ސްޕެނިޝް ލީގުގައި ރޭ ބާސެލޯނާ ކުޅުނު މެޗުން އެ ޓީމް މޮޅުވެފައި ވަނިކޮށް، ރޭ ރެއާލް ބެޓިސްއާއި ރެއާލް މެޑްރިޑް ބައްދަލުކުރި މެޗުން ރެއާލަށް މޮޅުނުވެވި އަނެއްކާ ވެސް ބާސާއާއި ދެމެދު އޮތް ފަރަގު ބޮޑުވެއްޖެއެވެ.

ރޭ ބާސާގެ އަމިއްލަ ދަނޑުގައި އެ ޓީމުން ވަނީ 1-0 ގެ ނަތީޖާއިން ވެލެންސިއާ ބަލިކޮށްފައެވެ.

Ad
rt

މި މެޗުގައި ބާސާއިން ކާމިޔާބުކުރި ހަމައެކަނި ލަނޑު މެޗުގެ 16 ވަނަ މިނެޓުގައި ބަސްކެޓް ވެލެންސިއާގެ އޭރިއާތެރެއަށް މަތިން ކުޅުނު ބޯޅަ ބޮލުން ގޯލުގެ ތެރެއަށް ފޮނުވާލައިގެން ކާމިޔާބު ކޮށްދީފައި ވަނީ ރަފީނިއާއެވެ. މީގެ އިތުރުން ވެސް ފުރަތަމަ ހާފުގައި ރަފީނިއާ އަންސޫ ފާޓީގެ އިތުރުން ފެރާން ޓޯރޭސް ވެސް ވަނީ ވެލެންސިއާގެ ގޯލަށް ނުރައްކާ ކޮށްފައެވެ. ނަމަވެސް އެ ހަމަލާތަށް ވެލެންސިއާގެ ކީޕަރު ވަނީ ހުއްޓުވާފައެވެ.

ފުރަތަމަ ހާފުގައި ނަތީޖާ ހަމަހަމަ ކުރަން ރަނގަޅު ދެ ފުރުޞަތެއް ވެލެންސިއާއަށް ލިބުނުއިރު، އެ ޓީމްގެ ތިއެރީ ކޮއްރެއާއަށް ބާސާގެ އޭރިއާ ތެރެއިން ހުހަށް ހުރެ ބޮލުން ފޮނުވާލަން ލިބުނު ބޯޅައިގައި އޭނާ ފޮނުވާލި ހަމަލާ ދިޔައީ ދަނޑި ކައިރިން ބޭރަށެވެ. ފުރަތަމަ ހާފުގެ ފަހުކޮޅު ބާސާގެ ކީޕަރަށް ހެދުނު ގޯހަކުން ލަނޑު ޖަހާނެ ރަނގަޅު ފުރުޞަތެއް ވެލެންސިއާގެ ލިނޯއަށް ތަނަވަސް ވީ ނަމަވެސް އޭނާ ފޮނުވާލި ބާރު ހަމަލާ ދިޔައީ ގޯލުގެ ހުރަސް ދަނޑި މަތިންނެވެ.

ދެވަނަ ހާފުގައި ލީޑު ފުޅާ ކުރުމަށް ރަނގަޅު ފުރުޞަތެއް ބާސާއަށް ވަނީ ލިބިފައެވެ. މެޗުގެ 55 ވަނަ މިނެޓުގައި ބާސާގެ ކޫންޑޭ ފޮނުވާލި ހަމަލާއެއް ވެލެންސިއާގެ އޭރިއާ ތެރެއިން އެ ޓީމްގެ ކުޅުންތެރިޔަކު އަތުގައި ބޯޅަ ޖެހުމުން ރެފްރީ ދިން ޕެނަލްޓީ ފެރާން ޓޯރޭސް ފޮނުވާލިއިރު އެ ބޯޅަ ދިޔައީ ގޯލު ދަނޑީގައި ޖެހިފައި ބޭރަށެވެ.

މެޗުގެ 59 ވަނަ މިނެޓުގައި ބާސާގެ ޑިފެންޑަރ އަރައުހޯ ވެލެންސިއާގެ ހޫގޯ ޑޫރޯއަށް ކުރި ފައުލާއި ގުޅިގެން އޭނާއަށް ރަތްކާޑު ދެއްކުމާއި އެކު ދެވަނަ ހާފުގެ ބޮޑުބައި ބާސާއިން ކުޅެފައި ވަނީ އެއް ކުޅުންތެރިޔަކު މަދުކޮށެވެ. ނަތީޖާއެއްގެ ގޮތުން ވެލެންސިއާއިން ވަނީ ގޭމް ކޮންޓްރޯލް އަތުލާފައެވެ. ނަމަވެސް ބާސާއިން ވަނީ ވެލެންސިއާއަށް ފުރުޞަތު ނުދީ އެ ނަތީޖާއިން މެޗު ނިންމާ ތިން ޕޮއިންޓް ހޯދާފައެވެ.

ރޭ ރެއާލް ބެޓިސްގެ ދަނޑުގައި ރެއާލް މެޑްރިޑާއި ރެއާލް ބެޓިސް ބައްދަލުކުރި މެޗު ނިމިފައި ވަނީ ދެ ޓީމުންކުރެ އެއްވެސް ޓީމަކަށް ލަނޑެއް ކާމިޔާބު ނުކުރެވިފައެވެ.

މި މެޗުގެ 13 ވަނަ މިނެޓުގައި ބެޓިސްގެ އޭރިއާ ބޭރުން ލިބުނު ހިލޭ ޖެހުމަކުން ބެންޒެމާ ލަނޑެއް ޖެހި ނަމަވެސް އެ ލަނޑު ވަނީ ބަލައި ނުގަނެފައެވެ. އެ ލަނޑު ބަލައިނުގަންނަށް ރެފްރީ ވީއޭއާރުން ބެލުމަށް ފަހު ނިންމީ އެ ބޯޅަ ގޯލަށް ވަނުމުގެ ކުރިން ރެއާލްގެ ޑިފެންޑަރ ރުޑިގާގެ އަތުގައި ބޯޅަ ޖެހުމުންނެވެ.

ބާސާ މޮޅުވެ ރެއާލް އެއްވަރުވުމުން އެއްވަނާގައި އޮތް ބާސާއާއި ދެވަނާގައި އޮތް ރެއާލާއި ދެމެދު އޮތް ފަރަގު ވަނީ 9 ޕޮއިންޓަށް ބޮޑު ވެފައެވެ. ބާސާއަށް ކުޅުނު 24 މެޗުން 62 ޕޮއިންޓް ލިބިފައިވާއިރު، ރެއާލަށް 24 މެޗުން ލިބިފައި ވަނީ 53 ޕޮއިންޓެވެ. ބާސާއަތުން ބަލިވި ވެލެންސިއާ މިވަގުތު އޮތީ ރެލިގޭޝަން ޒޯނުގައެވެ. ރެއާލް ބެޓިސް މިވަގުތު އޮތީ ތާވަލުގެ ފަސް ވަނާގައެވެ.