ގދ. ފިޔޯރީގައި ހިންގާ ތަރައްގީގެ ބައެއް ކަންކަން ލަސްވާތީ، އެކަންކަން އަވަސް ކުރުމަށް ބޭނުންވާކަމަށް އެރަށު ކައުންސިލުން، ނައިބު ރައީސް ފައިސަލް ނަސީމުގެ އަރިހުގައި ދަންނަވައިފިއެވެ.
އެ ކައުންސިލުން މިގޮތަށް ދެންނެވީ ނައިބު ރައީސް އާއެކު ފިޔޯރީ ކައުންސިލް މެންބަރުން ބޭއްވެވި ބައްދަލުކުރެއްވުމުގައެވެ.
ރައީސް އޮފީހުގައި ބޭއްވި މި ބައްދަލުކުރައްވައި އެރަށުގެ ރައްޔިތުންގެ ހުރި ކަންބޮޑުވުންތަކާއި ގުޅޭގޮތުންނާއި ރަށުގެ ތަރައްޤީގެ މުހިންމު މަޝްރޫޢުތަކާ ގުޅޭގޮތުން ވަނީ މަޝްވަރާކުރައްވާފައެވެ.
ކައުންސިލް މެންބަރުން ވަނީ އެރަށުގެ ސްކޫލުގައި ދާދި ފަހުން ހިނގާދިޔަ އަލިފާނުގެ ހާދިސާގެ ސަބަބުން ރަށުގެ ސްކޫލުގެ ކިޔެވުން ދެ ދަންފަޅިއަށް ބަދަލުކުރަންޖެހުމުންނާއި އެ ހާދިސާގެ ސަބަބުން ސްކޫލު ހިންގުމަށް މިހާރު ކުރިމަތިވެފައިވާ ދަތިތައް ފާހަގަކުރައްވާފައެވެ.
މީގެ އިތުރުން ރަށުގެ ސިއްހީ މަރުކަޒު ހިންގުމުގައި ކުރިމަތިވާ ގޮންޖެހުންތަކާއި ރަށުގެ ތަރައްޤީއަށްޓަކައި ހިންގާ ބައެއް މަޝްރޫޢުތައް ލަސްވަމުންދާތީ އެކަންކަން އަވަސް ކުރުމަށް ބޭނުންވާކަމުގައި އެބޭފުޅުން ފާހަގަކުރެއްވެވިއެވެ.
އެގޮތުން ފެނާ ނަރުދަމާގެ މަޝްރޫޢު އެބޭފުޅުން ފާހަގަކުރެއްވެވިއެވެ.
މި ބައްދަލުވުމުގައި ނައިބު ވަނީ އެއްވެސް ރަށެއް ބާކީ ނުކުރުމުގައި ސަރުކާރުން ގެންގުޅުއްވާ ހަރުދަނާ ސިޔާސަތު ފާހަގަކުރައްވާފައެވެ.
މީގެ އިތުރުން ކައުންސިލުން ފާހަގަކުރެއްވި ކަންކަމުގައި ސަރުކާރުގެ ކަމާގުޅޭ އިދާރާތަކާ މަޝްވަރާކުރައްވާ އެކަންކަމަށް އަވަސް ޙައްލެއް ހޯދުމަށް މަސައްކަތް ކުރައްވާނެކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!