ދިވެހި ރާއްޖޭގެ ޕްރިންސިޕަލުން ތަމްރީނު ކުރުމަށް ސަރުކާރުން ފަށާފައިވާ ސްކޮލާޝިޕް ޕްރޮގްރާމްގެ ފުރަތަމަ ބުރު ނިންމައި 17 ޕްރިންސިޕަލަކު ޚިދުމަތާއި ގުޅިއްޖެއެވެ.
ޕްރިންސިޕަލުންނަށް ހިންގި މި ސްކޮލާޝިޕް ޕްރޮގްރާމަކީ ދެމެހެއްޓެނިވި ގޮތެއްގައި ދިވެހި ޕްރިންސިޕަލުން ތަމްރީނުކުރުމުގެ މަޤްޞަދުގައި 2022 ވަނަ އަހަރު ސަރުކާރުން ފެށި ޕްރޮގްރާމެކެވެ.
މި ޕްރޮގްރާމުގެ ދަށުން މެލޭޝިއާގެ މަލާޔާ ޔުނިވާސިޓީގައި ކުރިޔަށްގެންދިޔަ "މާސްޓަރސް އޮފް އެޑިޔުކޭޝަނަލް މެނޭޖްމަންޓް" ކޯސް ފުރިހަމަކޮށް މި ޕްރޮގްރާމުގެ ފުރަތަމަ ބުރުގައި 17 ޕްރިންސިޕަލަކު ވަނީ ސެޓްފިކެޓް ޙާޞިލުކޮށްފައެވެ.
މިގޮތުން "މާސްޓާސް އޮފް އެޑިޔުކޭޝަނަލް މެނޭޖްމަންޓް" ކޯސްފުރިހަމަކޮށް ސްކޫލުތަކާ ގުޅިވަޑައިގަންނަވާ 17 ޕްރިންސިޕަލުންނަށް އެ ބޭފުޅުންގެ މަޤާމުގެ މަސްއޫލިއްޔަތުގެ ލިއުން ރޭ ވަނީ ހަވާލުކޮށްދެއްވާފައެވެ.
މާލޭގެ ޗަމްޕާ ސެންޓްރަލް ހޮޓެލްގައި ރޭ އޮތް ރަސްމިއްޔާތެއްގައި މި 17 ޕްރިންސިޕަލުންނަށް އެ ބޭފުޅުންގެ މަޤާމުގެ މަސްއޫލިއްޔަތުގެ ލިއުން ހަވާލުކޮށްދެއްވީ ނައިބު ރައީސް ފައިސަލް ނަސީމެވެ.
ޕްރިންސިޕަލުން ތަމްރީނު ކުރުމަށް ސަރުކާރުން ހިންގާ ސްކޮލާޝިޕް ޕްރޮގްރާމަކީ ތިން އަހަރު ދުވަހުގެ މުއްދަތަކަށް ބަހާލައިގެން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ޕްރޮގްރާމެކެވެ.
މި ސްކޮލާޝިޕް ޕްރޮގްރާމުގެ 2 ވަނަ ބުރު މިއަހަރު ތެރޭގައި ފެށުމަށް ހަމަޖެހިފައިވާއިރު މުޅި މި ޕްރޮގްރާމް ނިމޭއިރު ސަރުކާރުން ހިންގާ ހުރިހާ ސްކޫލަކަށް ތަމްރީނު ލިބިފައިވާ ދިވެހި ޕްރިންސިޕަލުން ތިބޭނެކަމަށް ސަރުކާރުން ވަނީ ވިދާޅުވެފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!