"ވެހޭތާ ފެން ނަގާށޭ" ބުނާ ފަދައިން ފުރުސަތުގެ ބޭނުން ހެޔޮގޮތުގައި ހިފުމަށް މިއަދުގެ ހުކުރު ހުތުބާގައި ނަސޭހަތްތެރިވެއްޖެއެވެ.

"ޝަޢުބާން މަހުގައި ހެޔޮ ޢަލަމުކުރުން" މި މައުޟޫއަށް ކުރިއަށް ގެންދިޔަ ހުތުބާގައި ވަނީ ހެޔޮ އަމަލު ކުރުމުގައި އަވަދިނެތި އުޅެވޭތޯ މަސައްކަތް ކުރުމަށް ވެސް ނަސޭހަތްތެރިވެފައެވެ. އަދި ގިނަގިނައިން ހެޔޮ އަމަލު ކުރުމަކީ ގަސްދަކާއި ނުލާ ކުރެވޭ ފާފަތަކުން މާތްﷲ އަހަރެމެން ސަލާމަތް ކުރައްވާނެ ކަމެއްކަންވެސް ވަނީ ހަނދާން ކޮށްދީފައެވެ.

Ad
rt

މީގެ އިތުރުން މިފަދަ ބަރަކާތްތެރި މޫސުމެއްގައި މާތް ނަބިއްޔާ، އަހަރެމެންނަށް ނަމޫނާ ދައްކަވާފައިވާގޮތަށް ހެޔޮ އަމަލުކުރުންމަތީ ސާބިތުވެ ތިބުމަކީ މުހިންމުކަމެއް ކަމުގައި ވެސް ހުތުބާގައި ބުނެފައި ވެއެވެ.

"މުސްލިމް އަޚުންނޭވެ! އަހަރެމެން މިހާރު ވޭތުކުރަމުން މިދަނީ ޝަޢުބާން މަހުގެ ދުވަސްތަކެވެ. މި މަހަކީ އެތައް ގޮތަކުން ޚާއްސަ މަހެކެވެ. ރަމަޟާން މަހަށް މަރުހަބާ ކިޔުމަށް ތައްޔާރުވަމުން އަންނަ މައްސަރަށް ވުމުންނެވެ. ޝައުބާން މަހުގެ ހަނދު ފެނުމާއެކު ރޯދައިގެ މާތްކަމާއި ރޭއަޅުކަމާއި ހެޔޮއަމަލުތައް ކޮންމެ މުސްލިމެއްގެ ހިތަށް ވަންނާތީއެވެ." ހުތުބާގައި ވެއެވެ.

މީގެ އިތުރުން ޝަޢުބާން މަހު އަޅުކަމުގައި ހީވާގިވުމަކީ ރަމަޟާން މަހު އަޅުކަމުގައި މަޝްޣޫލުވުމަށް ލިބޭ ތަމްރީނެއް ކަމަށް ވެސް ހުތުބާގައި ހަނދާންކޮށްދީފައި ވެއެވެ.

ހިތުބާގައި ވަނީ ސިއްހީ ގޮތުންނާއި އުމުރުގެ ގޮތުން އެކިމީހުންގެ ހާލަތު ތަފާތު ކަމާއި އެހެންކަމުންއެމީހަކަށް ކުޅަދާނަވީ މިންވަރަކުން ހެޔޮ އަމަލު ކުރުމަށް ވެސް ނަސޭހަތްތެރިވެފައެވެ. އަދި އުމުރުގެ ދުވަސްތަކަށް ނިމުމެއް އަންނާނެކަމީ ކަށަވަރުވެގެންވާ ކަމެއް ކަމަށާއި އެވަގުތު އަންނާނީ ކިހިނެއް، ކޮންއިރަކު، އަދި ކޮންތާކު ހުއްޓާކަމެއް އެއްވެސްމީހަކަށް އެނގިގެން ނުވާކަން ވެސް ހަނދާންކޮށްދީފައި ވެއެވެ.

ހަމަމިއާއެކު ވޭތުވެދިޔަ އަހަރުގެ ފަރުޟު ރޯދައެއް ޤަޟާކުރަން ޖެހިފައިވާނަމަ، އެ ރޯދަ އަވަހަށް ޤަޟާ ކުރުމަށާއި ހީވާގިކަމާއެކު، ރަމަޟާން މަހަށް އިސްތިގުބާލުކުރަން ތައްޔާރުވުމަށް ވަނީ އެދިފައެވެ.