އިންޑަސްޓްރިއަލް ރިލޭޝަންސް ބިލު އެކުލަވައިލުމުގެ މަސައްކަތް ނިމި އަންނަ ހަފުތާގައި އެ ބިލު ރައްޔިތުންގެ މަޖިލީހަށް ފޮނުއްވާނެ ކަމަށް ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް މިރޭ ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ، މޯލްޑިވްސް ޓްރޭޑް ޔޫނިއަން ކޮންގްރެސްގެ މަސައްކަތްތެރިންގެ ކޮންގްރެސް ހުޅުވުމަށް ބޭއްވި ޖަލްސާގައި ދެއްކެވި ވާހަކަފުޅުގައެވެ.

Ad
rt

ރައީސްގެ ވާހަކަފުޅުގައި ވިދާޅުވީ، މަސައްކަތު މާޙައުލާއި ދިރިއުޅޭ މާޙައުލުގައި ޤާނޫނީ ރައްކާތެރިކަން ކަށަވަރު ކޮށްދިނުމަކީ ސަރުކާރުން ބޮޑު އަހަންމިއްޔަތެއް ދޭ ކަމެއް ކަމަށެވެ. މަސައްކަތުގެ މާޙައުލުގައިވެސް އަދި މުވައްޒަފުން ދިރިއުޅޭ ތަންތަނުގައިވެސް، މިދިޔަ އަހަރުތަކުގައި ހިތާމަވެރި ހާދިސާތަކެއް ވަނީ ހިނގާފައި ކަމަށާއި، މި ކަމަށް ޙައްލެއް ހޯދުމުގެ ގޮތުން، މުވައްޒަފުން ދިރިއުޅެން ހަމަޖައްސާ ތަންތަނުގެ ޢާންމު މިންގަނޑުގެ ޤަވާޢިދެއް ކަނޑައަޅައި މިހާރު އަންނަނީ ތަންފީޒު ކުރެވެމުން ކަމަށް ވިދާޅުވިއެވެ.

މި މަސައްކަތަށް އިތުރު ޤާނޫނީ ބާރު ދިނުމުގެ ގޮތުން، އޮކިއުޕޭޝަނަލް ހެލްތު އެންޑް ސޭފްޓީ ބިލު، މިހާރު ވަނީ ރައްޔިތުންގެ މަޖިލީހަށް ފޮނުވާފައިކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ، މި ބިލުގެ ސަބަބުން، މުވައްޒަފުންގެ އިޖުތިމާޢީ އަދި ޞިއްޙީ ރައްކާތެރިކަން އިތުރަށް ކަށަވަރުވެ، ވަޒީފާ ދޭ އަދި ވަޒީފާ އަދާކުރާ މީހުންގެ ޒިންމާ ކަނޑައެޅިގެންދާނެ ކަމަށެވެ. އަދި މަސައްކަތްތެރިންގެ ޞިއްޙީ ދުޅަހެޔޮކަމާއި ސަލާމަތާ ގުޅޭގޮތުން ނިންމާ ނިންމުންތަކާއި، ދިމާވާ މައްސަލަތައް ޙައްލުކުރުމުގައި ބަސްބުނުމުގެ ޙައްޤު މަސައްކަތްތެރިންނަށް ލިބިގެންދާނެ ކަމަށެވެ.

މި ބިލުން ނުކުންނާނެ އަނެއް ނަތީޖާއަކީ، ގެއްލުމުގެ ބަދަލު ލިބިދިނުމުގެ ޙައްޤު ބަޔާންކުރުން ކަމަށާއި، މީގެ އިތުރުން މި ބިލުން މަސައްކަތުގެ މާޙައުލުގެ ޞިއްޙީ ރައްކާތެރިކަން ކަށަވަރު ކުރުމާ ގުޅޭގޮތުން ސިޔާސަތުތައް ކަނޑައެޅުމަށް މަގުފަހިވެގެންދާނެކަމަށް ރައީސް ވިދާޅުވިއެވެ. ރައީސް ވަނީ މި ބިލު ދިރާސާ ކުރައްވައި، ވަރަށް އަވަހަށް މަޖިލީހުން މި ބިލު ނިންމަވައި ދެއްވުމަށް އެދިވަޑައިގެންފައެވެ.

''ރާއްޖޭގައި ޔޫނިއަންތައް ރަޖިސްޓްރީކޮށް ހިންގޭނެ މަގެއް ކޮށައިދިނުމަކީ ވެސް، މަސައްކަތްތެރިންގެ ޙައްޤުގައި ކޮށްދޭންޖެހޭ މުހިންމު މަސައްކަތެއް. އެކަމަށް ބޭނުންވާ އިންޑަސްޓްރިއަލް ރިލޭޝަންސް ބިލް އެކުލަވައިލުމުގެ މަސައްކަތް މިހާރު އޮތީ ނިމިފައި. އިރާދަކުރެއްވިއްޔާ މި ފެށޭ ހަފްތާގެ ތެރޭގައި، އެ ބިލް އަޅުގަނޑު މަޖިލީހަށް ފޮނުވައިދޭނަން.'' ރައީސް ވިދާޅުވެފަވެއެވެ.

އިންޑަސްޓްރިއަލް ރިލޭޝަންސް ބިލާ މެދު ހުރި ކަންބޮޑުވުންތައް، މޯލްޑިވްސް ޓްރޭޑް ޔޫނިއަން ކޮންގްރެސް ޔޫނިއަންގެ ފަރާތުން އެމަނިކުފާނާ ބައްދަލުކޮށް ޙިއްޞާ ކުރެއްވި ކަމަށާއި، އަދި އެ ބޭފުޅުން ފާހަގަކުރެއްވި ކަންތައްތަކަށް ރިޢާޔަތްކޮށް، އެ ބިލު މިހާރު އޮތީ އަލުން މުރާޖަޢާކޮށްފައި ކަމަށް ވެސް ރައީސް ވަނީ ވިދާޅުވެފައެވެ.

''މި ބިލު، ޤާނޫނަކަށްވުމުން، ޔޫނިއަންތައް އުފައްދައި ހިންގުމުގެ ޙައްޤު މަސައްކަތްތެރިންނަށް ޤާނޫނީގޮތުން ކަށަވަރުވެގެންދާނެ. އަދި ވަޒީފާ ދޭ މީހުންނާއި ވަޒީފާ އަދާކުރާ މީހުންނާ ދެމެދު އުފެދޭ މައްސަލަތަކާއި ދެބަސްވުންތައް ޙައްލުކުރުމަށް ހަރުދަނާ ނިޒާމެއް ކަނޑައެޅިގެންދާނެ. ހަމައެފަދައިން، ދެ ފަރާތުގެ ދެމެދުގައި އުފެދޭ ދެބަސްވުންތައް، ވާހަކަ ދައްކައިގެން ޙައްލުކޮށް، ވަޒީފާ ދޭ މީހުންނާއި ވަޒީފާ އަދާކުރާ މީހުންނާ ދެމެދު ބަދަހި ގުޅުމެއް އުފެއްދުމަށް މަގުފަހިވެގެން ދާނެ.'' ރައީސް ވިދާޅުވެފަވެއެވެ.