މަސައްކަތްތެރިންނާއިނުލާ ހިންގޭނެ ރިސޯޓެއް، ވިޔަފާރިއެއް، އެހެން މަސައްކަތެއް ވެސް ނެތް ކަމަށާއި، މަސައްކަތްތެރިންނަކީ ގައުމު ހިންގުމުގެ އިންޖީނު ކަމަށް މޯލްޑިވްސް ޓްރޭޑް ޔޫނިއަން ކޮންގްރެސްގެ ރައީސް މައުރޫފް ޒާކިރު (މާއްޓޭ) ވިދާޅުވެއްޖެއެވެ.

މޯލްޑިވްސް ޓްރޭޑް ޔޫނިއަން ކޮންގްރެސްގެ މަސައްކަތްތެރިންގެ ކޮންގްރެސް ހުޅުވުމަށް ރޭ ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން މާއްޓޭ ވަނީ މޯލްޑިވްސް ޓްރޭޑް ޔޫނިއަން ކޮންގްރެސް އަކީ މައިގަނޑު 6 ޔޫނިއަން އެއް ނުވަތަ 6 ޖަމިއްޔާއެއް ތަމްސީލްކުރާ ޖަމާއަތެއް ކަމަށް ވިދާޅުވެފައެވެ. އަދި އެ ޖަމާއަތުގައި 50،000 އެއްހާ މަސައްކަތްތެރިން އެބަތިބި ކަމަށާއި، އެއީ ރާއްޖޭގެ މަސައްކަތްތެރިންގެ އާބާދީގެ ބޮޑުބައެއްކަން އޭނާ ވަނީ ފާހަގަ ކުރައްވާފައެވެ.

Ad
rt

މިޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް، އިންޑަސްޓްރިއަލް ރިލޭޝަންސް ބިލު އެކުލަވައިލުމުގެ މަސައްކަތް ނިމި އަންނަ ހަފުތާގައި އެ ބިލު ރައްޔިތުންގެ މަޖިލީހަށް ފޮނުއްވާނެ ކަމަށް ވިދާޅުވެފައިވާތީ، މާއްޓޭ ވިދާޅުވީ، ރައީސް ދެއްވި އުއްމީދާއެކު އުއްމީދު ކުރައްވަނީ މޭޑޭގެ ކުރިއަށް އިންޑަސްޓްރިއަލް ރިލޭޝަންސް އާބެހޭ ބިލު ފާސްވެ، އެ ބިލު ޤާނޫނަކަށްވެ، އެ ޤާނޫނުން މަސައްކަތްތެރިންނަށް ރަނގަޅު ގޮތްތަކެއްވުން ކަމަށެވެ. އަދި އެ ޤާނޫނުން އުފާވެރިކަން ލިބިގެން ދިޔުން ކަމަށެވެ.

''އެހެންނޫނީ އަޅުގަނޑުމެން އަނެއްކާ ވެސް މޭޑޭގައި އިންޑަސްޓްރިއަލް ރިލޭޝަންސް ގާނޫނު ފާސްކުރަން މާ ބޮޑު މުޒާހަރާއެއް ކުރާންޖެހޭނީ'' މާއްޓޭ ވިދާޅުވިއެވެ.

މާއްޓޭ ވަނީ މިއީ މަސައްކަތްތެރިން އެއްތާކަށް އެއްވެ މިފަދަ ކޮންގްރެސްއެއް ބޭއްވޭ ފުރަތަމަ ފަހަރުކަން ފާހަގަކުރައްވާފައެވެ. އަދި މިއީ މިފަދަ މަސައްކަތްރިންގެ ބައްދަލުވުމަކަށް ރާއްޖޭގެ ރައީސަކު ވަޑައިގެންނެވި ފުރަތަމަ ފަހަރުކަން ވެސް ފާހަގަކުރައްވާފައެވެ.

