އިސްލާމިކް އިކޮނޮމިކްސްއާ ގުޅޭ ބައިނަލްއަގްވާމީ ކޮންފަރެންސް ފަށައިފިއެވެ.
މި ކޮންފަރެންސް ކުރިއަށްދަނީ އިސްލާމިކް ޔުނިވާސިޓީ އޮފް މޯލްޑިވްސް (އައިޔޫއެމް) ގައެވެ.
އިއްޔެއިން ފެށިގެން މިއަދުގެ ނިޔަލަށް ކުރިއަށްދާ މި ކޮންފަރެންސް ރަސްމީކޮށް އިފްތިތާހުކޮށްދެއްވީ ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރެވެ.
މިނިސްޓަރ އަމީރު ވިދާޅުވީ އިސްލާމިކް ޓްރެޝަރީ މާކެޓް ފުޅާކުރުމުގެ މަސައްކަތް ސަރުކާރުން ކުރައްވަމުން ގެންދަވާ ކަމަށާއި އަމާޒަކީ އިސްލާމިކް ފައިނޭންސިންގެ ދާއިރާއިން ހުރި ފުރުސަތުތައް ބެލުން ކަމަށެވެ.
އެހެންކަމުން މި ދާއިރާއިން ތައުލީމް ހާސިލްކޮށްފައިވާ ފަރާތްތައް މުހިއްމުކަމަށާއި މި ކޮންފަރެންސްގައި އިސްލާމިކް މާލީ ނިޒާމްގެ ދާއިރާގައި ރާއްޖޭގައި ހުރި ގޮންޖެހުންތަކާއި ފުރުސަތުތަކުގެ މަޝްވަރާތައް ކުރިއަށްދާނެ ކަމަށް އުއްމީދު ކުރައްވާކަމަށް ވެސް ވިދާޅުވިއެވެ.
ވައިސް ޗާންސްލަރ ޑރ. އިބްރާހިމް ޒަކަރިއްޔާ މޫސާ ވިދާޅުވީ އިސްލާމިކް އިކޮނަމިކްސްގެ އެންމެ އިސްކަމަކީ މުޅި މުޖްތަމައުގެ އިގްތިސާދީ ކުރިއެރުމަށް އިސްކަންދިނުމާއި މުޅި އިންސާނިއްޔަތު ތަރައްގީކުރުން ކަމަށެވެ. އަދި އޭގެ މަގުސަދަކީ ދުނިޔެއާއި އާޚިރަތުގައި އިންސާނާ އަށް ކާމިޔާބު ލިބުން ކަމަށެވެ.
މިއީ މެލޭޝިއާގެ އިންޓަރނޭޝަނަލް އިސްލާމިކް ޔުނިވަރސިޓީގެ ސެންޓަރ ފޯ އިސްލާމިކް އިކޮނޮމިކްސްގެ ބައިވެރިވުމާ ވެސް އެކު ކުރިއަށް ގެންދާ ކޮންފަރެންސެކެވެ.
މި ކޮންފަރެންސްގެ ޝިއާރަކީ “އެޗީވިން އަދްލު އެންޑް އިހްސާން ވިއާ އިސްލާމިކް އިކޮމިކްސް” ނުވަތަ އިސްލާމީ އިގްތިސާދުގެ ތެރެއިން އިޖްތިމާއީ އަދާލަތު ގާއިމްކުރުމެވެ. މިކޮންފަރެންސްގެ މަގުސަދަކީ އަދުލާއި އިހުސާންތެރިކަމުގެ މައްޗަށް ބިނާވެފައިވާ ތަރައްގީއަށް އިސްލާމީ އިގްތިސާދުގެ މުހިންމުކަން އަންގައިދިނުމެވެ.
މި ކޮންފަރެންސްގައި ކީނޯޓު ތަގުރީރު ދެއްވީ މި ދާއިރާގެ އިލްމީ ބޭފުޅުންނާއި ތަޖުރިބާކާރުންނެވެ. އޭގެ ތެރޭގައި އިސްލާމީ މާލީ ނިޒާމަށް ބޭނުންވާ އިންސާނީ ވަސީލަތްތައް ގާއިމްކުރަން މެލޭޝިއާގައި ހިންގާ އިންސެއިފް ޔުނިވަރސިޓީގެ ޕްރޮފެސަރު، ރާއްޖޭގެ ޑރ. އާއިޝަތު މުނީޒާ ހިމެނިވަޑައިގަންނަވައެވެ. އަދި އެ ޔުނިވަރސިޓީގެ ޕްރޮފެސަރ ދާތޯ އިގްބާލް ސަލާމް އާއި ޕްރޮފެސަރު ދާތޯ ޑރ މުހައްމަދު އަޒްމީ އުމަރު ވެސް ތަގުރީރުކުރެއްވިއެވެ.
މީގެ އިތުރުން ޔުނިވަރސިޓީ އޮފް ނިއު އޯލިއަންސްގެ ޕްރޮފެސަރު ޑރ މުހައްމަދު ކަބީރު ހަސަން އާއި އެ ނޫން ވެސް މި ސިނާއަތުގެ ތަޖުރިބާކާރުންނާއި އިލްމީ ބޭފުޅުން ވަނީ ތަގުރީރު ކުރައްވާފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!