އަންހެނުންނަށް ލިބެންޖެހޭ ރައްކާތެރިކަން ޔަޤީންކޮށްދިނުމަށް މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ) އިން ގޮވައިލައިފިއެވެ.
އެ ޕާޓީން މިހެން ގޮވައިލީ މިއަދު ފާހަގަކުރާ ބައިނަލްއަގުވާމީ އަންހެނުންގެ ދުވަހުގެ މުނާސަބާގައި އެޕާޓީގެ ރައީސް އަދި ދަނގެތީ ދާއިރާގެ މެމްބަރު ކާނަލް ރިޓެއަރޑް މުހައްމަދު ނާޒިމް ނެރުއްވި ބަޔާނުގައެވެ.
އެ ބަޔާނުގައި ބުނީ ދިވެހި އަންހެނުންނަކީ ދުނިޔޭގެ ނިސްބަތުން ވެސް ޤާބިލު އަދި ތޫނުފިލި ބައެއްކަން ރާއްޖޭގެ ތަޢުލީމީ ދާއިރާ އާއި ކުޅިވަރުގެ ދާއިރާގެ ވަނަތައް އިޢުލާނުކުރާ ސްޓޭޖްތަކުން ކޮންމެ ދުވަހަކުވެސް ފެންނަމުންދާ ކަމަށެވެ.
އެހެންނަމަވެސް މިއަދުވެސް، ސިޔާސަތު ކަނޑައަޅާ ފެންވަރުގައި، އެކަށީގެންވާ ވަރަށްވުރެ މާބޮޑުތަނުން އަންހެނުން މަދުވުމަކީ އެޕާޓީގެ ވަރަށްބޮޑު ކަންބޮޑުވުމެއް ކަމަށް ވަނީ ބުނެފައެވެ. އަދި އާއިލީ ޒިންމާތަކާއި ދަރިންގެ މަސްއޫލިއްޔަތުތައް އަދާކުރަމުން މަސައްކަތުގެ މައިދާނަށް ނިކުންނަ އަންހެނުންނަށް އެކަނބަލުންގެ ޤާބިލުކަމުގެ އެންމެ މަތީ މިންގަނޑަށް ވާސިލުވުމުގައި ހުރި ހުރަސްތައް ނައްތާލުމަށް މިހާރުވެސް ކުރަން ހުރި މަސައްކަތްތައް ގިނަގުނަކަން ވެސް ފާހަގަކޮށްފައި ވެއެވެ.
" އެހެންގޮތަކަށް ދަންނަވާނަމަ، Glass Ceiling ތަޅާލައި، ޤައުމީ ފެންވަރުގައި ސާބިތުވުމަށް އަންހެނުން ގިރާކުރަން ޖެހޭ ހުރަސްތައް ވަރަށް ގިނަކަން އަޅުގަނޑު ކަންބޮޑުވުމާއެކު ފާހަގަކުރަމެވެ. ދިވެހި އަންހެންދަރިން، ތަޢުލީމީ ޙަޔާތުގައި ސާބިތުކޮށްދެމުންދާ ދުނިޔޭގެ ރަންވަނަތައް، ވަޒީފާ އަދާކުރުމުގެ ޙަޔާތުގައިވެސް، ޤައުމީ އަދި ބައިނަލްއަޤްވާމީ މައިދާންތަކުގައި ސާބިތުކޮށްދީ އެ މަޤާމުތަކަށް ވާޞިލުވުމަށް ބޭނުންވާ ހަރުފަތްތައް ބިނާކޮށްދިނުމެވެ." އެމްއެންޕީގެ ބަޔާނުގައި ވެއެވެ.
މީގެ އިތުރުން ދުނިޔޭގެ ފެންވަރުގައި ހެދިފައިހުރި ދިރާސާތަކުން ސިޔާސަތު ނިންމާ ހިސާބުގައި އަންހެނުން ގިނަވުމަކީ، އިޖްތިމާއީ މައްސަލަތަކަށް ލުޔެއްލިބި، ހަމަޖެހުމަށް އިތުރު ފުރުސަތުތަކެއް ފަހިވެގެންދާ ކަމެއްކަން ފާހަގަކޮށް، ރާއްޖޭގައި ތިއްބެވި ޤާބިލު އަންހެން ބޭފުޅުންގެ ކުރިއެރުމަށް ހުރި މިފަދަ ހުރަސްތައް ނައްތައިލުމަކީ އެ ޕާޓީގެ ސިޔާސަތުކަމުގައި ވެސް ބުނެފައި ވެއެވެ.
ހަމަމިއާއެކު އަންހެނުންގެ ތަރައްޤީ އާއި ކުރިއެރުމުގެ މައްސަލަތަކަކީ އެކަހެރި ކުރެވި، ވަކި ބަޔަކު ނޫނީ އަޅާނުލާ ސިޔާސަތެއްގެ ގޮތުގައި އޮންނަ އޮތުން ބަދަލުކޮށް، central policy making ގެ ތެރޭގައި ހިމެނޭ ކަމެއްގެ ގޮތުގައި ހަމަޖެއްސުމަކީ ވެސް އެމްއެންޕީގެ ސިޔާސަތެއްކަން ހާމަކޮށްފައި ވެއެވެ.
އެމްއެންޕީގެ ބަޔާނުގައި އިތުރަށް ބުނީ ރޭޕްއާއި އެހެނިހެން ޖިންސީ އަދި ގެވެށި އަނިޔާގައި ޝިކާރައަކަށްވާ އަންހެނުންނާއި އަންހެންކުދިންނަށް އެކަށީގެންވާ ވަރާއި ގާތަށްވެސް އިންސާފާއި ރައްކާތެރިކަން ލިބިނުދެވޭ ނުހަނު ކަންބޮޑުވާކަމެއް ކަމަށެވެ. އަދި މިފަދަ މައްސަލަތަކުގައި މިހާރުގެ ތަފާސްހިސާބުތަކުން ދައްކާ، ރައްކާތެރިކަމުގެ ފިޔަވަޅުއެޅުމާއި ދަޢުވާކުރުމާއި ޙުކުމް ކުރެވުމުގެ ޢަދަދުތަކަކީ އެއްވެސް ޙާލެއްގައި އެކަށީގެންވާ ސިޔާސަތުތަކެއްގެ މައްޗަށް މިދާއިރާ ބައްޓަންވެފައިނެތް ކަން އަންގައިދޭ ހެއްކިތަކެއް ކަމަށެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!