''އެހެންވީމަ އަޅުގަނޑުމެންނަށް ޔަގީން ކުރެވޭ ރައީސް ދެއްކެވި ވާހަކަފުޅުގައި މަސައްކަތްތެރީންނާއި، މިސަރުކާރާއި، ރައީސްއާއި، ރައީސްގެ ސިޔާސަތުތަކާއި ގުޅިގެން މަސައްކަތް ކުރުމުގެ ފުރުސަތު އަޅުގަނޑުމެންނަށް އޮތްކަން، އަޅުގަނޑުމެންނަކީ އިގްތިސޯދުގެ ވަރަށް މުހިންމު ބައެއް، އަޅުގަނޑުމެންނާ ނުލާ އިގްތިސޯދެއް ނޯންނާނެ،'' މާއްޓޭ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، އެއްވެސް ވިޔަފާރިއެއް ވެސް މަސައްކަތްތެރީންނާއި ނުލާ ހަމައެކަނި އެ ވިޔަފާރިވެރިންގެ މަސްލަހަތުގައި އޮންނާނެ ކަމަކަށް ޤަބޫލުކުރުމަކީ ކުއްހީއެއް ކަމަށެވެ.

''ތަންކޮޅެއް ކުރީގައި އަޅުގަނޑާއި ދިމާއަށް މަޝްހޫރު ވިޔަފާރިވެރިއަކު ބުނި، އަޅުގަނޑަކަށް އެވާހަކަ އެގޮތަކަށް ބުނާކަށް ނުކެރޭނެ، އެހެންނަމަވެސް މަސައްކަތްތެރީންނާއި ނުލާ ތިމަންނާމެން ރޮބަޓް ގެނެސްގެން ރިސޯޓްތައް ހިންގާންވެއްޖެއޭ، އެހެންނަމަވެސް މިއަދު މިހިސާބަށް އައިއިރު އެކަމެއް ނުފެނޭ، ދުނިޔެއަކުން ވެސް ނުފެނޭ، މަސައްކަތްތެރިންނާއިނުލާ ހިންގޭނެ ރިސޯޓެއް، ވިޔަފާރިއެއް، އެހެން މަސައްކަތެއްވެސްނެތް،'' މާއްޓޭ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، ކުރިއަށް އޮތްތަނުގައި ވެސް ކަން އޮތީ އެހެން ކަމަށާއި، މަސައްކަތްތެރީންނާއި ވަޒީފާދޭ ފަރާތްތަކާއެކުގައި މަސައްކަތްކޮށްގެން ނޫނީ މި ނަތީޖާ ބަދަލެއް ނުކުރެވޭނެ ކަމަށެވެ. އަދި މަސައްކަތްތެރިންނަކީ ގައުމު ހިންގުމުގެ އިންޖީނުކަމާމެދު ދެބަސްވެވޭނެ ޖާގައެއްނެތް ކަމަށާއި، ގައުމު ދެމިއޮވެ، ހިންގުމުގައި އެންމެ މުހިންމު އެއް ބަޔަކީ މަސައްކަތްތެރީން ކަމަށް އޭނާ ވިދާޅުވިއެވެ.

މާއްޓޭ ވިދާޅުވިގޮތުގައި، އިގްތިސޯދު ފަހިކޮށް ހިނގަހިނގާ އޮންނަނީ މަސައްކަތްރިންގެ ބުރަ މަސައްކަތުން ކަމަށެވެ. އަދި އެއީ މަސައްކަތްތެރިން ކެނޑިނޭޅި ކުރަމުންދާ މަސައްކަތުގެ ނަތީޖާ ކަމަށް ވެސް ވިދާޅުވިއެވެ. ނަމަވެސް އިގްތިސޯދު ދެމި އޮންނަނީ އެ ގްތިސޯދުގައި ހިމެނޭ އެންމެ އާދައިގެ މީހާއަށް ދިރުން ގެނެސްދޭ، އެންމެ އާދައިގެ މީހާއަށް އަދުލު އިންސާފު އިހްސާސްކުރެވޭ އަދި އެންމެ އާދައިގެ މީހާ ގައުމުދެކެ ފަޚުރުވެރިވާގޮތައް ބައްޓަން ކުރެވޭ އިގްތިސޯދެއްކަމުގައި ގަބޫލު ކުރައްވާ ކަމަށް އޭނާގެ ވާހަކާގައި ވަނީ ވިދާޅުވެފައެވެ.