މަސްވެރިންގެ ކަންބޮޑުވުންތައް އަޑު އެއްސެވުމަށް މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެެންޕީ) ރައީސް، ދަނގެތީ ދާއިރާގެ މެންބަރު ކާނަލް ރިޓަޔާޑް މުހައްމަދު ނާޒިމް ބައެއް މަސްވެރި އުޅަނދުތަކަށް އިއްޔެ ޒިޔާރަށް ކޮށްފިއެވެ.
އެމްއެންޕީން ބުނި ގޮތުގައި ނާޒިމް އިއްޔެ ހަވީރު ވަނީ މާލޭސިޓީ، މަސް މާރުކޭޓުގެ ބަނދަރު ސަރަހައްދަށް ޒިޔާރަށް ކުރަށްވައި ބައެއް ދޯނިތަކަށް އަރުއްވައި މަސްވެރިންގެ ކަންބޮޑުވުންތައް އަޑުއައްސަވާފައެވެ.
އެމްއެންޕީން ބުނިގޮތުގައި ކުރިމަގުގައި ނާޒިމް މަސްވެރި އުޅަނދެއްގައި މަސްވެރިކަން ތަޖުރިބާ ކުރަން ދަތުރެއް ކުރާގޮތައް ވެސް ވަނީ ހަމަޖެހިފައެވެ. އަދި އިއްޔެ މަސްވެރިން ދިން ޚިޔާލުތަކަކީ އެ ޕާޓީގެ މަސައްކަތްތަކަށް ވަރަށް މުހިންމު ޚިޔާލުތަކެއްކަން އެ ޕާޓީން ވަނީ ފާހަގަކޮށްފައެވެ.
މަސްވެރިކަމުގެ ސިނާއަތަކީ އެމްއެންޕީގެ ވެރިކަމެއްގައި ތަރައްގީ ކުރުމަށް އެންމެ އިސްކަންދެއްވާނެ އެއް ސިނާއަތްކަމަށް އެ ޕާޓީން ބުނެއެވެ. އަދި އެ ދާއިރާއިން އެ ޕާޓީގެ ސިޔާސަތުތައް އެކަށަހަޅާއިރު، އެހެން ސިޔާސަތުތައް އެކަށަހަޅާގޮތައް އެ ދާއިރާއެއްގެ މަސައްކަތްތެރިންގެ އަޑު އެ ޕާޓީގެ ލީޑާޝިޕުން އަހާނެ ކަމަށް ވެސް އެ ޕާޓީން ބުނެއެވެ.
ބުރާސްފަތި ދުވަހުގެ ރޭ އެމްއެންޕީން ކްލަބް ހައުސްގައި ކުރިއަށް ގެންދިޔަ "ނާޒިމް ބުނަނީ ކީކޭ؟" އިވެންޓްގައި ބައިވެރިއަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ނާޒިމް ވަނީ ސަރުކާރުތަކުން ނަގާފައިވާ ލޯނުތައް ދެއްކުމުގައި އެމްއެންޕީގެ ވެރިކަމެއްގައި މަސައްކަތްތެރިކަމުގެ ސިނާއަތްތައް ފުޅާކޮށް އެ ސިނާއަތްތަކުން ލިބޭ ނަފާ އިތުރު ކުރުމަށް މަސައްކަތް ކުރަށްވާނެ ކަމަށް ވިދާޅުވެފައެވެ. މިގޮތުން ފުރަތަމަ ސިނާއަތެއް ގޮތުގައި މަސްވެރިކަން ފާހަގަ ކުރައްވައި އޭނާ ވިދާޅުވެފައި ވަނީ، މަސްވެރިކަމުގެ ސިނާއަތް ވަރުގަދަކޮށް އިތުރު އާމްދަނީ ލިބޭނެގޮތް ހަދަންޖެހޭ ކަމަށެވެ. އަދި މަސްވެރިންނާއެކު މަސައްކަތްކޮށްގެން ނަފާ އިތުރުކުރެވޭނެ ގޮތްތައް ހޯދުމަކީ އެމްއެންޕީގެ އިސް ސިޔާސަތެއް ކަމަށް ވިދާޅުވިއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!