުމަނުވިލާތައް ވަޑައިގެން ރައީސްގެ ދެކަނބަލުން ވަނީ އެ ޤައުމުގެ ބާލިންގެ މެސޭ ބަރލިންގައި މިހާރު ކުރިޔަށްދާ، ދުނިޔޭގެ ފަތުރުވެރިކަމުގެ އެންމެ ބޮޑުފެއާ ކަމުގައިވާ، އިންޓަރނޭޝަނަލް ޓުއަރިޒަމް ބޯސޭ (އައި.ޓި.ބީ) ބަރލިން ފެއާއަށް ޒިޔާރަތް ކުރައްވާފައެވެ.
މި ދަތުރުފުޅުގައި ޖަރުމަނުގައި ހުންނަވާ ދިވެހިރާއްޖޭގެ އޮނަރަރީ ކޮންސުލް ޖެނެރަލް، ކްރިސްޓިއަން ފޮން ސްޓެޓެން އަދި އޮނަރަރީ ކޮންސުލް، އެންޑްރިއާސް ޕީޓާ ވިއްޓެ ރައީސްގެ އަރިހަށް އިޙްތިރާމްގެ ޒިޔާރަތެއް ކުރައްވާފައިވާއިރު، މި ދަތުރުފުޅުގެ އެންމެ ފަހުގެ ރަސްމީ ބައްދަލުވުމެއްގެ ގޮތުން ރައީސް ވަނީ ޖަރުމަނުގެ ރައީސް އާ ބައްދަލުކުރައްވާފައެވެ.
ރައީސް މި ޤައުމުތަކަށް ރަސްމީ ދަތުރުފުޅެއް ފެއްޓެވީ މި މަހުގެ 4 ވަނަ ދުވަހުއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!