އިނގިރޭސި ޕްރިމިއާ ލީގުގައި ފާއިތުވި ހަފްތާގައި މެންޗެސްޓާ ޔުނައިޓެޑް ކޮޅަށް ހަތްލަނޑު ޖެހުމުން ލިވަޕޫލުގެ ފޯމް ރަނގަޅުވީ ކަމަށް ބެލެވުނު ނަމަވެސް، މިރޭ ލީގުގައި ބޯންމައުތު އަތުން ބަލިވެއްޖެއެވެ.
ބޯންމައުތުގެ ދަނޑުގައި މިރޭ ކުޅުނު މެޗުގައި އެ ޓީމުން ލިވަޕޫލްގެ މައްޗަށް ކުރި ހޯދީ 1-0 ގެ ނަތީޖާއިންނެވެ.
މި މެޗުން ބަލިވުމުން ޗެމްޕިއަންސް ލީގުގެ ޖާގައެއް ހޯދުމަށް މަސައްކަތް ކުރަމުން އަންނަ ލިވަޕޫލަށް ވަނީ މުހިންމު ތިން ޕޮއިންޓް ގެއްލިފައެވެ.
މިރޭގެ މެޗު ޑޮމިނޭޓްކޮށް ގިނަ ފުރުޞަތު ހޯދާފައި ވަނީ ވެސް ލިވަޕޫލުންނެވެ. ނަމަވެސް ފުރަތަމަ ހާފުގެ 28 ވަނަ މިނެޓުގައި ބޯންމައުތުން އުފެއްދި ކައުންޓަ އެޓޭކެއްގައި އެ ޓީމްގެ ޑެންމާކް މިޑްފީލްޑަރ ފިލިޕް ބިލިންގ ވަނީ ލަނޑުޖަހައި ބޯންމައުތަށް ލީޑު ހޯދައިދީފައެވެ. މި ލަނޑު އޭނާ ޖަހާފައި ވަނީ ޑަނގޯ އޮއުޓާރާ ތަނަވަސް ކޮށްދިން ފުރުޞަތެއްގައެވެ.
ފުރަތަމަ ހާފުގައި ލިވަޕޫލްގެ ޑިފެންޑަރ ވެން ޑައިކަށް ލަނޑެއްޖަހަން ލިބުނު ފުރުޞަތުގައި އޭނާ ބޮލުން ފޮނުވާލި ބޯޅަ ގޯލަށް ވަނުމުގެ ކުރިން ބޯންމައުތުގެ ޑިފެންޑަރުން ވަނީ އެ ބޯޅަ ދިފާއު ކޮށްލާފައެވެ.
މެޗުގެ ދެވަނަ ހާފުގެ 68 ވަނަ މިނެޓުގައި ނަތީޖާ ހަމަހަމަ ކުރުމަށް ރަނުގެ ފުރުޞަތެއް ލިވަޕޫލަށް ލިބިފައިވެއެވެ. ލިވަޕޫލްގެ ޕޯޗުގަލް ފޯވާޑް ޑިއެގޯ ޖޮޓާ ބޮލުން ފޮނުވައިލި ހަމަލާ ބޯންމައުތުގެ އޭރިއާތެރެއިން އެ ޓީމްގެ އެޑަމް ސްމިތު އަތުގައި ބޯޅަ ޖެހުމުން ދިން ޕެނަލްޓީ މުހައްމަދު ސަލާހް ފޮނުވާލިއިރު އެ ޕެނަލްޓީ ދިޔައީ ގޯލުގެ ދަނޑި ކައިރިން ބޭރަށެވެ.
މި މެޗުން ބަލިވުމުން މިވަގުތު ލިވަޕޫލް އޮތީ ޕޮއިންޓް ތާވަލުގެ ފަސްވަނާގައެވެ. އެ ޓީމަށް 26 މެޗުން ލިބިފައި ވަނީ 42 ޕޮއިންޓެވެ. ހަތަރުވަނާގައި އޮތް ޓޮޓެންހަމަށް 26 މެޗުން 45 ޕޮއިންޓް ލިބިފައިވާއިރު، މިރޭ ނޮޓިންހަމް ފޮރެސްޓް ބަލިކޮށް ފަރަގު ބޮޑު ކުރުމުގެ ފުރުޞަތު ޓޮޓެންހަމަށް އެބައޮތެވެ.
މި މެޗުން މޮޅުވި ބޯންމައުތަށް މި ވަނީ މުހިންމު ތިން ޕޮއިންޓް ލިބިފައެވެ. މި މެޗުން ލިބުނު ތިން ޕޮއިންޓާއިއެކު ބޯންމައުތު ވަނީ ކުޅުނު 26 މެޗުން ލިބުނު 24 ޕޮއިންޓާއިއެކު ރެލިގޭޝަން ޒޯނުން ބޭރުވެފައެވެ. މިވަގުތު ބޯންމައުތު އޮތީ ތާވަލުގެ 17 ވަނާގައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!