ރައްޔިތުންގެ މަޖިލީހުގެ ކ. ގުރައިދޫ ދާއިރާގެ ބައި-އިލެކްޝަންގައި ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ ޓިކެޓް ދޭނެ އެ ޕާޓީގެ މެންބަރަކު ކަނޑައެޅުމަށް ބޭއްވި ޕްރައިމަރީ، ކ. ގުރައިދޫ ފައިވްރޯސް، އިބްރާހީމް ޝާޒް ކާމިޔާބު ކޮށްފިއެވެ.
މިއަދު އެމްޑީޕީން ކުރިއަށް ގެންދިޔަ ޕްރައިމަރީގައި ވެރިރަށް މާލޭގެ އިތުރުން ގުރައިދޫ ދާއިރާގެ ތިން ރަށް ކަމުގައިވާ ގުރައިދޫ، މާފުށި އަދި ގުޅީ ގައިވެސް ވޯޓު ފޮށި ބެހެއްޓިއެވެ. މި ޕްރައިމަރީގެ ވޯޓުލުން ހަވީރު 5:00 އާއި ހަމައަށް ކުރިއަށް ގެންދިޔައެވެ.
މި ޕްރައިމަރީގައި ޝާޒްގެ އިތުރުން މުހައްމަދު މުސްތަފާ އަދި ސަލްމާން ރަޝީދު އެވެ. މި ޕްރައިމަރީ ޝާޒް ކާމިޔާބު ކުރީ 311 ވޯޓު ހޯދައިގެންނެވެ. މި ޕްރައިމަރީގައި މުސްތަފާއަށް 66 ވޯޓު ލިބުނު އިރު ސަލްމާނަށް ލިބުނީ 190 ވޯޓެވެ.
ގުރައިދޫ ދާއިރާގެ ގޮނޑި ހުސްވީ އެ ދާއިރާގެ މެންބަރުކަމުގައި ފާއިތުވި ތިން ދައުރުގައި ހުންނެވި ރިޟާ އަވަހާރަވުމުންނެވެ. ރިޟާ އަވަހާރަވީ ކެންސަރު ބައްޔަށް ފަރުވާ ހޯއްދަވަނިކޮށް މި ފެބްރުއަރީ މަހުގެ 23 ވަނަ ދުވަހުގެ ރޭގަ އެވެ.
މި ބައި އިލެކްޝަންގައި ވާދަކުރުމަށް އެމްޑީޕީން ކެންޑީޑޭޓެއް ކަނޑައެޅިއިރު، ޕީޕީއެމްގެ ކެންޑީޑޭޓެއް ކަމަށް ކަނޑައަޅާފައި ވަނީ ރިޟާގެ ކޮއްކޮ އެއް ކަމަށް ހުސައިން ރިޒާ އެވެ.
މި ބައި-އިލެކްޝަންގައި އެމްއެންޕީން ވެސް ވާދަކުރެއެވެ. އެ ޕާޓީގެ ޓިކެޓް ދީފައި ވަނީ ގުރައިދޫ ފިޔާތޮށިގެ، އަލީ އާރިފް އެވެ.
އިލެކްޝަންސް ކޮމިޝަނުން ހާމަކޮށްފައިވާގޮތުގައި ގުރައިދޫ ދާއިރާގެ ބައި އިލެކްޝަން އޮންނާނީ އަންނަ އޭޕްރީލް މަހުގެ 15 ވަނަ ދުވަހުގައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!